އަހްމަދު އަދީބު އަބްދުލްގަފޫރު

އަދީބުގެ ޖަލު ހުކުމް ވެސް ރިވިއުކުރަން ޖެހޭ: މެމްބަރު ޔާމީން

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ޖަލު ހުކުމުތައް ވެސް ރިވިއުކުރަން ޖެހޭ ކަމަށް އެމްޓީޑީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީން ރަޝީދު ވިދާޅުވެއްޖެއެވެ.

އެމްޓީޑީން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު ހުކުމުގައި ބަންދުން ދޫކޮށްލަންޖެހޭ ބޭފުޅުންގެ ނަންތަކުގެ ތެރޭގައި އަދީބުގެ ނަންފުޅު ވެސް ހިމެނިވަޑައިގަންނަވާ ކަމަށެވެ.

"ސިޔާސީ ބޭފުޅުންނަށް އިއްވިފައިވާ އެކިއެކި ސިޔާސީ ހުކުމްތަކެއްގެ ގޮތުގައި ޕޯޓްރޭ ކުރަމުންދިޔަ ހުރިހާ ހުކުމެއް ކަހަލަ ގޮތަކަށް މިހާރު ރިވިއުވެގެން މިދިޔައީ. އަދީބުގެ މައްސަލައަކީ ވެސް ހަމަ އޭގެ ބައެއް. އެހެންވީމާ އަޅުގަނޑުމެންގެ ރައީސް އަދީބުގެ މައްސަލަވެސް އެބަޖެހޭ ރިވިއުވެގެންދާން. އަދީބުއާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ވެރިކަމުގެ ފަރާތުން ކަންކަން ބައްޓަންކޮށްފައި އޮތް ގޮތުން ވެއްޖެއްޔާ ދިވެހިރާއްޖޭގައި ހިނގި ހުރިހާ ކަމެއްގެ ފޫޅު އަދީބުގެ އިސްތަށިފުޅަށް ކެނޑިފައި މިއޮތީ،" އޭނާ ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ ރާއްޖޭގައި ކުރިން މައްސަލަތައް ހިނގާދިޔަ ގޮތްތަކާއި އަދި އެހުރިހާ ކަމެއް ގޯސްވެގެން ރައްޔިތުން ބަދަލެއް ބޭނުންވި ކަމަށާއި އެހެންވީމާ އެ ބަދަލެއްގެ ނަތީޖާއެއްގެ ގޮތުން ބައެއް ހުކުމްތައް ރިވިއުކުރެވިގެންދާ ކަމަށެވެ. އަދި އަހްމަދު އަދީބުގެ މައްޗަށް ކުރެވުނު ބައެއް ޝަރީއަތްތަކަކީ އެންމެ އެކަށީގެންވާ ގޮތަށް ހިނގާފައިވާ ޝަރީއަތްތަކެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.