ޚަބަރު

މާފިއާ ޑްރަގް ނެޓްވޯކުގައި މަސައްކަތްކުރާ ދިވެހިންތަކެއް އިންޑިއާ އިން ހައްޔަރުކޮށްފި

މާފިއާ ޑްރަގް ނެޓްވޯކުގައި މަސައްކަތްކުރާ ދިވެހިންތަކެއް އިންޑިއާ އިން ހައްޔަރުކޮށްފިއެވެ.

ދަ ނިއު އިންޑިއަން އެކްސްޕްރެސް ނޫހުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ހައްޔަރުކުރި ހަތަރު މީހުންގެ ތެރެއިން ތިން މީހުންނަކީ ދިވެހިންނެވެ. އަދި އަނެއް މީހަކީ އިންޑިއާގެ ރައްޔިތެއް ކަމަށް އެ ނޫހުން ބުނެއެވެ.

އިންޑިއާގެ ޓެމިލް ނާޑޫ އިން ހައްޔަރުކުރި މީހުންގެ އަތުން 4.5 ކްރޯޑު ރުޕީސްގެ އަގުހުރި 1.5 ލީޓަރު ހޭޝްއޮއިލް އަތުލައިގަންފައިވެއެވެ. އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އިންޑިއާގެ އެންތޮނީ ސާމީ އާއި ރާއްޖޭގެ އާޒިމް ހަބީބާއި މުހައްމަދު ސަފޫފު އަދި ޝިފާ އިބްރާހީމް ކަމަށް އެ ނޫހުން ރިޕޯޓުކުރެއެވެ.

ފުލުހުންނާ ހަވާލާދީ ދަ ނިއު އިންޑިއަން އެކްސްޕްރެސް ނޫހުން ބުނެފައިވަނީ އެ މައްސަލައިގައި ހައްޔަރުކޮށްފައިވާ ދިވެހިންނަކީ މާފިއާއާ ގުޅުން އޮންނަ ހޮންކޮންގެ ކޮނާ ގޯލްޑް ގްރޫޕަށް ނިސްބަތްވާ ބައެއް ކަމަށެވެ. އަދި އެމީހުންނަކީ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯގެ "ވޯންޓަޑް ލިސްޓު"ގައި ހިމެނޭ ތިން މީހުން ކަމަށް ސިޓީ ޕޮލިސް ކޮމިޝަނަރު އެމްޕީ ޑިނޭޝްއާ ހަވާލާދީ އެ ނޫހުން ބުނެފައިވެއެވެ.

އެމީހުން ރާއްޖެ، އިންޑިއާ، ތައިލެންޑު އަދި ސިންގަޕޫރަށް ގިނަ ދަތުރުތަކެއް ކޮށްފައިވާ ކަމަށް އެމީހުންގެ ޕާސްޕޯޓުތަކުން ދައްކާ ކަމަށް ވެސް އެ ނޫހުން ރިޕޯޓުކޮށްފައިވެއެވެ.