ތާރީޚު

ތާރީޚީ އިލްމުވެރިޔާ ނަދުވީ އަވަހާރަވެއްޖެ

ތާރީޚު އަދި އަދަބިއްޔާތުގެ އިލްމުވެރިޔާ މުހައްމަދު ވަހީދު (ނަދުވީ) އަވަހާރަވެއްޖެ އެވެ.

ނަދުވީ އަވަހާރަވީ މީގެ ހަފުތާއެއްހާ ދުވަސް ކުރީން އައިޖީއެމްއެޗްގައި އެޑްމިޓްކޮށް އާލާސްކަންފުޅަކަށް ފަރުވާދެމުން އަންނަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ.

ނަދުވީ އަވަހާރަވީ އިރު ހުންނެވީ ދިވެހި ބަހުގެ އެކެޑެމީގެ ޑެޕިއުޓީ ޑިރެކްޓަރުގެ މަގާމުގަ އެވެ. ކުރީގެ ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒާއި މިހާރުގެ ދިވެހި ބަހުގެ އެކެޑެމީގައި ޚިދުމަތް ކުރައްވައިފަ އެވެ.

ނަދުވީ އަކީ އެކި ދާއިރާތަކުން ތައުލީމު ހާސިލުކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. އޭގެ ތެރޭގައި ޕޮލިޓިކަލް ސައިންސާއި އިސްލާމީ އިލްމާއި އަދަބިއްޔާތު ރޮނގު ހިމެނެ އެވެ.

އޭނާ ވަނީ ގައުމީ ޔުނިވަސިޓީން ކުރިޔަށް ގެންދާ ދިވެހި ބަހުގެ ޑިގްރީ ޕްރޮގްރާމްގައި ވެސް ކިޔަވައިދެއްވައިފަ އެވެ.

ނަދުވީ ވަނީ އަދަބިއްޔާތާއި ތާރީޚުގެ ރޮނގުން ގިނަ ލިޔުންތަކެއް ލިޔުއްވައި ޝާއިއުކުރެއްވައިފަ އެވެ. އެ ގޮތުން ރާއްޖެ އިސްލާމްވީ ގޮތުގެ މައްޗަށް އެންމެ ތަފްސީލީ ލިޔުންތަކެއް ލިޔުއްވީ ބޭފުޅަކީ ވެސް ނަދުވީ އެވެ.