ވެސްޓް ޔޯރކްޝިޔާ އަށް އުފަން ސާރާ އިފްތިކާރަކީ މިއަހަރު މިސް ހުޑާސްފިލްޑް ކާމިޔާބު ކުރި ފަރާތެވެ. އިފްތިކާރުގެ މިހާރުގެ އަޒުމަކީ މިސް އިންގްލެންޑް ކާމިޔާބު ކުރުމެވެ. ފާއިތުވި ގިނަ މުބާރާތްތަކުގައި ބައިވެރިވެފައިވާ މުސްލިމް ފަރާތްތަކުން ހަމައެކަނި އިސްތަށިގަނޑު ނިވާކުރި އިރު އިފްތިކާރު މިވަނީ ފުރަތަމަ ފަހަރަށް ބުރުގާ އެޅުމަށް ފަހު މި މުބާރާތާ ކުރިމަތިލާފައެވެ.
މިއަހަރު މިސް އިންގްލެންޑް ކާމިޔާބު ކުރާ ފަރާތަށް ޑިސެމްބަރު މަހު ޗައިނާގައި އޮންނަ މިސް ވޯލްޑް ގައި ބައިވެރި ވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
އުމުރުން 16 އަހަރުގެ އިފްތިކާރު ވަނީ ފެޝަން ޑިޒައިނިންގެ ދާއިރާއިން ކާމިޔާބީ ތަކެއް ހޯދައި އެދާއިރާއިން ވިޔަފާރިވެސް ފަށާފައެވެ. އިފްތިކާރުގެ ބުލޮގްގައި އޭނާ ލިޔެފައި ވާގޮތުން މިސް އިންގްލެންޑަށް ވާދަކުރީ އޭނާގެ ގަބޫލުކުރުންތަކުގެ ސަބަބުންނެވެ. ކޮންމެ މީހަކީވެސް ތަފާތު މީހެއް ކަމަށާއި އެމީހެއްގެ ބަރުދަނާއި ނަސްލާއި ހަމުގެ ކުލަޔަކީ އެކިމީހުން ތަފާތު ވާގޮތް ކަމަށެވެ. އޭނާ އިތުރަށް ލިޔެފައި ވާގޮތުން ކޮންމެ މީހަކީވެސް އެމީހެއްގެ ޒާތުގައި ރީތި މީހެކެވެ.
އިނގިރޭސިވިލާތުގެ ވެމެން އެންޑް އީކުއަލިޓީ ކޮމިޓީގެ ދިރާސާތަކުން ދައްކާގޮތުން އެގައުމުގައި ދިރިއުޅޭ މުސްލިމް އަންހެނުންނަށް އިގްތިސާދީ ގޮތުން ތަފާތުކުރުންތައް ގިނަވެ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާންޖެހެއެވެ. އިނގިރޭސިވިލާތަކީ އެކިގޮތްގޮތަށް މުސްލިމް އަންހެނުންނަށް ފުރައްސާރަ ކުރުން އިތުރުވެފައިވާ ގައުމެކެވެ.