އިނގިރޭސި ޕްރިމިއާ ލީގު

‎ޔުނައިޓެޑް ބަލިވެ މޮރީނިއޯ ހާސްކަމުގެ ތެރެއަށް

އަހުމަދު ޔަޝާއު

‎އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ވެސްޓްހޭމް ޔުނައިޓެޑް އަތުން ބަލިވެ މެންޗެސްޓާ ޔުނައިޓެޑް، ތާވަލުގެ ދިހަވަނައަށް ވެއްޓި އެޓީމުގެ ކޯޗު ހޯސޭ މޮރީނިއޯގެ ވަޒީފާ ގެއްލިދާނެކަމުގެ ބިރު ހީވާން ފަށައިފިއެވެ.

ވެސްޓްހޭމް ޔުނައިޓެޑްގެ އަމިއްލަ ދަނޑުގައި ކުޅުނު އެ މެޗު އެޓީމުން ކާމިޔާބުކުރީ 1-3 ގެ ނަތީޖާއަކުންނެވެ.

މެޗު ފެށިތާ މާގިނައިރެއް ނުވެ މިސީޒަނުގައި އެޓީމަށް ރެކޯޑް ފީއެއްގެ އަގަކަށް ގެނައި ފެލިޕޭ އެންޑަސަން ވަނީ ލަނޑެއް ޖަހައި ލީޑު ނަގައިދީފައެވެ. އަދި މެޗުގެ ފުރަތަމަ ހާފް ނިމެން މިނެޓަކަށް ވެފައިވަނިކޮށް ވެސްޓްހޭމުން އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 0-2 އަށް ބަދަލުކޮށްލިއެވެ. އެ ލަނޑަކީ ޔުނައިޓެޑުގެ ޑިފެންޑަރު ވިކްޓާ ލިންޑެލޯފް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މެޗުގެ ދެވަނަ ހާފުގައި ވެސް މޮޅަށް ކުޅެ ގިނަ ހަމަލާ އުފެއްދީ ވެސްޓްހޭމުންނެވެ. އެގޮތުން އެޓީމުގެ އަނާޓޮވިޗަށް ލިބިނު ފުރުސަތު ފާހަގަކޮށްލެވެއެވެ. މެޗުގެ 71 ވަނަ މިނެޓުގައި ޔުނައިޓެޑުން ލަނޑެއް ޖަހައި މެޗުގެ ތެރެއަށް އަނބުރާ އައެވެ. އެ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ލޫކް ޝޯ ނަގައިދިން ކޯނަރަކުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް މާކަސް ރަޝްފޯޑެވެ.

ރަޝްފޯޑު ލަނޑު ޖެހިތާ މާގިނައިރެއް ނުވެ ވެސްޓްހޭމްގެ މާކް ނޯބަލް ވަރަށް ބަލާލާފައި ދިން ޕާހަކުން މާކޯ އަނާޓޮވިޗް ވަނީ އިތުރު ލަނޑެއް ޖަހައި އެޓީމަށް އަލުން ލީޑު ފުޅާކޮށްދީފައެވެ. މިއީ ލީގުގައި ޔުނައިޓެޑް ބަލިވި ތިންވަނަ މެޗެވެ. އެޓީމު ވަނީ ޓޮޓެންހަމް އަތުންނާއި ބްރައިޓަން އަތުންވެސް ބަލިވެފައެވެ.

ލީގުގައި އެންމެ ފަހުން ކުޅުނު މެޗުން ވުލްސްއާ ދެކޮޅަށް ކުޅެ އެއްވަރުވުމުންނާއި ކަރަބާ ކަޕްގައި ޑާބީ ކައުންޓީ އަތުންް ބަލިވެ ކެޓުމުން މޮރީނިއޯއަށް އަންނަނީ ގިނަ ފާޑުކިޔުންތައް އަމާޒުވަމުންނެވެ. އޭގެ އިތުރުން ޔުނައިޓެޑްގެ ޕޯލް ޕޮގްބާއާއި ދެމެދު ގުޅުންވެސް ވަނީ ގޯސްވެފައެވެ. ގިނަ މީޑިއާތަކުން އެޓީމުގެ ކޯޗަކަށް ކުރީގެ ރެއާލް މެޑްރިޑްގެ ކޯޗަކަށް ހުރި ފްރާންސްގެ ޒައިނުއްދީން ޒިދާން ގެންނަން އުޅޭ ކަމުގެ ވާހަކަތައްވެސް ދެކެވެއެވެ.

ޔުނައިޓެޑަށް ދެން އޮންނާނީ މިހަފްތާގެ ޗެމްޕިއަންސް ލީގުގައި ސްޕެއިންގެ ވެލެންސިއާއާ ދެކޮޅަށް ކުޅޭ މެޗެވެ.