ބްރެޒިލްއަށް ނިސްބަތްވާ "ލަޓަމް އެއާލައިންސް" ގެ ފްލައިޓެއް ޕުޝްބެކް ކުރުމުގެ ތެރޭގައި ކޮންޓްރޯލުން ނެއްޓިގެން ގޮސް ގަސްތަކެއްގެ ތެރެއަށް ވަދެފިއެވެ. ސައުޕޯލޯގެ ކޮންގޮންހަސް އެއާޕޯޓްގައި ހިނގި މިހާދިސާގައި އެފްލައިޓަށް ވަނީ ގެއްލުންތަކެއް ލިބިފައެވެ.
މިހާދިސާ ހިނގަން މެދުވެރިވީ ކޮންގޮންހަސް އެއާޕޯޓްގެ ބޯޑިންގް ގޭޓުން ނެރެގެން ޓެކްސީވޭއަށް ގެންދިއުމަށް ޕުޝްބެކް ކުރަމުން ދިއުމުގެ ތެރޭގައި ކޮންޓްރޯލް ނެއްޓިގެން ގޮސް ގަސްތަކުގެ ތެރެއަށް ފްލައިޓު ވަދެގެންނެވެ. ޙާދިސާ ހިނގިއިރު ފްލައިޓުގައި އެއްވެސް ފަސިންޖަރެއް ނެތްކަމަށް އޮފިޝަލުން މައުލޫމާތު ދިނެވެ.
ސައުޕޯލޯގެ އެއާޕޯޓު އޮޕަރޭޓުކުރާ ކުންފުނި "އިންފްރައެރޯ" އިން މައުލޫމާތު ދޭގޮތުން ފްލައިޓުވަނީ ގަސްތަކުގެ ތެރޭގައި ތާށިވެފައެވެ. މިހާދިސާގެ ސަބަބުން އެއްވެސް ފަރާތަކަށް ގެއްލުމެއް ނުލިބޭކަމަށް ވެސް އެފަރާތުން މަޢުލޫމާތުދެއެވެ. ހާދިސާ ހިނގުމާއެކު ރަންވޭ ކުޑައިރުކޮޅަކަށް ބަންދު ކުރިކަމުގައިވިޔަށް އެއާޕޯޓުގެ އޮޕަރޭޝަން އަށް ބުރޫ ނާރާކަމަށް މައުލޫމާތު ލިބެއެވެ.
ލަޓަމް އެއާރލައިންސް އިން މިހާރުވަނީ އެ ފްލައިޓުގެ ޓެކްނިކަލް އިވެލުއޭޝަންއެއް ހެދުމުގެ މަސައްކަތް ފަށާފައެވެ.