ޓެކްނޮލޮޖީ

މިއަދު ތިނެއް ޖަހާއިރު ޒަކަބާގްގެ ފޭސްބުކް އެކައުންޓް ޑިލީޓްކުރާނެ

މުހައްމަދު އައުޒަމް

ފޭސްބުކް ގެ ފައުންޑަރ މާރކް ޒަކަބާގްގެ ގެ ފޭސްބުކް އެކައުންޓް ޑިލީޓްކުރާނެ ކަމުގެ އިންޒާރު ދީފިއެވެ. ވައިޓް ހެޓް ހެކަރގެ ނަމުން މަޝްހޫރުވެފައިވާ ޗަންގް ޗިޔުއާން މި އިންޒާރުދިނީ އޭނާ ޒަކަބާގް ދެކެ އަންނަ ރުޅީގެ ސަބަބުންނެވެ.

ޗިޔުއާން ގެ ބަޔާނުގައި އޭނާވަނީ ޒަކަބާގްގެ އެކައުންޓް ހެކްކޮށް ޑިލީޓް ކުރާ ވަގުތު އިންޓަނެޓުން ލައިވް ކުރާނެކަމަށް އަންގާފައެވެ. ޗިޔުއާން ބުނެފައިވާ ގޮތުން ނަމަ ޒަކަބާކްގެ އެކައުންޓް ޑިލީޓް ކުރަން ރާއްޖޭ ގަޑިން މިއަދު މެންދުރުފަހު ތިނެއް ޖަހާއިރު ފަށާނެ އެވެ.

ޗިޔުއާން އޭނާގެ ސޯ ޝަލް މީޑިއާ ޕްލެޓްފޯމް ތަކުގައި ހާމަކޮށްފައިވާ ޕޯސްޓެއްގައި އޭނާވަނީ ޒަކަބާގްގެ ފޭސްބުކް އެކައުންޓް ހެކްކޮށް އެ އެކައުންޓް ޑިލީޓްކުރާނެ ކަމުގެ އިންޒާރުގައި ޒަކަބާގް އަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. ފޭސްބުކް ގެ ޑޭޓާ ލީކުވުމުގެ މައްސަލަ މިހާރުވެސް ވަނީ ފެންމަތިވެފައެވެ. ޔޫރަޕިއަން ޔޫނިއަން އިން ވަނީ ފޭސްބުކް އަށް މިކަމާ ގުޅިގެން އިންޒާރުވެސް ދީފައެވެ.

އިއްޔެވެސް ހެކަރުން ވަނީ ފޭސްބުކްގެ "ވިއު އޭސް" ފީޗާ ބޭނުންކޮށް، "ޓޯކަންސް" މެދުވެރިކޮށް ޕާސްވޯޑަކާ ނުލައި، އެ އެކައުންޓުތަކަށް ވަދެފައެވެ. އެކައުންޓުތަކަށް ވަދެ، އެ އެކައުންޓުތަކުގެ މެސެޖުތަކާއި ފޮޓޯ އަދި ޕޯސްޓުތަކަށް ހެކަރުން ވަނީ އެކްސެސް ވެފައެވެ. މިމައްސަލަ ވަނީ ފޭސްބުކްގެ 50 މިލިއަން އެކައުޓްތަކަށް ކުރިމަތިވެފައެވެ.

އުމުރުން 24 އަހަރުގެ ޗިޔުއާން އަކީ އޭނާގެ ގައުމު ޓައިވާން ގައިވެސް ވަރަށް މަޝްހޫރު މީހެކެވެ. އޭނާއަކީ ވެބްސައިޓުތަކަށް ދިމާވާ ބަގްތައް ހޯދާ އެބަގް ތަކުން ސަލާމަތް ވާނެ ގޮތް ހޯދާ ކުޅަދާނަ މީހެކެވެ. ޗިޔުއާން ގެ ފޮލޯވާސް މިހާރުވަނީ 26،000 އަށް އަރާފައެވެ.