Close
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު

ޗައިނާއާއާ އެކު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރާނަން، ސިލްކްރޯޑުގެ މަޝްރޫއުވެސް ކުރިޔަށް ދާނެ: ޝާހިދު

ރާއްޖެ އާއި ޗައިނާއާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރާނެ ކަމަށާއި އަދި އެގައުމުން އިސްނަގައިގެން ފަށާފައިވާ ސިލްކް ރޯޑު މަޝްރޫއަށް ވެސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެއްބާރުލުން ދޭނެ ކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ޝާހިދު މިހެން ވިދާޅުވެފައި ވަނީ ޗައިނާގެ ޒިންހުއާ ނިއުސް އަށް ދެއްވި އިންޓަވިއުއެއްގަ އެވެ.

ޝާހިދުގެ އިންޓަވިއުގައި ވިދާޅުވީ ޗައިނާ އަކީ ދުނިޔޭގައި މިހާރު އެންމެ ބާރަށް ކުރިއަރަމުން އަންނަ އިގުތިސާދު ކަމަށާއި އިގުތިސާދީ ގޮތުން ދުނިޔޭގެ އެންމެ ބޮޑެތި ގައުމުތައް ވެސް އަދި ސަރަހައްދީ އެހެން ހުރިހާ ގައުމަކުން ވެސް ޗައިނާއާ އެކު ގުޅުން ބަދަހިކޮށް ގާތްކަން އުފައްދަމުން އަންނަ އިރު ރާއްޖެެ ބާކީ ވެގެން ނޯންނާނެ ކަމަށެވެ.

ޝާހިދުގެ އިންޓަވިއުގައި ވިދާޅުވެފައިވާ ގޮތުގައި ޗައިނާގެ އިންސްޓިޓިއުޓްތަކުން ރާއްޖޭގެ ޒުވާނުންނަށް ތަމްރީނުގެ ފުރުސަތު ލިބުމަކީ މުހިންމު ކަމެކެވެ.

"އިގުތިސާދީ ދާއިރާ އާއި ޓެކްނޮލޮޖީގެ ރޮނގުން ބަލާ އިރު ޗައިނާއިން ހޯދާފައި އެ ވަނީ އަޖައިބުވާ ފަދަ ކުރިއެރުމެއް. އެހެން ކަމުން ޗައިނާގެ އިންސްޓިޓިއުޓްތަކުން ތަމްރީނު ހޯދުމުގެ ފުރުސަތު ދިވެހި ޒުވާނުންނަށް ލިބިއްޖެ ނަމަ ގައުމަށް އޭގެން ރަނގަޅު ފައިދާތަކެއް ކުރާނެ." ޝާހިދުގެ އިންޓަވިއުގައި ވިދާޅުވެފައިވެ އެވެ.

ޝާހިދު ވިދާޅުވެފައިވާ ގޮތުގައި ރާއްޖެއާ މެދު ޗައިނާއިން ބަހައްޓާ ގާތް ކަމަށް ޓަކައި ރާއްޖެއިން ޝުކުރުވެރިވެ އެވެ. އަދި އެ ގުޅުން އިތުރަށް ހަރުދަނާ ކުރުމުގެ ފުރުސަތުތަކަށް ރާއްޖެއިން މަރުހަބާ ކިޔާނެ އެވެ.

ޒިންހުއާ އަށް ދެއްވި އިންޓަވިއުގައި މިނިސްޓަރު ޝާހިދު ފާހަގަކުރައްވައިފައިވާ ގޮތުގައި ރާއްޖެއާ ޗައިނާއާ ދެމެދު އޮތް ގުޅުން ފާއިތުވި އަހަރު ތަކުގެ ތެރޭގައި ހަރުދަނާވެ ބަދަހިވަމުން އައި ގޮތް އޭނާގެ ސިޔާސީ ކެރިއަރުގައި ވަނީ ވަރަށް ގާތުން ދެކިވަޑައިގެންފަ އެވެ. އެ ގޮތުން 2008 ވަނަ އަހަރު ޗައިނާގެ ބެއިޖިންގައި ރާއްޖޭގެ އެމްބަސީއެއް ގާއިމު ކުރުމުގެ ރަސްމިއްޔާތުގައި ވެސް އޭރުގެ ފޮރިން މިނިސްޓަރުގެ ހައިސިއްޔަތުން ބައިވެރިވެވަޑައިގެންނެވި ކަމަށް ޝާހިދުގެ އިންޓަވިއުގައި ވަނީ ފާހަގަކުރައްވައިފަ އެވެ.