އަންނަ އަހަރު ރާއްޖޭގައި ބްރިޓިޝް އެމްބަސީއެއް ހުޅުވާނެ ކަމަށް އިނގިރޭސި ވިލާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖޭމްސް ޑައުރިސް ވިދާޅުވެއްޖެ އެވެ.
ދިވެހިރާއްޖޭގެ ރައްޔިތުންނަށް އާ އަހަރުގެ ތަހުނިޔާ ފޮނުއްވަމުން ޖޭމްސް ޑައުރިސް ބްރިޓިޝް ހައި ކޮމިޝަން ކޮލަމްބޯގެ ފޭސްބުކް ޕޭޖުގައި ޝެއާކޮށްފައިވާ ވީޑިއޯއެއްގައި ވަނީ އަންނަ އަހަރު ރާއްޖޭގައި ބްރިޓިޝް އެމްބަސީއެއް ހުޅުވުމަށް ނިންމަވާފައި ވަނީ ދެ ގައުމުގެ ދުވަސްވީ އެކުވެރިކަމުގެ އިތުރުން ދެ ގައުމުގެ ދެމެދު ކުރެވެމުން އަންނަ މަސައްކަތްތައް އިތުރަށް ކުރިއެރުވުމުގެ ގޮތުން ކަމަށެވެ.
މީގެ އިތުރުން ދިވެހިރާއްޖެ އަލުން ކޮމަން ވެލްތާއި ގުޅުމަށް ނިންމެވި ނިންމެވުމަށް ތާއީދުކޮށް ޖޭމްސް ވަނީ ވާހަކަ ދައްކަވައިފައެވެ. އަދި މި އަހަރުގެ ރިޔާސީ އިންތިހާބުގައި ރާއްޖެ އަލުން ޑިމޮކްރަސީގެ މަގަށް ގެނެސްފައިވާ ކަމަށްވެސް ޖޭމްސް ވިދާޅުވިއެވެ.
ރާއްޖެއިން އިނގިރޭސި ވިލާތަށް ކިޔެވުމަށް ދާ ކުދިންގެ އަދަދު ގިނަވާ ކަމާއި، ކުރިއަށް އޮތް އަހަރު އިނގިރޭސިވިލާތުގެ ފަރާތުން ރާއްޖެއަށް މިހާރަށް ވުރެ ގިނަ ސްކޮލާޝިޕް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ޖޭމްސް ވިދާޅުވިއެވެ.
އަި އެހެންމެ ކުރިއަށް އޮތް އަހަރު ޖަވާބުދާރީވެވޭނެ ފަދަ، ގާނޫނުތަކަށް ތަބާވާ ސަރުކާރަކާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ޖޭމްސް ވިދާޅުވިއެވެ.