އަޅުގަނޑުމެންގެ މި ދިވެހިރާއްޖެ މީ އަޖައިބެއް ކަހަލަ ގައުމެކެވެ. ސިޔާސީ މަސްރަހު މިއަދު އެތުރިފައި ހުރިގޮތަށް ބަލާއިރު ދިވެހީންގެ ހުރި ކުޅަދާނަކަން ކިތަންމެހާވެސް ޗާލުކޮށް ފެނެ އެވެ. ސިޔާސީ ގޮތުން އެ މަގުން ހިނގައިފާނެ ކަަމަށް ވެސް ހީނުކުރެވުނު މީހުން އެއްތަށީން ކައި އެއް ކޮޓަރީގައި ނިދައި އެންމެން އެއް ފޭރާމެއް ލައިގެން އުޅެލެވޭ ހިސާބަށް ކަންކަން ދިއުމުން ދެން އެއޮތީ ގައުމީ ގުޅުމުގެ ފުރިހަމަ ނަމުނާއެކޭ އެއްބަޔަކު ބުނެފާނެ އެވެ.
އެކަމަކު އަޅުގަނޑަށް އެއްވެސް ދިމާއަކުން ގައުމީ ވިސްނުމެއް ނުފެނެ އެވެ. ފެންނަނީ ހަމަ އެއްކަމެއް ތަކުރާރުވާ ތަނެވެ. މާޒީ މާޒީ އެވެ. ވީ ވައުދުތައް މާޒީއަށް ދޫކޮށްލަން އުޅޭ ތަނެވެ. އެހެން ނޫންނަމަ މިހާރު މިފެންނަ ފަދަ "ދިވެހީންގެ ވިސްނުން ހަލާކުކުރާ" ޒާތުގެ ކަންކަމަށް ވެރިކަމުގައި ތިބި މީހުން ޖާގައެއް ނުދޭނެ އެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް އަދި ގުޅިފައިވާ އިއްތިހާދަށް ރައްޔިތުން ވޯޓުދިން އެންމެ މުހިންމު ސަބަބުތަކުގެ ތެރޭގައި ގައުމުގައި އިންތިހާއަށް ގޮސްފައި އޮތް އަނިޔާވެރިކަން ނިމުމަކަށް ގެނައުމާއި ޝަރުއީ ނިޒާމަށް ރައްޔިތު މީހާގެ އިތުބާރު ހޯދައިދިނުމާއި ރައްޔިތުންގެ ޚަޒާނާ ދޮވެލައިގެން ދިޔަ މީހުން އަތުން ކޮންމެ ގޮތެއް ހަދައިގެން ނަމަވެސް އެފައިސާ ހޯދައިދިނުން ހިމެނެ އެވެ. ގުޅިފައިވާ އިއްތިހާދުގެ ތެރެއިން ރައީސް ސޯލިހު ވެރިކަމަށް ގެނެސްދިން މައިގަނޑު ތިން ސަބަބަކީ އެއީ އެވެ. ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ވޯޓު ދިނީ މީހާއަކަށް ނޫނެވެ. ގައުމު އޮތް ހާލަތަށް ބަލައި ހައްލު ކުރާން ޖެހޭ ސަބަބުތަކަށެވެ. އެ އުއްމީދުގަ އެވެ. ރައީސް ސޯލިހުވެސް ވަނީ އެކި މުނާސަބާ ތަކުގައި ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނަށް ރައްޔިތުން ވޯޓުދިނީ މިބުނި ސަބަބުތަކަށް ޓަކައި ކަމަށް ވިދާޅުވެފަ އެވެ.
މި ތިން ސަބަބުގެ ތެރެއިން އެންމެ ސީރިއަސް އެއް ސަބަބަކީ ގައުމުގެ ޚަޒާނާއާ ގުޅިފައިވާ ކޮރަޕްޝަނުގެ މައްސަލަ އެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ގައުމުގެ ޚަޒާނާގައި ހުރި ފައިސާ ބޭނުންކުރަމުން ދިޔައީ އެމީހަކު ހިތަށް އެރި ގޮތަކަށް ހިތަށް އެރި ބޭނުމަކަށް ކަމަށް ބުނާނެ ޖާގަ އެބަ އޮތެވެ. ތަރައްގީގެ "ލޭބަލް" ޖަހައިގެން މުޅި ގައުމު އެތައް ގުނައެއް އިތުރަށް ތަރައްގީ ކުރެވޭހާ ފައިސާ މަދު ތެދިން ޕްރޮޖެކްޓަކަށް އެކަނިވެސް ހޭދަކޮށްފައި ހުރިކަން އެންމެނަށް އެއޮތީ އެނގޭށެވެ. އެއީ ފެންނާން އޮތް ހަގީގަތެވެ. ކޮންމެ ގޮތަކަށް ހިސާބު ޖެހިޔަސް އެކަން ބަދަލެއް ނުވާނެ އެވެ. އެހެން ކަމުން އޭގައި މިލިއަނުން މިލިއަނުން ޚިޔާނާތް ވެފައިވާ ކަމާމެދު އެއްވެސް ޝައްކެއް ނުއުފެދެއެވެ.
އެންމެ ބޮޑު ވާހަކައަކަށް އޮތީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ވާހަކަ އެވެ. ފެންނާން ހުރި ހިސާބުތަކަށް ބަލާއިރު އެ ޚިޔާނާތުގެ އަގު ދޮޅު ބިލިއަން ރުފިޔާއާ ކައިރި ކުރެ އެވެ. އަދި ނުފެންނަ ބަޔާއި ނޭނގޭ ބައި އޮތީ އެވެ.
ސިޔާސީ މަސްރަހުގައި ފެންނަ މަންޒަރުތަކުން އަނެއްކާވެސް ހީވާން އުޅެނީ ހަގީގަތް ބަދަލުވާން އުޅޭ ހެނެވެ. ދިވެހީންގެ ވިސްނުމަށް މާޒީ އަކީ ދެން މާޒީއޭ، ކޭ އެއްޗެއް ކެއީ ނޫންހޭ، އެކަން ނިމުނީއޭ ބުނެ ފުއްދައިލާން އުޅޭހެނެވެ. ފުޅާ ކޯލިޝަނުގެ އެކި ބައިވެރީންގެ މަސްލަހަތު ވަކި ވަކީން އެކި ގޮތްގޮތަށް ކޮންމެ ކަމެއްގެ ތެރެއަށް ވަދެ ރައީސް ސޯލިހަކީ ރަމްޒީ ބޭފުޅަކަށް ވެގެންދާން އުޅޭހެނެވެ.
އެމްއެމްޕީއާރްސީގެ މައްސަލައިގެ ވަށައިގެންވެސް ކޯލިޝަނުގެ ލީޑަރުން ނުވަތަ މަޖިލިސް މެންބަރުންނާ ގުޅުން ހުރި ކަންތައްގަނޑެއް އުޅެނީބާވަ އެވެ؟ މި ސުވާލަށް މިއަދު ޖަވާބެއް އެބަ ބޭނުންވެ އެވެ.
އެންމެ ކަމަކަށް ވިސްނައިލުމުން މައްސަލަ ވަރަށް ސާފެވެ. އެއީ އެމްއެމްޕީއާރްސީގެ މައްސަލައިގައި އެންމެ އިސްކޮށް އަދި ކުށުން ބަރީއަ ނުވެވޭ ވަރަށް ކަންކަން ކުރެއްވި ބޭފުޅުންނަށް މިއަދު ހީރޯއިންގެ ލަގަބު ހޯދުމަށް ޖާގަ ދީފައިވުމެވެ. ރައީސް ޔާމީން އާ ޕާޓީއެއް އުފައްދަވަނީ އެވެ. ހަށިކޮޅުގައި ނުހިފޭނެ ގޮތަށް ސިޔާސީ ބާރުވެރިކަން ހޯއްދަވަނީ އެވެ. ވެރިކަން ނިމުނު ފަހުން ދެމަސްވެގެންދާ އިރު ވެސް މިނިވަންކަންމަތީގައި އުޅުއްވަނީ އެވެ. މައްސަލައިގައި ފުލުސް އޮފީހަށް ވެސް ހާޒިރުކޮށްލީ އެންމެ ދުވަހަކު އެވެ. އެދުވަހު ވެސް ކުރި ސުވާލެއް ފުލުހުންނަކަށް ވެސް އަދި ރައީސް ޔާމީނަކަށް ވެސް އެނގޭ ކަމަކަށް ނުވެ އެވެ. ހަމަގައިމުވެސް އޭގެން ވީ ފައިދާއެއް ދިވެހީންނަކަށް ނެތެވެ. ސިޔާސީ ގޮތުން ބަލާ އިރު އެކަމުން ރައީސް ޔާމީނުގެ ޕޮޕިއުލަރިޓީ އިތުރުވުން ނޫން ކަމެއް ނުވެ އެވެ.
އެމްއެމްޕީއާރްސީގެ ބޮޑު ވައްކަން ހިންގުމަށް މަގުފަހިވި ހުރިހާ ކަމެއް ހަމަޖައްސަވައިދެއްވީ ރައީސް ޔާމީން ކަމަށް ތަހުގީގީ ހުރިހާ ރިޕޯޓުތަކުން އެނގެ އެވެ. ކުރީން ހުރި ހަރުދަނާ އުސޫލު ތަކާއި ގަވައިދުތައް ބަދަލުކޮށް އެ ފައިސާ ސީދާ ޖީބަށް ލެވޭނެ ގޮތަށް ފަހިވި ހުރިހާ ފުރުސަތެއްގެ ފެށުމަކީ ފައިސާ ޖަމާކުރާ އުސޫލާއި ރަށްރަށް ދޭ އުސޫލާއި އެފަދަ ހުރިހާ ކަމަކަށް ގެނައި "ހީލަތްތެރި" ބަދަލުތަކެވެ. އެ ބަދަލު ތަކަކީ ގަސްތެއް އޮވެގެން ނުބައި ނިޔަތެއްގައި ގެނައި ބަދަލުތަކެއްކަން ސާފުކޮށް ފެންނާން އެބަ އޮތެވެ. އަދި މިހާތަނަށް ހޯދިފައިވާ ހުރިހާ ހޯދުން ތަކުންނާއި ބަޔާންތަކުން އެނގޭ އެނގުމަށް ބަލާ އިރު ރައީސް ޔާމީން އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައި ޒިންމާ ނަންގަވަން ޖެހިވަޑައިނުގަންނަވާނެ އެއްވެސް ގޮތެއް ނުފެނެ އެވެ.
ދެން އޮތީ ރައީސް ޔާމީނުގެ ނައިބު ރައީސް އަހުމަދު އަދީބު ނުވަތަ އޭރު އެންމެންގެ "ބްރޯ"ގެ ވާހަކަ އެވެ. ބައެއް ސިޔާސީ މީހުންގެ ފުށުން އަޅުގަނޑަށް އެނގޭ ގޮތުގައި އޭރު އަދީބަށް ނިސްބަތްކޮށް ބޭނުންކުރި މަޝްހޫރު އެހެން ނަމެއްވެސް އޮވެ އެވެ. އެއީ "އޭޓީއެމް" އެވެ. ބައެއް މީހުންނަށް މައްސަލައިގެ ކޫލްކަން މިވަރުންވެސް ސިފަކުރެވޭ ނޫންތޯއެވެ؟
އެމްއެމްޕީއާރްސީގެ ހުރިހާ ކަމެއް ހިންގީ ސީދާ ރައީސް ޔާމީނަށް އެނގިވަޑައިގެން ކަމަށް އަދީބު ވަނީ ވިދާޅުވެފަ އެވެ. އެހެންކަމުން އެވައްކަން އެއީ ހިނގާފައިވާ ވައްކަމެއް ކަމަށާއި އޭގައި ރައީސް ޔާމީންގެ ޝާމިލުވުން އެބައޮތް ކަމަށް އަދީބު ވެސް ވަނީ ސާފު ދިވެހި ބަހުން އިއުތިރާފުވެވަޑައިގެންފަ އެވެ. އެ އިއުތިރާފާ އެކު ޚުދު އަދީބު ވެސް އެވަނީ ކުށަށް އަމިއްލަފުޅަށް ވެސް އިއުތިރާފުވެވަޑައިގެންފަ އެވެ. ކޮންމެ މީހަކު ބުންޏަސް ރައްޔިތުންގެ ފައިސާއަށް ޚިޔާނާތެއް ނުވެވޭނެ އެވެ. ވެގެނެއް ނުވާނެ އެވެ. އޭގައި ޚުދު އަދީބުވެސް ޒިންމާ ނަންގަވަން ޖެހިވަޑައިގަންނަވާނެ އެވެ.
އެކަމަކު މިއަދު އަދީބު ކޮބައިތޯ އެވެ؟ އާލާސްކަންފުޅުގެ ސަބަބުން ގޭގަ އެވެ. ހިންގަވަނީ ސިޔާސީ ހަރަކާތެވެ. އެންމެ ފަނަރަ ވަރަކަށް ދުވަސް ތެރޭ ބޮޑު ސިޔާސީ ޕާޓީއެއް ހައްދަވައި 3000 މެންބަރުން ހަމަކުރައްވައި ބޮޑެތި ޖަލްސާތައް ބާއްވަމުން ގެންދަވަނީ އެވެ. އެއީ ސީދާ އަދީބުގެ ޕާޓީއެކޭ ބުނެ، އަދީބު ރާއްޖޭގެ ރައީސް ކަމަށް ވެސް ވަޑައިގަންނަވާނެ ކަމަށް އަދީބުގެ ޕާޓީން އެވަނީ އިއުލާނުކޮށްފަ އެވެ.
އަދީބަށް ރަނގަޅު ބޭސްފަރުވާ ދެވެނީ ގޭގައި ބަހައްޓައިގެން ކަމަށް ވާނަމަ އެކަންވެސް ކުރައްވާށެވެ. އެކަމަކު ފުރިހަމަ ސެކިއުރިޓީ އަދި ގައުމުގެ މަސްލަހަތު ހިމާޔަތްކޮށްދެއްވާށެވެ.
މައްސަލައަކީ އަދީބު ރައީސް ކަމަށް ވަޑައިގަތުމެއް ނޫނެވެ. މައްސަލަ އަކީ އަދީބު ސިޔާސީ ހަރަކާތް ހިންގެވުމެއް ވެސް ނޫނެވެ.
އެކަމަކު މައްސަލައަކީ އޭނާ ހުންނެވި ހައިސިއްޔަތެވެ. އޭނާގެ އަމިއްލަ އިއުތިރާފުވެސް ހިމެނޭ އެހާ ސީރިއަސް މައްސަލައެއް އޮއްވައި ރައްޔިތުންގެ ވިސްނުން އަދީބާ ދިމާއަށް ދާ ގޮތެވެ. އެއީ ކޮރަޕްޝަނަށް ހިތްވަރުދިނުން ނޫން ބާވަ އެވެ؟ އަދީބު އިސްވެ އުފައްދަވާ ޕާޓީ އަކަށް ދިވެހީންގެ ތެރެއިން އެތައް ހާސް ބަޔަކު އެންމެ ދެތިން ދުވަސް ތެރޭ ވަންނަން ޖެހޭ ސަބަބަކީ ކޮބައި ހެއްޔެވެ؟ މުޅިގައުމުގެ ބައިތުލް މާލު ދޮވެލައިގެން ނުވަތަ ދޮވެލުމުގައި ބައިވެރިވެވަޑައިގެން ހުންނެވި ބޭފުޅަކަށް އެތައް ހާސް ރައްޔިތުންނެއް ސަޕޯޓު ކުރަނީ ކޮން އެއްޗެއްގެ ބާރުގައި ހެއްޔެވެ؟ އެއީ ފައިސާ ނަމަ، އެ ފައިސާ މިއަދު އަދީބު އަތުގައި ހުރީ ކިހިނެއް ހެއްޔެވެ؟ މިއަދު އަދީބު ފަހަތުން ދިވެހީންގެ އެތައް ހާސް ރައްޔިތުންނެއް އެ ދަނީ އެއީ ހަމަ ގައުމު ދެކެ ވާ ލޯތްބެއްގެ ބޮޑު ކަމުން ކަމަށް ވާނަމަ، މި ގައުމުގެ މީހުން ކޮރަޕްޝަނުގެ ވާހަކަ ދައްކާނެ ކަމެއް ނެތެވެ.
ދެން އޮތީ އެމްއެމްޕީއާރްސީގެ ބޮޑު ވައްކަންކަން ކޮށް ހުރިހާ ފަސާދައެއް ހިންގި އިރު ކުންފުނީގެ އެމްޑީއަކަށް ހުންނެވި އަބްދުﷲ ޒިޔަތުގެ ވާހަކަ އެވެ. އޭނާ ވެސް އެވަނީ ދާދި ފަހުން ބޮޑު ބަޔާނެއް ނެރެ އަމިއްލަ ކުށެއް ނެތް ކަމަށް ބުނެފަ އެވެ. އެ ބަޔާނުން އެނގޭ ގޮތުގައި އެމްއެމްޕީއާރްސީގެ ވައްކަމުގެ ޒިންމާ ނަންގަވަން ޖެހިވަޑައިގަންނަވާނީ ރައީސް ޔާމީން އެކަންޏެވެ. އެހެން ކަމުން މިއަދު ބައެއް މީހުން ބުނާ ގޮތުގައި ޒިޔަތު ވެސް ދޫކޮށްލަންވީ އެވެ. "ފްރީ ޒިޔަތު" ބޯޑު އަޅުވައިގެން އުޅޭ މީހުން ވަނީ ސޯޝަލް މީޑިއާގައި ގިނަވެފަ އެވެ.
މި ހުރިހާ ކަމަކަށް ފުރުސަތު ލިބެނީ ކީއްވެހެއްޔެވެ؟ ރައީސް ޔާމީނާއި އަދީބު މިނިވަންކަމާ އެކު އުުޅުއްވާ ނަމަ އެތައް ދުވަހެއް ފަހުން އެމްއެމްޕީއަރްސީގެ ފައިސާ ހޯދޭނެ ގޮތެއް ނުވިސްނެ އެވެ. އެ ދެބޭފުޅުން އިސްވެ ތިއްބަވައި ސިޔާސީ ޕާޓީތައް އުފައްދަވައި މަޖިލީސް އިންތިޚާބަށް އެތައް މިލިއަން ރުފިޔާއެއް ހޭދަކުރެއްވީމަ ދެން އެ ފައިސާ ހޯދަން ވިއްކާނީ އެބޭފުޅުން ދުނިޔޭގައި ތިއްބެވި ނަމަ ހަށިކޮޅުތޯ އެވެ؟ ހަމަ ގައިމުވެސް އެބޭފުޅުން ދިގުމުއްދަތަކަށް ޖަލަށް ލައިގެން ދިވެހީންގެ ޚަޒާނާއަށް ލިބޭނެ އިތުރު އެންމެ ސެންޓެއް ވެސް ނޯންނާނެ އެވެ. އެ ފައިސާ ހޯދުމުގެ ނިޔަތް މިއަދުގެ ސަރުކާރުގައި އޮތް ނަމަ އެކަން ކުރައްވާން ޖެހޭނީ އެފައިސާ ތަޅައި ހުސް ނުކުރަނީހެވެ. ނޫނީ ނުފޮރުވަނީހެވެ.
އެމްއެމްޕީއާރްސީގެ މައްސަލަ ބެލުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ވެރިކަން ކުރާ ކޯލިޝަނުގެ ބައެއް ލީޑަރުން ނުވަތަ ކޯލިޝަނަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލިސް މެންބަރުން ވެސް އެ ފައިސާގައި ޖެހިވަޑައިގެންފައިވުން ކަމަށް ވާ ނަމަ އެބޭފުޅުންނާ މެދު ވެސް ފިޔަވަޅު އަޅަން ޖެހޭނެ އެވެ. ރައްޔިތުން ވޯޓުދިން ސަބަބު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވާހަކަފުޅުދައްކަވާ ކޮންމެ ޖަލްސާއެއްގައި ވިދާޅުވުމަކުން ނުފުދެ އެވެ. އަމަލު އިސްކުރައްވައި މައްސަލަތައް ބެލުން ފާސްޓް ޓްރެކަށް ލައިދެއްވާށެވެ. މަނިކުފާނުގެ ކޯލިޝަނުގެ ތެރޭގައި ވެސް އެ ފައިސާގައި ހޭކިފައި ތިބި ބަޔަކު ހިމެނޭ ނަމަ ޖެހޭނީ އޭގެ އަގު ދައްކާށެވެ. އެއީ ޖަލުގެ ކުޑަގޮޅިޔަށް ގޮސްގެން ކަމަށް ވިޔަސް މުދާ ވިއްކައިގެން ކަމަށްވިޔަސް އެވެ. ރައްޔިތުންގެ ޚަޒާނާ ދޮވެލާފައި ހެވިދިލިގެން ތިބެން ޖާގަ ދެއްވައިގެން ނުވާނެ އެވެ. އަމުދުން އެ އެންމެންނަކީ ހީރޯއިން ކަމަށް ހަދަން ބަޔަކު ކުރާ މަސައްކަތާއި ދިވެހީންގެ ވިސްނުމާ ކުޅެން އެކުރާ މަސައްކަތަށް ފުރުސަތު ދެއްވައިގެން ނުވާނެ އެވެ.
މިހާރު މިދާ ގޮތަށް ދާން ކަންކަން ދޫކޮށްލައިފި ނަމަ، މާދަމާގެ ދިވެހީން ގަބޫލުކުރާނީ ކިތަންމެ ވަރަކަށް ރައްޔިތުންގެ ޚަޒާނާއިން ކެޔަސް އެއީ މައްސަލައެއް ނޫން ކަމަށެވެ. ތިމަންނަމެންނަށް ދީގެން ކަންޏާ އެއީ ސަޕޯޓުކުރަން ޖެހޭ މޮޅު ގޮތެއް ކަމަށެވެ.