Close
ދުނިޔެ

އެމެރިކާގެ "މޯސްޓް އެޑްމަޔާޑް ވުމަން"ގެ މަގާމު މިޝޭލް އޮބާމާ އަށް

މިއަހަރަކީ އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ އަނބިކަނބަލުން މިޝޭލް އޮބާމާއަށް ވަރަށް ކާމިޔާބު އަހަރެކެވެ.

މިޝޭލްގެ އަމިއްލަ ދިރިއުޅުއްވުމުގެ މައްޗަށް ބިނާކޮށް އޭނާ އަމިއްލައަށް ލިޔުއްވައިފައިވާ ފޮތް "ބިކަމިން" ލޯންޗު ކުރުމުގެ އިތުރުން މިއަހަރުގެ ތެރޭގައި މިޝޭލްގެ ނަން ވަނީ އެކި ގޮތްގޮތުން މަގުބޫލުކަން ހޯދައިފަ އެވެ.

މިފަހަރު މިއޮތީ 17 އަހަރު ކުރީއްސުރެ އެހެން ބޭފުޅަކު ހޯއްދަވަމުން ގެންދެވި މަގާމު ވެސް މިޝޭލް ހޯއްދަވައިފައެވެ. ކޮންމެ އަހަރަކު އެމެރިކާގައި ކުރިއަށް ގެންދާ ޕޯލްއެއް ކަމަށްވާ "އެމެރިކާސް މޯސްޓް އެޑްމަޔާޑް ވުމަން" މިފަހަރު ކާމިޔާބު ކުރީ މިޝޭލް އޮބާމާއެވެ. މި ޕޯލްގައި މިދިޔަ 17 އަހަރު ވެސް އެންމެ މަތީގައި އޮތީ ހިލަރީ ކްލިންޓަންއެވެ. މިޝޭލް މި ލިސްޓަށް އެރި މީ ފުރަތަމަ ފަހަރެވެ.

ޕޯލްއިން ދެވަނަ އަށް ދިޔައީ އޮޕަރާ ވިންފްރީ އެވެ. މިފަހަރު ކްލިންޓަނަށް ލިބިވަޑައިގެންފައިވަނީ ތިންވަނައެވެ. އެއަށްފަހު މިހާރުގެ އެމެރިކާގެ ރައީސްގެ އަނބިކަނބަލުން ކަމަށްވާ މެލާނިއާ ޓްރަމްޕް ހޮވިވަޑައިގެންފައިވާއިރު އިނގިރޭސި ރާނީ އަށް ލިބިވަޑައިގެންފައިވަނީ ހަތަރުވަނައެވެ. ފަސްވަނަ ލިބުނީ ޖަރުމަނުގެ ޗާންސެލާ އެންޖެލާ މާކަލް އަށެވެ.

މިޝޭލްއަށް މަގާމު މިއަހަރު ލިބުމުގައި ގިނަ ސަބަބުތަކެއް އެބަހުރި ކަމަށް ރިޕޯޓްތައް ބުނެއެވެ. އެގޮތުން އޭނާ އަމިއްލައަށް ނެރުނު ފޮތުގެ އިތުރުން އެ ފޮތް ޕްރޮމޯޓް ކުރަން ދިޔަ ގައުމީ ބުކް ޓުއާ ގައި ގިނަ ބަޔަކާ މިޝޭލްއާ ވަނީ ބައްދަލުވެ ފެނިދެނިވެފައެވެ.

"އިންޓަނޭޝަނަލް ޑޭ އޮފް ދަ ގާލް"ގައި މިޝޭލް ވަނީ ގްލޯބަލް ގާލްސް އެލައެންސް ހުޅުވައިފައެވެ. މި އެލައެންސްގެ ބޭނުމަކީ ފުރާވަރަށް އަންނަ ކުދިން ތައުލީމާއި ހުނަރު ބޭނުންކޮށްގެން ބާރުވެރި ކުރުމެވެ.

މި ހުރިހާ ކަމެއްގެ އިތުރުން އެންމެ ފަހުން މިޝޭލް ވިދާލީ ޑިޒައިނަރު ބެލެންސިއާގާގެ ތައި ހައި ގްލިޓަރިން ބޫޓްސްއަށް އެރުމުންނެވެ. 4000 ޑޮލަރުގެ މި ބޫޓަށް އަރައިގެން މިޝޭލް ވަނީ ސާރާ ޖެސިކާ ޕާކާގެ ޓޯކް ޝޯއަށް ގޮސްފައެވެ.

ދެން އޮތީ އެންމެ "އެޑްމައިރަބަލް" ބައެވެ. އެމެރިކާގެ ރައީސް ބަރަކް އޮބާމާއަށް ވެސް ވަނީ މިއަހަރުގެ "މޯސްޓް އެޑްމަޔާޑް މޭން" ގެ ލިސްޓުން އެންމެ ކުރި ލިބިވަޑައިގެންފައެވެ. މިއީ އޮބާމާއަށް މި ޝަރަފު ލިބޭ 11 ވަނަ އަހަރެވެ.