ޚަބަރު

އިންޑޮނީޝިއާއަށް ސުނާމީ އަރާ މަރުވިމީހުންގެ އަދަދު 384 އަށް އަރައިފި

މުހައްމަދު އައުޒަމް

7.5 މެގްނެޓިއުޑްގައި އިންޑޮނީޝިއާއަށް އައި ބިންހެލުމަށްފަހު އުފެދުނު ސުނާމީގައި މިހާތަނަށް 384 މީހުން މަރުވެ އެތައް ސަތޭކަބަޔަކު ވަނީ ގެއްލިފައެވެ. އިންޑޮނީޝިއާގެ ސުލަވެސި އައިލެންޑުގެ ޕަލު އަދި ޑޮންގަލާ ސަރަހައްދަށް އެރި މި ސުނާމީގައި ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.

ޕަލު އަދި ޑޮންގަލާއަށް އެރި ސުނާމީގައި އުފެދުނު ރާޅުގެ އުސްމިނުގައި 5 ފޫޓު ހުރިކަމަށް އިންޑޮނީޝިއާގެ ނޫސްތަކުން މަޢުލޫމާތު ދެއެވެ. ބިންހެލުމަށްފަހު ސުނާމީ އަރައި ޕަލު އަދި ޑޮންގަލާގެ ކަރަންޓު ކެނޑި މުވާސަލާތީ ހިދުމަތްތަށް ވަނީ ކެނޑިފައެވެ. އަދި އެސަރަހައްދުގެ އެއާޕޯޓުވެސް ވަނީ ހުއްޓުމަކަށް އައިސްފައެވެ.

އިންޑޮނީޝިއާއަށް އިއްޔެ އެރި ސުނާމީ

އިންޑޮނީޝިއާގެ ޑިޒާސްޓާ މެނޭޖްމަންޓުގެ ތަރުޖަމާނު މީޑީއާތަކަށް މަޢުލޫމާތު ދެމުން ބުނީ ސުނާމީ އެރުމާއި ގުޅިގެން އެސަރަހައްދުން ކަރަންޓު ކެނޑި މުވާސަލާތީ ޙިދުމަތް ކެނޑިފައި ވާތީ އަވަސް އެހީ ފޯރުކޮއްދިނުމަށް ބޮޑެތި ދަތިތަކެއް ކުރިމަތިވި ކަމަށެވެ. ނަމަވެސް މިހާރު މީހުން ސަލާމަތް ކުރުމުގެ މަސައްކަތާއި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮއްދިނުމުގެ މަސައްކަތް ފަށާފައިވާކަމަށް ތަރުޖަމާނު މައުލޫމާތު ދިނެވެ.

ސުނާމީއަށްފަހު ޕަލު އަދި ޑޮންގަލާ ސަރަޙައްދުން އެތައް ގެއެއް ވަނީ ބިޔަރާޅުތަކުގައި އޮޔާގޮސްފައެވެ. މަރުވި މީހުންގެ އަދަދު އިތުރުވަމުންދާއިރު ބައެއް ޢާއިލާތަކުގެ އެންމެން ގެއްލިފައިވާކަމަށް މައުލޫމާތު ލިބެއެވެ.