ރާއްޖޭގެ ބަޖެޓް ސަޕޯޓަށާއި ތަރައްގީގެ މަޝްރޫއުތަކަށް އަމާޒުކޮށްގެން ރާއްޖެއަށް ދޭން އިންޑިއާއިން ހުޅުވައިލި ކްރެޑިޓް ލައިންއާ ގުޅުވައިގެން ރާއްޖޭގައި މިލިޓަރީ ބޭސްއެއް ހެދުމަށް އިންޑިއާއިން ހުށަހަޅާފައި ނުވާ ކަމަށް އޭޝިއަން ނިއުސް އޭޖެންސީ (އޭއެންއައި) އިން ބުނެފި އެވެ.
އިންޑިއާގެ އެކި ސަރަހައްދު ތަކުގައި 50 އަށްވުރެ ގިނަ ބިއުރޯ ހިންގާ އޭއެންއައި އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ރާއްޖެއަށް އިންޑިއާއިން ދޭން ނިންމާފައިވާ 1.4 ބިލިއަން ޑޮލަރާ ގުޅުވައިގެން، ރާއްޖޭގައި މިލިޓަރީ ބޭސްއެއް ހެދުމަށް އިންޑިއާއިން އެއްވެސް އިރަކު ހުށަނާޅާ ކަމަށް އެ އެޖެންސީއަށް ވަނީ ޔަގީންވެފަ އެވެ.
"ރާއްޖޭގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިންޑިއާއަށް ކުރެއްވި ދަތުރުފުޅާ ގުޅުވައިގެން އެއިރު އެންމެ ބޮޑަށް ދެކެވުނު ވާހަކަ އަކީ މާލީ އެހީގެ ބަދަލުގައި އިންޑިއާއިން ރާއްޖޭގައި އެފަދަ ބޭސްއެއް ހަދަން ޝަރުތުކުރާ ވާހަކަ. އެކަމަކު އެފަދަ ކަމަކަށް އިންޑިއާއިން ހުށަހަޅައިފައިވެސް ނުވާކަން މަސްދަރުތަކުން ވަނީ ޔަގީންވެފައި." އޭއެންއައިގެ ރިޕޯޓުގައި ބުނެފައިވެ އެވެ.
އެ ރިޕޯޓުގައި އިތުރަށް ބުނެފައިވާ ގޮތުގައި އެ ދުވަސްވަރު މީޑިއާ ތަކުގައި އެ ވާހަކަ ފެތުރުމާ ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވެސް ވަނީ އެކަން ދޮގުކުރައްވައިފަ އެވެ.
"ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ބުރޫ އަރާފަދަ އެއްވެސް ކަމެއް ނުކުރައްވާނެ ކަމުގެ ޔަގީން އޭރު ވެސް ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ މީޑިއާގައި ދެއްވާފައި." އޭއެންއައި ގެ ރިޕޯޓުގައި އިތުރަށް ބުނެފައިވެ އެވެ.