ކޮލަމް

ކައުސާހިބާ ޞައްލަﷲ އަލައިހިވަސައްލަމަގެ ހިޖްރަ

އަބްދުﷲ ފާރޫގް ހަސަން

އައުތާރީޚެއްގެ އުފެދުން

ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަ މައްކާއިން މަދީނާއަށް ހިޖްރަކުރެއްވުމަކީ އިންސާނީ ތާރީޚުގެ އެންމެ މުހިންމު ޙާދިޘާއެވެ. އެހިޖްރައަކީ ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަ ޤުރައިޝުވަންހައިގެ މުޝްރިކުންގެ ލެޔަށްފެންބޮވައިގެންފައިވާ ކަނޑިތަކުން ސަލާމަތްވެ ވަޑައިގެން މައްކާއިން މަދީނާއަށް ވަޑައިގެންނެވުމެވެ. އިސްލާމީ ތަހްރީކު މައްކާގެ ނުސިޔާނުވެށީން މަދީނާގެ މިނިވަންޖައްވަށް ބަދަލުކުރެއްވުމެވެ. އިސްލާމީ ރިސާލަތުގެ ހިޔާބޮޑުގަހުގެ ޅަނިރު މައްކާގެ ހަނަފަސް ސަހަރާވީބިމުން މަދީނާގެ ވިޔަނަ ބިމަށް ބަދަލުކުރައްވައި އެބިމުގައި ރޯކުރެއްވުމެވެ. ހެދިފޯދިމަލާއި މޭވާ އަޅާނެގޮތް ހެއްދެވުމެވެ. އިސްލާމީ ތަހްރީކަކީ ވަތަކުތޯ ނުޖެހޭ ފަދަ އާރާއިބާރުހުރި ހަރަކާތަކަށްވީ ހިޖްރައިގެ ސަބަބުންނެވެ. ނުހަނު އަވަސް މުއްދަތެއްގެ ތެރޭގައި މުޅި އަރަބިކަރަ އިސްލާމީ ތަހްރީކުގެ ކުރިމަތީގައި ހަތިޔާރު ބަހައްޓާން މަޖްބޫރުވީ ހިޖްރައިގެ ސަބަބުންނެެވެ. ސިޔާސީ ގޮތުންނާއި، ރޫހާނީ ގޮތުންނާއި، އަދި މިނޫންވެސް ގޮތްގޮތުން އަރަބިކަރައިގެ މައްޗަށް އިސްލާމީ ތަހްރީކު ބާރުވެރިވީ ހިޖްރައިގެ ރަންނަތީޖާއެއްގެގޮތުންނެވެ.

ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަ މައްކާއިން މަދީނާއަށް ގެމަށްވޮޑި ނުގެންނެވިނަމަ އިސްލާމީ ތަހްރީކު ޤުރައިޝުންގެ ބާރުގެ ދަށަކުން މިންޖެއްނުވީހެވެ. މައްކާގެ ހާސްކަން ބޮޑު ބަންދުވެށީގައި އެތަހްރީކު ހަފުސްވެ ނޭވާކޮޅަށްގޮސް ހުވާސްނެތިއްޖައީހެވެ. އިންސާނިއްޔަތުގެ ބަގީޗާ ރަހުމަތުގެ ފެންއާރުން މަހްރޫމުވުމުގެ ސަބަބުން މިލައިމޯޅިވެ ހިކި އިންދިރާސް ވެއްޖައީހެވެ. ކުފުރާއި ޝިރުކާއި އަނިޔާއާއި، ޖާހިލުކަމުގެ އަނދިރީން އިންސާނިއްޔަތު މިންޖެއްނުވީއެވެ. އަޅުވެތިކަމާއި، އިހާނެތިކަމާއި، ހުއްދަނޫން ފައިދާ ލިބިގަންނަ ބާރުތަކުގެ ކަސްކޮޅުތަކުން އިންސާނިއްޔަތު ސަލާމަތެއް ނުވީހެވެ. އަލިކަމާއި، ރަހްމަތާއި، ލޯބީގެ ނިއުމަތުން އަބަދަށްޓަކައި އިންސާނާ މަހްރޫމުވީހެވެ. ތާރީޚުން އެނގޭގޮތުގައި ހިޖްރަޔަކީ އިންޤިލާބީ ތަހްރީކުތަކުގެ ތަޤްދީރުގައި އޮންނަކަމެކެވެ. އެހެންކަމުން ކައުސާހިބާގެ ހިޖްރަޔަކީ އެހެނިހެން އިންޤިލާބީ ތަކްރީކުތައްވެސް ކަޑައްތުކޮށްފައިވާ މަގުން އިސްލާމީ ތަހްރީކުވެސް ދަތުރުކޮށް އެތަހްރީކުގެ މަންޒިލަށް ވާސިލުވުމެވެ. އިސްލާމީ ތަހްރީކުގެ ދުރުވިސްނިވަޑައިގަންވާ ގާއިދުގެ ޤިޔާދަތުގައި އިސްލާމީ ތަހްރީކު ދަތުރުކޮށް އެތަހްރީކުގެ ލަނޑުދަނޑި ހާސިލުކުރުމެވެ. އިސްލާމީ އުންމަތް އެއުންމަތުގެ ތާރީޚު ހިޖްރީ ސަނަތާ ގުޅުވައިގެންޖަހާން ފެށުނީ މިދެންނެވި އަރުތަވެރި ނަތީޖާތަކާ ގުޅުވައިގެންނެވެ.

ޤުރައިޝުންގެ ސައްލާ

މަދީނާއަށް ހިޖްރަކުރެވެން ތިބި ހުރިހައި މުސްލިމުން ހިޖްރަކޮށް ނިމުމުން އަރަހުށި މާތްﷲ ސުބްހާނަހޫ ވަތަޢާލާ އެކަލާނގެ ޙަބީބަށްވެސް މަދީނާއަށް ގެމަށްވޮޑިގެންނެވުމުގެ ހުއްދަ ދެއްވައިފިއެވެ. ޔަޘްރިބުގައި އިސްލާމްދީން ފެތުރުމުން ޤުރައިޝުން ތިބީ އިތުރުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަ ވެސް ޔަޘްރިބަށް ފައިންޕުޅު ބީއްސަވައިފާނެތީ ބިރުންނެވެ. ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަ އާއި މުސްލިމުންގެ މައްސަލައަކީ މިހާރު ކުޅިވަރެއް ނޫންކަން އެމީހުނަށް ވަނީ ޤަބޫލުކުރެވިފައެވެ. އިތުރުސާހިބާގެ ޝަޚްސިއްޔަތުގައި އެކުލެވޭ ދަގަތްފާނީ ބާރާއި އެމާތް ސާހިބާގެ އާދަޔާ ޚިލާފު މޮޅު ގިޔާދަތު އެމީހުންދަނެއެވެ. ސަހާބީންގެ ތެރޭގައި ވެސް ފިސާރި ޤާބިލް އަޒުމުފުޅު ވަރުގަދަ، ސާބިތު ކަންހުރި ބޭބޭކަލުން ތިއްބެވިކަން ޤަބޫލުކުރެއެވެ. ޔަޘްރިބުގެ އަންސާރުންގެ މުލައްދަނޑިފުޅުގެ ބާރާއި ޢަސްކަރީ ޤާބިލިއްޔަތަކީ ޤުރައިޝުންގެ ލޯތަކުން ނިދިފިލުވައިލާން ފުދޭ ކަންކަމެވެ. އެހެންކަމުން އެމީހުން ޝާމްކަރަޔަށް ވިޔަފާރި ދަތުރުކުރާ މަގުމަތީގައި މުސްލިމުން ބާރުހުރި މަރުކަޒެއް އުފެދުމަކީ އެމީހުން ރުހޭކަމެއްނޫނެވެ. އެފަދަ މަރުކަޒެއް އުފެދިއްޖެނަމަ އެބައިމީހުންގެ އިޤްތިސާދު އިނދަޖެހި، އެމީހުންގެ އާރާއި ބާރު ކަފާސްވެދާނެކަން ޤަބޫލުކުރެއެވެ. އެހެންކަމުން އިތުރުސާހިބާއަށް ފާރަވެރިވުމުގައި އެމީހުން ޣާފިލެއްނުވެއެވެ. ފަރުވާކުޑައެއްނުކުރެއެވެ. އަނެއްކޮޅުން އިތުރުސާހިބާއަށް ފާރަވެރިވެ ބެލެހެއްޓުމަކީ ވެސް އެމީހުންނަށް މާކަ ފަސޭހަކަމެއްނޫނެވެ. އެހެންކަމުން އެމީހުން ގަސްދުކުރީ އިތުރުސާހިބާއާ ބެހޭ ގޮތުން އެންމެފަހުގެ ނިންމުމެއް ނިންމުމަށެވެ. އެކަމަށްޓަކައި އެމީހުންގެ ދާރުއްޝޫރާ (ދާރުއްނަދުވާ) ގައި ޚާއްޞަ ބައްދަލުވުމެއް ބޭއްވި އެވެ. ޤުރައިޝުންގެ ނަންހުރި ޤަބީލާތަކުގެ ބޮޑުންކުރެ ވަރަށް ގިނަބަޔަކު އެބައްދަލުވުމުގައި ބައިވެރިވިއެވެ. އެބައްދަލުވުންއޮތީ ނަބީކަމުގެ ސާދަވަނަ އަހަރުގެ ސަފަރުމަހުގެ ސައްބީސްވީ ބުރާސްފަތި (12 ސެޕްޓެމްބަރ 622) ދުވަހުގެ ޟުހާވަގުތުގައެވެ.

ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަ ޠާއިފުގެ ދަތުރުފުޅަށްފަހު އެނބުރި ވަޑައިގެން މައްކާއަށް އަރައިވަޑައިގެންނެވީ މުޠުޢިމް ބުން އަދީގެ ރައްކާތެރިކަމުގައެވެ. އޭނާ ވަނީ މަރުވެފައެވެ. މުޠުޢިމް މަރުވުމަކީ ޤުރައިޝުން ހިނގާން ބޭނުންވާމަގު ހުރަހެއްނެތި ހުޅުވުމެވެ. އިތުރުސާހިބާގެ ވަންހަފުޅުކަމުގައިވާ ހާޝިމުވަންހައިގެ ވެރިޔާ އަބޫލަހަބުވަނީ ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަ އާއިލާގެ ޙިމާޔަތުންބޭރުކޮށްފައެވެ. ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަގެ މައްސަލައިގައި ޤުރައިޝުން ބޭއްވި ސައްލާއަށްވެސް އަބޫލަހަބު ގަސްތުގައި ހާޒިރެއް ނުވެެއެވެ. ޤުރައިޝުން ބޭނުންވާގޮތަކަށް މައްސަލަ ނިންމުމުގައި އެއްވެސްހުރަހެއް ކުރިމަތިވިޔަ ނުދިނުމަށްޓަކައިއެވެ. މިއިބްލީސީ ބައްދަލުވުމުގެ ބައިވެރީންގެ ނަންތައް ލިޔުއްވާއިރު މުއައްރިޚުންގެ މެދުގައި ކުޑަކޮށް ޚިލާފުހުރެއެވެ.

ޢައްލާމާޝިބްލީ ނުއުމާނީ އާއި ޑޮކްޓަރ ނަސީރު އަހްމަދު ނާސިރު ލިޔުއްވާ ގޮތުގައި އެބައްދަލުވުމުގައި ބައިވެރިވީ މިދަންނަވާ މީހުންނެވެ.

1. ބަނޫއުމައްޔަތުން : އުތުބާ، ޝާއިބާ، އަބޫސުފްޔާނު
2. ބަނޫޖުމަހުން : އުމައްޔަތު ބިން ޚަލަފު
3. ބަނޫ މަޚްޒޫމުން : އަބޫޖަހުލު
4. ބަނޫނައުފަލުން : ޠުއައިމާ ބިން ޢަދީ، ޖުބައިރު ބިން މުޠުޢިމު، ހާރިޘު ބިން އާމިރު
5. ބަނޫ އަސަދުން : އަބުލްބުޚުތަރީ، ޛަމްއަތު ބިން އަސްވަދު، ޙަކީމު ބިން ޙުޒާމު
6. ބަނޫ އަބްދުއްދާރުން : ނަޟަރުބިން ޙާރިޘު
7. ބަނޫ ސަހުމުން : ނަބީހު، މުނައްބަހު


ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަގެ މައްސަލަ ނިންމުމަށްޓަކައި ޤުރައިޝުންގެ ބޮޑުން ކުރިސައްލާގައި ހުށަހެޅި ބަހުޘު ކުރެެވުނީ ތިންހުށަހެޅުމެއްގެ މައްޗަށެވެ. އެތިންހުށަހެޅުމަކީ

1.ކައުސާހިބާގެ އަތްފައިންޕުޅުގައި ހިލިހިލާޖަހައިފައި ކޮންމެވެސް އުނދަގޫ، އަނދިރި ތަނެއްގައި ހައްޔަރުކުރުން. 2. މައްކާއިންބޭރުކޮށްލުން. 3. ޝަހީދުކޮށްލުން.
ސައްލާގައި އިއްތިފާޤުން ފާސްވީ ތިންވަނަ ހުށައެޅުމެވެ. އެހުށައެޅުމަކީ އަބޫޖަހުލުގެ ހުށަހެޅުމެކެވެ. އިތުރުސާހިބާ ޝަހީދުކުރާނެ ގޮތުގެ ކަމާކެމި ވެސްވަނީ އެޖަލްސާއިން ފާސްކޮށްފައެވެ. އެއްބަސްވެވުނީ ޤުރައިޝުންގެ ނުފޫޒުހުރި ކޮންމެ ޤަބީލާއަކުން ވެސް އެޤަބީލާއެއްގައި ތިމާގެމީހުންގިނަ ބާރުހުރި ޒުވާނަކު ހޮވުމަށެވެ. އެއެންމެން އެއްވެގެން ރޭގަނޑުގޮސް އިތުރުސާހިބާގެ ގަނޑުވަރު ޙިސާރުކުރުމަށެވެ. އިތުރުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަ ފަތިސްނަމާދުފުޅަށް ނުކުމެވަޑައިގަންނަވާ ވަގުތު އެންމެން އެއްފަހަރާ އާނ ކިޔައިފައި ކަނޑީންޖަހައި އެ މާތް ސާހިބާ ޝަހީދު ކޮށްލުމަށެވެ. މިކަމުގައި ހާޝިމުވަންހަ ފިޔަވައި ހުރިހާ ޤަބީލާތަކެއް ބައިވެރިވުމަށެވެ. އޭރުން އިތުރު ސާހިބާގެ ދިޔަ ބެހެވިގެންދާނީ އެހުރިހާ ޤަބީލާތަކެއްގެ މައްޗަށެވެ. ހާޝިމުވަންހަޔަށް އެހުރިހާ އެންމެންނާ ހަނގުރާމަކުރާކަށެއް ކުޅަދާނައެއްނުވާނެއެވެ. އެހެންކަމުން މަޖްބޫރުވާނީ ދިޔަ ޤަބޫލުކުރުމަށެވެ. ޤުރައިޝުން މި އިބްލީސީ ސައްލާކުރި ދުވަހުމެ އަރަހުށި މާތްﷲ ވަނީ އެކަލާނގެ ޙަބީބަށް އެކަމުގެ ޚަބަރުދެއްވައިފައެވެ. ޖިބްރީލުލް އަމީންވަޑައިގެން އެޚަބަރުދެއްވުމާއެކު މަދީނާއަށް ހިޖުރަޔަށް ވަޑައިގެންނެވުމުގެ ހުއްދަ ދެއްވިކަން އެންގެވިއެވެ. ކީރިތި ޤުރްއާނުގެ އަންނަނިވި އާޔަތުގައި އިޝާރާތް ކުރައްވައިފައިވަނީ މިކަމުގެ މައްޗަށެވެ.

"ކާފިރުވި މީހުން، ކަލޭގެފާނު ހައްޔަރު ކުރުމަށް ނުވަތަ އަވަހާރަކޮށްލުމަށް ނުވަތަ ކަލޭގެފާނު ރަށުން ބޭރުކޮށްލުމަށް ރޭވި ހިނދު ހަނދުމަކުރައްވާށެވެ! އެއުރެން މަކަރުވެރި ނުބައި ރޭވުންތައް ރާވަތެވެ. އަދި ﷲ (އެއުރެންގެ ރޭވުންތައް ބާޠިލުކުރައްވައި އެއުރެންނަށް ކެހިލިބޭނެގޮތަށް) ތަދުބީރު ކުރައްވަތެވެ. ﷲ އީ، މަކަރުވެރީންނަށްވުރެ ތަދްބީރު ކުރެއްވުން މޮޅު ރަސްކަލާނގެއެވެ." (އަލްއަންފާލު : 30)
ވަރަށް ގިނަ ޢިލްމުވެރީން ލިޔުއްވާ ގޮތުގައި ހިޖްރައިގެ އިޒުނަދެއްވުމުގެގޮތުން ބާވައިލެއްވީ އަންނަނިވި އާޔަތެވެ.

"އަދި ކަލޭގެފާނު ވިދާޅުވާށެވެ! އަޅުގެވެރި ރަސްކަލާކޯއެވެ! އިބަރަސްކަލާނގެ ރުހިވޮޑިގެންވާ ގޮތުގައި ތިމަންއަޅާ ވައްދަވާނދޭވެ! އަދި އިބަރަސްކަލާނގެ ރުހިވޮޑިގެންވާ ގޮތުގައި ތިމަންއަޅާ ނެރުއްވާނދޭވެ! އަދި ނަސްރުދެނިވި ބާރެއް އިބަރަސްކަލާނގެ ޙަޟުރަތުން ތިމަންއަޅާއަށް ލައްވާނދޭވެ!" (އަލްއިސްރާއު : 80)

އަރަހުށި މާތްﷲ ސުބްހާނަހޫ ވަޠަޢާލާ ކައުސާހިބާ ސައްލަﷲ އަައިހި ވަސައްލަމައާ ހަވާލުކުރައްވައިފައިވާ މަތިވެރި އަފޫރުއްބަ މުހިންމަތާ އެއްވަރަށް އެމާތްސާހިބާއަށް ވަނީ ބުއްދިވެރިކަންދެއްވައިފައެވެ. ދުރުވިސްނުންފުޅު ދެއްވައިފައެވެ. އެހެންކަމުން މަދީނާގައި މުސްލިމުންނަށް އަކުސަރިއްޔަތުލިބި އަޤަބާގެ ދެވަނަ ބައިއަތުހިފެވުމާއެކު އެމާތްސާހިބާ މަދީނާއަށް ހިޖްރަކުރެއްވުމާމެދު ވިސްނައިވަޑައިގަންނަވާންފެއްޓެވިއެވެ. އިތުރުސާހިބާ އެކަލޭގެފާނުގެ ސިއްރުވެރި ރަހްމަތްތެރިޔާ އަބޫބަކުރުއްސިއްދީޤު ރަޟިޔަﷲ އަންހުގެ އަރިހުގައި ވިދާޅުވިއެވެ. "އަހުރެންނަށްވެސް ހިޖްރަކުރުމުގެ އިޒުނަދެއްވައިފާނެކަމަށް ހީވެއެވެ."

(ނުނިމޭ)