ކުޅިވަރު

ޗެލްސީ އާއި ލިވަޕޫލް ޕޮއިންޓަކުން ފުއްދާލައިފި

އިނގެރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީ އާއި ލިވަޕޫލް ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެ ދެޓީމު ޕޮއިންޓަކުން ފުއްދާލައިފިއެވެ.

ޗެލްސީގެ އަމިއްލަ ދަނޑުކަމަށްވާ ސްޓެމްފޯޑް ބްރިޖުގައި ރޭ ކުޅުނު މެޗުގައި ޗެލްސީއަށް ލަނޑުޖަހާ ލީޑު ނަގައިދީ ރަނގަޅު ފޯމެއްގައިހުރި އޭޑަން ހަޒާޑެވެ. މެޗުގެ 25 ވަނަ މިނެޓުގައި ހަޒާޑް މިލަނޑު ކާމިޔާބުކުރީ މިސީޒަނުގައި ޗެލްސީއަށް ބަދަލުވި ކްރޮއޭޝިއާގެ މިޑްފީލްޑަރު މަޓިއޯ ކޮވަސިޗް ދުއްވާލި ރީތި ޕާހަކުންނެވެ. ހަޒާޑުގެ މިލަނޑާއެކި ޗެލްސީއިން ގިނައިރު ބޯޅަ ހިފަހައްޓާ ގިނަ ހަމަލާ އުފައްދަން މަސައްކަތްކުރިއެވެ.

ނަމަވެސް، ލިވަޕޫލުންވެސަ ދިޔައީ ކައުންޓާގައި އެޓީމުގެ ޑިފެންސަށް ބާރުބޮޑު ކުރަމުންނެވެ. އެގޮތުން އެޓީމުގެ މުޙައްމަދު ސަލާޙްއަށް ލަނޑުޖަހަން ރަނުގެ ފުރުޞަތެއްލިބި ބޭކާރުވިއެވެ. ޗެލްސީގެ ގޯލްކީޕަރުގެ ކައިރިން ނައްޓާލުމަށްފަހު ގޯލަށް ފޮނުވާލަން ލަސްކޮށްލުމުން ޖެހޭގޮތެއް ނުވިއެވެ.

ލިވަޕޫލަށް މިމެޗުގައި ލަނޑެއްޖަހާ ޕޮއިންޓެއް ކަށަވަރުކޮށްދިނީ ދެވަނަ ހާފުގައި ސަލާޙްގެ ބަދަލުގައި ކުޅެން ނިކުތް ޑެނިއެލް ސްޓަރިޖްއެވެ. މެޗުގެ 89 ވަނަ މިނެޓުގައި ޒެރްދާން ޝަކީރީ ދިން ޕާހަކުން ސްޓްރިޖް މިލަނޑު ކާމިޔާބުކުރީ ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ބޯޅަ ޗެލްސީގެ ގޯލްކީޕަރު ކެޕާ އަރިޒަބަލާގާގެ ބޯމަތިން ގޯލުގެ މަތީ ކަނަށް ވައްދާލައިގެންނެވެ.
ޓޭބަލްގެ އެއްވަނައިގައި 19 ޕޮއިންޓާއެކު އޮތީ މިރޭ ބްރައިޓަން އަތުން ފަަސޭހަކަމާއެކު މޮޅުވި މެންޗެސްޓާރ ސިޓީއެވެ. ހަމަ އެއަދަދަށް ޕޮއިންޓު ހޯދައިގެން ލިވަޕޫލް ދެވަނައިގައި އޮތީ ފައިދާ ގޯލުގެ ތަފާތުންނެވެ. ތިންވަނައިގައި ޗެލްސީ އޮތީ 17 ޕޮއިންޓާއެކުއެވެ. ކޮންމެ ޓީމެއް 7 މެޗުކުޅެ ނިމުނުއިރު މި ތިން ޓީމުކުރެ އެެއްވެސް ޓީމެއް އަދި ލީގުގައި ބަލިނުވެއެވެ.