އެމްއެމްޕީއާރްސީ

އެމްއެމްޕީއާރްސީގެ ފައިސާގެ ގޮތުގައި އޭސީސީއާ ހަވާލުކުރީ ޒަމީރުގެ ޗެކެއް، އާޒިމާއާ ސުވާލުކުރަނީ އެމައްސަލައިގައި

2

މޯލްޑިވްސްގެ އިސްލާމިކް ބޭންކުގައި އޮންނަ ރައީސް ޔާމީންގެ އެކައުންޓެއްގައި ހުރި އެމްއެމްޕީއާރްސީގެ ފައިސާ ހަވާލުކުރުމަށް އޭސީސީން އެންގުމުން، އެފައިސާ ހަވާލުކޮށްފައި ވަނީ ޕީޕީއެމްގެ ނައިބު ލީޑަރު އަދި އޭރުގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރުގެ ޗެކަކުންކަން "ވަން އޮންލައިން"އަށް އެނގިއްޖެ އެވެ. ވަން އޮންލައިން އަށް އިތުރަށް އެނގިފައިވާ ގޮތުގައި މަނީ ލޯންޑަރިންގެ ތުހުމަތުކޮށް، ރައީސް އޮފީހުގެ ކުރީގެ ލީގަލް މިނިސްޓަރު އާޒިމާ ޝަކޫރާ ފުލުހުން ސުވާލުކުރަނީ އެ މައްސަލައާ ގުޅުވައިގެންނެވެ.

މި ކަމާ ގުޅޭ ގޮތުން އާޒިމާ އަށް ވަން އޮންލައިން އިން ސުވާލު ދެންނެވުމުން އޭނާ ވިދާޅުވީ މައްސަލަ ފުލުހުން މި ވަގުތުހު ތަހުގީގު ކުރަމުން ދާތީ ކޮމެންޓެއް ކުރައްވަން ބޭނުންފުޅު ނުވާ ކަމަށެވެ. އެހެން ނަމަވެސް އާޒިމާ އެކަން ދޮގެއް ނުކުރައްވަ އެވެ.

ރައީސް ޔާމީންގެ ނަންފުޅުގައި މޯލްޑިވްސް އިސްލާމިކް ބޭންކުގައި ހުރި އެމްއެމްޕީއާރްސީގެ އެއް މިލިއަން ޑޮލަރު ޖަމާކުރުމަށް އޭސީސީ އާއި ރައީސް ޔާމީން އެއްބަސްވެވަޑައިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގައި ވަނީ އެސްކްރޯ އެކައުންޓެއް ހުޅުވައިފަ އެވެ. އެސްކްރޯ އެކައުންޓަކީ ދެފަރާތަކުން އެއްބަސްވާ ގޮތަކަށް ފައިސާ ބެހެއްޓުމަށް ހުޅުވާ ބޭންކް އެކައުންޓެކެވެ.

"ވަން އޮންލައިން" އަށް އެނގިފައިވާ ގޮތުގައި ބީއެމްއެލްއަށް އެއް މިލިއަން ޑޮލަރު ޖަމާވެއްޖެކަން އޭސީސީއަށް އެންގެވީ އާޒިމާ ޝަކޫރު އެވެ. އޭނާ އޭސީސީއަށް އެކަން އަންގަވައިފައި ވަނީ ރައީސް އޮފީހުގެ ރަސްމީ ލެޓަހެޑުގައި އެ އޮފީހުގެ ލީގަލް އެފެއަޒް މިނިސްޓަރުގެ ހައިސިއްޔަތުންނެވެ. އެކަން އާޒިމާ އޭސީސީއަށް އެންގެވީ އެއްމިލިއަން ޑޮލަރު އެ އެކައުންޓަށް ޖަމާވުމުންނެވެ.

ފުލުހުން އާޒިމާއާ ސުވާލުކުރާ މައްސަލައަކީ، ބީއެމްއެލްގައި ހުޅުވި އެސްކްރޯ އެކައުންޓަށް ވަދެފައި ވަނީ، އިސްލާމިކް ބޭންކުގެ ރައީސް ޔާމީންގެ އެކައުންޓުގައި ހުރި ފައިސާ ކަމަށް ނުވާ އިރު، ފައިސާ ޖަމާވެއްޖެ ކަމަށް އޭސީސީއަށް އެންގެވުމާ ގުޅިގެންނެވެ.

މި މައްސަލައިގައި އާޒިމާ މިހާރު ވަނީ ދެފަހަރެެއްގެ މަތީން ފުލުސް އޮފީހަށް ހާޒިރުކޮށްފަ އެވެ. ވަން އޮންލައިނަށް އެނގިފައިވާ ގޮތުގައި ދާދި ފަހުން މޫސާ ޒަމީރުވެސް ފުލުސް އޮފީހަށް ހާޒިރުކޮށްފައި ވަނީ އެމައްސަލައިގަ އެވެ.

އޭސީސީ އާއި ރައީސް ޔާމީނާ ދެފަރާތުން، ސޮއިކޮށްފައިވާ އެއްބަސްވުމެއްގެ ދަށުން ބީއެމްއެލްގައި ހުޅުވާފައިވާ އެސްކްރޯ އެކައުންޓަށް މޫސާ ޒަމީރުގެ ޗެކަކުން އެއް މިލިއަން ޑޮލަރު ޖަމާކޮށްފައިވާ އިރު، ރައީސް ޔާމީންގެ އިސްލާމިކް ބޭންކުގެ އެކައުންޓުގައި ހުރި އެއްމިލިއަން ޑޮލަރު ބީއެމްއެލްގައި ހުޅުވި އެކައުންޓަށް ޖަމާ ނުކުރީ ކީއްވެތޯ ވަނީ ސުވާލު އުފެދިފަ އެވެ. އަދި ރައީސް ޔާމީންގެ އިސްލާމިކް ބޭންކުގެ އެކައުންޓަށް ވަން އެމްއެމްޕީއާރްސީގެ އެއްމިލިއަން ޑޮލަރު އަދިވެސް ހުރީ އެ އެކައުންޓުގައިތޯ ނުވަތަ އެމަނިކުފާނު އެފައިސާ ބޭނުންފުޅުކުރައްވައިފައި ވާތީ ޒަމީރުގެ ޗެކަކުން އަލަށް ހެދި އެސްކްރޯ އެކައުންޓަށް އެއްމިލިއަން ޑޮލަރު ޖަމާކުރީތޯވެސް މިހާރު ވަނީ ސުވާލު އުފެދިފަ އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟