ޗައިނާގެ ގައުމީ މީޑިއާތަކުން މަޢުލޫމާތު ދޭގޮތުގައި އެފްރިކާ ސަރަހައްދުން ފެތުރެންފެށި ސްވައިން ފްލޫގެ ސަބަބުން ފާއިތުވެދިޔަ އޯގަސްޓް މަހު އެކަނިވެސް ހާހަކަށް ވުރެގިނަ އަދަދެއްގެ އޫރު މަރުވެފައިވެ އެވެ. މިހާތަނަށް 38000 އަށް ވުރެ ގިނަ އޫރު މަރުވެފައިވާކަމަށް މައުލޫމާތު ލިބެއެވެ.
ސްވައިން ފްލޫއަކީ އިންސާނުންނަށް ނުރައްކާތެރި ބައްޔަކަށް ނުވިކަމުގައިވީނަމަވެސް ޖަނަވާރުންނަށް މިކަމުން ނުރައްކާތެރި އަސަރުތަކެއް ކުރެއެވެ. މިކަމުގެ ސަބަބުން ޗައިނާގެ އޫރުމަހުގެ ވިޔަފާރި ހުއްޓޭވަރުގެ އަސަރުތަކެއްކޮށް އިގްތިސާދީ ގޮތުން ބޮޑެތި ގެއްލުން ތަކެއް ދަނީ ވަމުންނެވެ.
ޔޫއެން ގެ ފުޑް އެންޑް އެގްރިކަލްޗަރ އޯގަނައިޒޭޝަނުން ހާމަކޮށްފައިވާގޮތުން ޗައިނާއަކީ ދުނިޔޭގެ ނިސްބަތުން އެންމެ ގިނައިން އޫރުމަސް ބޭނުންކުރާ އަދި އޫރުމަހުގެ އެކި އުފެއްދުންތައް އެންމެ ގިނައިން އުފާއްދާ ގަައުމެވެ.
ޗައިނާގެ އެގަރިކަލްޗަރ އެންޑް ރޫރަލް އެފެއާޒް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން ސްވައިން ފްލޫގެ ސަބަބުން މަހުގެ އުފެއްދުން ތަކުގެ އަގު ހަތް ޕަސެންޓު މައްޗަށް އަރާފައިވެ އެވެ. އޫރުމަހުގެ އަގު މަތިވެފައިވާއިރު އަދިވެސް އަގު އުފުލޭނެކަމަށް ދިރާސާތަކުން ވަނީ ދައްކަން ފަށާފައެވެ. މިކަމުގެ ސަބަބުން އޫރު މަސް ބޭނުންކޮށްގެން އުފައްދާ ބާވަތް ތަކުގެ ސަޕްލައި ދަށްވެ ބޮޑުގެއްލުމަކާ ކުރިމަތި ލާން ޖެހޭނެ އެވެ.
ސްވައިން ފްލޫގެ ސަބަބުން ޗައިނާގެ އޫރުމަހުގެ އަގުތަކަށް އަންނަން ފެށި ބޮޑެތިބަދަލުތަކުގެ ސަބަބުން އެގައުމުގެ އިންފްލޭޝަން އަށް ވެސް އޭގެ އަސަރުކޮށް ޗައިނާގެ ސެންޓްރަލް ބޭންކުގެ މަނިޓަރީ ޕޮލިސީތަކަށް ވެސް ބަދަލުގެންނަން ޖެހިފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ޗައިނާ ސަރުކާރުގެ އިދާރާތަކުން މިހާރުވަނީ އޫރުމަހުގެ އުފެއްދުންތައް ވިއްކާ ބާޒާރުތައް ބަންދުކޮށް ދިރޭ އޫރު އެއްތަނުން އަނެއްތަނަށް ގެންދިއުން ވެސް ވަނީ މަނާކޮށްފައެވެ. އަދި ސްވައިން ފްލޫގެ ވައިރަސް ސެންޓްރަލް ޗައިނާ އާއި ހަމަޔަށް ފެތުރުމުގެ ނުރައްކާ އެބައޮތް ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.