ކުޅިވަރު

އިންޑިއާ އިން އޭޝިއާ ކަޕް ދިފާޢުކޮށްފި

ދުބާއިގައި ރޭ ނިމިގެންދިޔަ 14 ވަނަ އޭސިއާ ކަޕް ފައިނަލުގައި ފޯރިގަދަ ކުޅުމަކަށްފަހު ވާދަވެރި ބަންގްލަދޭޝްގެ މައްޗަށް އިންޑިއާއިން ތިން ވިކެޓުން ކުރިހޯދައި މުބާރާތުގެ ތަށި ދިފާޢުކޮށްފިއެވެ.

މިއީ މި މުބާރާތުގެ ތަށި އިންޑިއާއިން ކާމިޔާބުކުރި ހަތްވަނަ ފަހަރެވެ. 2016 ވަނަ އަހަރުގެ ފައިނަލުގައި ވެސް އިންޑިއާއިން ވަނީ ބަންގްލަދޭޝް ބަލިކޮށް ތަށި އުފުލާލާފައެވެ.

ދެ ޓީމުގެ ފަރާތުންވެސް ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ ރޭގެ މެޗުގައި އިންޑިއާއިން ޓޮސް ދިމާވެގެން ގަސްދުކުރީ ހޮވާށެވެ. އެހެންކަމުން ބަންގްލަދޭޝް އިން ފުރަތަމަ ކުޅެން އަރާ 48.3 އޯވަރުގެ ތެރޭގައި 10 ކުޅުންތެރިން ނުބައިވެގެން ހެދުނީ 222 ލަނޑެވެ. ބަންގްލަދޭޝް އިން އެންމެ ރަނގަޅަށް ކުޅުނު ކުޅުންތެރިޔަކީ އެޓީމުގެ ލިޓޮން ދާސްއެވެ. އޭނާ ވަނީ 117 ބޯޅައިން 121 ލަނޑު ހަދައިފައެވެ. މިއީ ވަން ޑޭ އިންޓަރނޭޝަނަލް (އޯ.ޑީ.އައި) އެއްގައި އޭނާހެދި ފުރަތަމަ ސެންޗަރީއެވެ.

ޖަވާބުގައި ކުޅެން އަރާ އިންޑިއާއިން ވަނީ 50 އޯވަރުގެ ތެރޭގައި ހަތް ކުޅުންތެރިން ނުބައިވެގެން 223 ލަނޑު ހަދައިފައެވެ. އިންޑިއާއިން އެންމެ ރަނގަޅަށް ކުޅުނު ކުޅުންތެރިޔައަކީ އެޓީމުގެ ކެޕްޓަން ރޯހިތު ޝަރްމާއެވެ. އޭނާ ވަނީ 55 ބޯޅައިން 48 ލަނޑު ހަދައިފައެވެ. ރޭގެ މެޗުގައި އިންޑިއާއަށް ބަންގްލަދޭޝް ޓީމުގެ ފަރާތުން ގިނަ ޕްރެޝަރާ ކުރިމަތިލާންޖެހުނެވެ. އެގޮތުން، އެޓީމުގެ އެންމެ މުޙިއްމު ދެ ކުޅުންތެރިން ކަމަށްވާ ޝިކަރް ދަވަން އާއި އަމްބަޓީ ރަޔުޑޫ ވަނީ މެޗުގެ ކުރީކޮޅު ނުބައިކޮށްލާފައެވެ. ޝިކަރް ދަވަންއަށް 14 ބޯޅައިން 15 ލަނޑު ހެދުނުއިރު، ރަޔުޑޫ އަށް ހެދުނީ ހަތް ބޯޅައިން އެންމެ ދެ ލަނޑެވެ.

މިއަހަރުގެ އޭޝިއާ ކަޕްގައި ޖުމްލަ ހަ ޓީމެއް ވާދަކޮށްފައިވެއެވެ. ގްރޫޕް އޭ ގައި އިންޑިއާ އާއި ޕާކިސްތާންގެ އިތުރުން ހޮންގްކޮންގް ހިމެނުނު އިރު، ގްރޫޕް ބީ ގައި ހިމެނުނީ ބަންގްލަދޭޝް އާއި ސްރީލަންކާ އަދި އަފްޤާނިސްތާނެވެ. ކޮންމެ ގްރޫޕަކުން ދެ ޓީމު އަނެއް ބުރަށް ގޮސް، އެ ބުރުގައި ހަތަރު ޓީމު ހަތަރު ޓީމާ ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެއް ފައިނަލަށް ދާގޮތަށް ކުޅުނު މި މުބާރާތުގައި އިންޑިއާއިން ކުޅުނު އެއްވެސް މެޗަކުން ބައްޔެއް ނުވެއެވެ. ގްރޫޕްގެ ފަހު މެޗުގައި އަފްޤާނިސްތާނާއެކު ކުޅުނު މެޗުވީ އެއްވަރެވެ.

އޭޝިއާ ކަޕްގައި އެންމެ ކާމިޔާބު ޓީމަކީ ވެސް އިންޑިއާއެވެ. އެޓީމު ހަތް ފަހަރު މި މުބާރާތް ކާމިޔާބު ކޮށްފައިވާ އިރު، ސްރީލަންކާއިން ވަނީ ފަސް ފަހަރު މި ތަށި ކާމިޔާބުކޮށްފައެވެ. އަދި ޕާކިސްތާނުން މިތަށި ދެ ފަހަރު ކާމިޔާބުކޮށްފައިވާ އިރު، ބަންގްލަދޭޝްއަށް އަދި މި މުބާރާތް ކާމިޔާބުކުރެވޭ ގޮތެއް ނުވެއެވެ.