ސްޕެނިޝް ލަލީގާގައި ބާސެލޯނާއާއި އެތުލެޓިކް ބިލްބާއޯ ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެއްޖެއެވެ. މިއީ ލީގުގައި ބާސާއަށް މޮޅެއްނުލިބި ޖެހިޖެހިގެން ނިމުނު ތިންވަނަ މެޗެވެ. ލީގުގައި ޖިރޯނާ އާ ދެކޮޅަށް ކުޅެ 2-2 އިން އެއްވަރުވެ، އެންމެފަހުން ލެގަނޭސް އާ ދެކޮޅަށް ކުޅުނު މެޗުން 1-2 ގެ ނަތީޖާ އަކުން ވަނީ ބަލިވެފައެވެ.

ރޭގެ މެޗުގައި ކުރިން ލަނޑުޖަހާ ލީޑުނެގީ ބިލްބާއޯ އިންނެވެ. ފުރަތަމަ ހާފުގެ 41 ވަނަ މިނެޓުގައި އެޓީމަށް ލަނޑުޖަހާދިނީ އޮސްކާ ޑި މާކޮސް އެވެ. ބާސެލޯނާގެ މުހިއްމު ދެކުޅުންތެރިން ކަމަށްވާ ލިއޮނަލް މެސީ އާއި ސާޖިއޯ ބުސްކުއެޓްސް ނުލާ ފެށި މިމެޗުގައި އެޓީމަށް ލަނޑުޖަހާ ޕޮއިންޓެއް ހޯދައިދިނީ ދެވަނަހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް މުނީރް އެލް ހެދާދީއެވެ. މެޗުގެ 84 ވަނަ މިނެޓުގައި މުނީރް މިލަނޑު ކާމިޔާބުކުރީ ދެވަނަ ހާފުގައި ކުޅެން ނިކުތް މެސީ ތަނަވަސްކުރި ފުރުޞަތެއްގައެވެ.

ބާސެލޯނާއިން މިމެޗުގައި ގިނަ ހަމަލާތަކެއް އުފެއްދިއެވެ. ނަމަވެސް، މެސީ އާއި، ސުއަރޭޒް އާއި ކުޓީނިއޯގެ ހަމާތައް އަމާޒުވީ ބިލްބާއޯގެ ގޯލުގެ ދަނޑިއަށެވެ.

މިއީ ހަފްތާއެއްގެ ތެރޭގައި ބާސެލޯނާއަތުން އެންމެ ގިނަ އަދަދަކަށް ޕޮއިންޓު ގެއްލުނު ފުރަތަމަ ފަހަރެވެ. ތިންމެޗު ކުޅުނުއިރު 7 ޕޮއިންޓު އެޓީމުއަތުން ވަނީ ގެއްލިފައެވެ. 14 ޕޮއިންޓާއެކު ޓޭބަލްގެ އެއްވަނައިގައި ބާސެލޯނާ އޮތްއިރު، މިރޭ އެތުލެޓިކޯ މެޑްރިޑް އަތުން މޮޅުވެއްޖެނަމަ 16 ޕޮއިންޓާއެކު ވާދަވެރި ރެއާލް މެޑްރިޑް އެއްވަނައަށް އަރާނެއެވެ.