ކުޅިވަރު

ނުވަ އަހަރަށްފަހު ހާތާ ބާލިން ބެޔާން ބަލިކޮށްފި

އަހުމަދު ޔަޝާއު

ޖާމަން ބުންޑަސް ލީގާ އެންމެ ފަހުން ހަފަހަރުވެސް ކާމިޔާބުކޮށްފައިވާ ބެޔާން މިއުނިކްގެ މައްޗަށް 0-2 ގެ ނަތީޖާ އަކުން ކުރި ހޯދައި، ޕޮއިންޓުގެ ގޮތުން އެޓީމާ އެއްވަރުކޮށް ހާތާ ބާލިން ޓޭބަލްގެ ދެވަނައަށް އަރައިފިއެވެ. މިއީ ނުވަ އަހަރު ތެރޭގައި ބެޔާންގެ މައްޗަށް ހާތާ ބާލިން ކާމިޔާބު ހޯދި ފުރަތަމަ ފަހަރެވެ.

ލީގުގައި މި ދެޓީމުން ކުރެ ކޮންމެ ޓީމެއް ހަމެޗު ކުޅެފައިވާއިރު، ބެޔާންއަށް ލިބިފައިވަނީ 13 ޕޮއިންޓެވެ. ހަމަ މިއަދަދަށް ޕޮއިންޓު ހޯދައިގެން ބާލިން އޮތީ ގޯލުގެ ތަފާތުން ޓޭބަލްގެ ދެވަނައިގައެވެ. އެހެންކަމުން މިރޭ ކުޅޭ މެޗުތަކުން މޮޅުވެގެން ޓޭބަލްގެ ތިންވަނައިގައި އޮތް ބޮރޫޝިއާ ޑޯޓްމުންޑާއި، ހަތަރުވަނައި އޮތް ވާޑާ ބްރޭމަންއަށް މޮޅުވެގެން ޓޭބަލްގެ ކުރިއަށް އެރުމުގެ ފުރުޞަތު އެބައޮތެވެ. މިދެޓީމުވެސް އޮތީ 11 ޕޮއިންޓުގައެވެ.

ރޭގެ މެޗުގައި ބާލިންއަށް ލަނޑުތައް ޖަހައިދިނީ އެޓީމުގެ ކެޕްޓަން ވެޑާޑް އިބިސެވިޗް އާއި އޮންޑްރެޖް ޑޫޑާއެވެ. އިބިސެވިޗްގެ ލަނޑަކީ ކުރިން ޗެލްސީއަށް ކުޅުނު ސޮލޮމަން ކަލޫއަށް ބެޔާންގެ ޑިފެންޑަރު ޖެރޯމް ބޮއަޓެންގް ކުރި ފައުލަކާ ގުޅިގެން މެޗުގެ 23 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރި ލަނޑެކެވެ. އަދި ޑޫޑާ އެޓީމަށް ލީޑު ފުޅާކޮށްދީފައި ވަނީ މެޗުގެ 44 ވަނަ މިނެޓުގައި ވެލެންޓީނޯ ލިޒާރޯ ތަނަވަސްކޮށްދިން ފުރުޞަތެއްގައެވެ.

ބެޔާން އިން މެޗުގެ ތެރެއަށް އަނބުރާ އަންނަން ގިނަ މަސައްކަތްތަކެއް ކުރިއެވެ. ހާއްޞަކޮށް ޕޯޗުގަލްގެ ރެނާޓޯ ސަންޗޭޒް އާއި ޑޭވިޑް އަލަބާގެ ހަމަލާތައް ފާހަގަކޮށްލެވެއެވެ. މެޗުގެ 51 ވަނަ މިނެޓުގައި ހޮލެންޑުގެ ތަރި އާރިޔަން ރޮބެން ބަދަލުކުރުމުން އެކަމާ އޭނާ ހިތްހަމަނުޖެހިގެން ބެޔާންގެ ކޯޗު ނިކޯ ކޮވާޗް އާއި ދެމެދުގައި ކޮންމެވެސް ވަރެއްގެ ބަހުގެ ހަމަލާތަކެއް ދިޔައެވެ.

މިހަފްތާގެ ޗެމްޕިއަންސް ލީގު މެޗުގައި ބެޔާން ނިކުންނާނީ އަޔެކްސް އާއި ދެކޮޅަށެވެ. އަދި އަންނަ ހޮނިހިރު ދުވަހު ލީގުގައި ބޮރޫޝިއާ މޮންޗެންގްލޭޑްބާގް އާ ދެކޮޅަށް އެޓީމު ނިކުންނާނެއެވެ.