ކުޅިވަރު

މެޑްރިޑްގެ ދެޓީމުގެ ކުރިމަތިލުން ހަމަހަމަ

ސްޕެނިޝް ލަލީގާގައި ރެއާލް މެޑްރިޑާއި އެތުލެޓިކޯ މެޑްރިޑް ބައްދަލުކުރި މެޗު ދެޓީމުކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި ޕޮއިންޓަކުން ފުއްދާލަން ޖެހިއްޖެއެވެ.

ރޭގެ މެޗަށް ރެއާލް މެޑްރިޑް ނިކުތްއިރު، ވާދަވެރި ބާސެލޯނާ ވަނީ އެތުލެޓިކް ބިލްބާއޯ ބައްދަލުކުރި މެޗުން އެއްވަރުވެފައެވެ. އެހެންކަމުން ރޭގެ މެޗުން މޮޅުވެ ޓޭބަލްގެ އެއްވަނަ ހޯދުމަށް ރެއާލް މެޑްރިޑަށް ލިބުނު ފުރުޞަތު ވަނީ ގެއްލިފައެވެ.

ބާސެލޯނާއާއި ރެއާލް މެޑްރިޑަށް ވެސް ލިބިފައިވަނީ 7 މެޗުން 14 ޕޮއިންޓެވެ. ނަމަވެސް ގޯލުގެ ތަފާތުން ޓޭބަލްގެ ކުރީގައި އޮތީ ބާސެލޯނާއެވެ. މިހަފްތާގެ މެޗުތަކުން ރެއާލް އަށާއި ބާސާއަށް މޮޅެއް ނުލިބުމުގެ އެންމެ ބޮޑު ފައިދާއެއް ނެގީ ސެވިއްޔާއެވެ. އެއިބާ އާ ބައްދަލުކުރި މެޗު 1-3 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އެޓީމު އޮތީ މި ދެޓީމަށްވުރެއް އެއްޕޮއިންޓު ފަހަތުން ތިންވަނައިގައެވެ.

ރޭގެ މެޗުގައި ގިނައިރު ބޯޅަ ހިފަހައްޓާ ގިނަ ހަމަލާ އުފެއްދީ ރެއާލް މެޑްރިޑުންނެވެ. އެގޮތުން، އެޓީމުގެ މާކޯ އަސެންސިއޯ އާއި، ކަރީމް ބެންޒެމާގެ ފަރާތުން ގިނަ ހަމަލާތަކެއް ފެނިގެންދިޔައެވެ. އެތުލެޓިކޯއަށް ލިބުނު އެންމެ ރަނގަޅު ފުރުޞަތު ލިބުނީ އެޓީމުގެ ފްރާންސްގެ ތަރި އެންޓޮއިން ގްރީޒްމަންއަށެވެ. އޭނާ މުޅިން ހުސްކޮށްހުރެ ފޮނުވާލި ހަމަލާ ރެއާލްއަށް މިސީޒަނުގައި ބަދަލުވި ޗެލްސީގެ ކުރީގެ ކީބަރު ޓިބައުޓް ކޯޓުއާ ވަނީ ހުށިޔާރުކަމާއެކު ދިފާޢުކޮށްފައެވެ. ކޯޓުއާއަކީ ޗެލްސީއަށް ބަދަލުވުމުގެ ކުރިން އެތުލެޓިކޯ މެޑްރިޑްގެ ގޯލްކީޕަރުކަންވެސް ކޮށްފައިވާ ކުޅުންތެރިއެކެވެ. އަދި ރެއާލް އަށާއި އެތުލެޓިކޯ އަށް ކުޅުމުގެ ޝަރަފު ހޯދި ހަމައެކަނި ގޯލްކީޕަރަށް އޭނާވަނީ ވެފައެވެ.

ރޭގެ މެޗު ފެށުމުގެ ކުރިން ރެއާލް މެޑްރިޑްގެ ކުޅުންތެރިންގެ ތެރެއިން ފީފާއިން ހޮވާ ޑްރީމް ޓީމް (ފިފް ޕްރޯ) އެގާރައިގައި ހިމެނުނު އެޓީމުގެ ޑިފެންޑަރު ސާޖިއޯ ރާމޮސް އާއި، މާސެލޯއާއި، ރަފައޭލް ވެރާން އާއި މިޑްފީލްޑަރު ލޫކާ މޮޑްރިޗް އަށާއި ގޯލްކީޕަރު ކޯޓުއާވަނީ އެވޯޑް ދައްކާލާފައެވެ.

މިއީ ރެއާލް މެޑްރިޑްގެ އަމިއްލަ ދަނޑުގައި އެތުލެޓިކޯ މެޑްރިޑް ބަލިނުވެ ހަމަކުރި ހަވަނަ މެޗެވެ.