ޚަބަރު

އެހެން ސިޔާސީ ލީޑަރުން ފަދައިން އަދީބު ޖަލުގައި އޮންނެވީ ފިނިކުރި ކޮޓަރިއަކު ނޫން: މެމްބަރު ޔާމީން

އެހެން ސިޔާސީ ލީޑަރުން ފަދައިން ކުރީގެ ނައިބު ރައީސް އަދީބު ޖަލުގައި އޮންނެވީ ފިނިކުރި ކޮޓަރިއެއްގައި ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީން ރަޝީދު ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ތާރޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ)ގެ އިފްތިތާހީ ޖަލްސާގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ އަދީބު ޖަލުގައި އޮންނެވީ އެމަނިކުފާނަށް ވުރެ ކުޑަ ކޮންކްރީޓް އަށްޓެއްގައި ކަމަށެވެ.

"އަޅުގަނޑުމެން މިއަދު ހިޔާލު އާކޮށްލަން އެބަޖެހޭ. ކިހިނެއްތޯ ވެގެންދިޔައީ ކުރީގެ ނައިބު ރައީސް އަދީބަށް؟. ކިހިނެއްތޯ ހަދާލީ؟. އެމަނިކުފާނު ނުކުރާ ކުށެއްގެ ތުހުމަތުގައި ތިން އަހަރު ދުވަހު ޖަލުގައި އޮތީ. އެހެން ސިޔާސީ ލީޑަރުން ފަދައިން އެމަނިކުފާނު އޮންނެވީކީ ފިނިކުރި ކޮޓަރިއެއްގައެއް ނޫން. އެމަނިކުފާނު އޮންނެވީ އެމަނިކުފާނަށް ވުރެ ކުޑަ ކޮންކްރީޓް އަށްޓެއްގައި،" ޕީޕީއެމް ދޫކުރައްވައި އެމްޓީޑީއާ ގުޅިވަޑައިގެންނެވި ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ އަދީބު މަސައްކަތްކުރެއްވީ ސިޔާސީ ގޮތުން ކުރިއަރައި ދިއުމަށް ކަމަށާއި ނަމަވެސް ސިޔާސީ ހަސަދަވެރިކަމުގައި ކުރިއަރައި ދާތީވެ އެމަނިކުފާނު އިދަޖައްސާލަން ވައްޓާލީ ކަމަށެވެ. އަދި އެކަންކަމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އެމަނިކުފާނު މަސައްކަތްޕުޅު ކުރެއްވީ ސިޔާސީ ގޮތުން ކުރިއަރައި ދާން. އެމްބިޝަސް ބޭފުޅެއް، ރައްޔިތުންނާ ގާތުން މަސައްކަތްކުރެއްވި ބޭފުޅެއް. އަދި ހަމައެހެންމެ ޒުވާނުންނަށް އޯގާތެރި ބޭފުޅެއް. ކިހިނެއްތޯވީ؟ ސިޔާސީ ހަސަދަވެރިކަމުގައި އެމަނިކުފާނު ކުރިއަރައި ދާތީވެ އެމަނިކުފާނު އިނދަޖައްސާލަން ވައްޓާލީ. މިކަންކަން ގަބޫލުކުރެވޭނެތޯ؟ ނުކުރެވޭނެ،" އޭނާ ވިދާޅުވިއެވެ.

ޔާމީން އިތުރަށް ވިދާޅުވީ ސިޔާސީ ގޮތުން ތާއަބަދު ޖަލަށްލައިގެން މީހުން ފިއްތައިގެން، ޒުވާނުން ގަދަބާރުން އޮބަހައްޓައިގެން އަނދަގޮނޑި ޖަހައިގެން ތިބެވޭނެ ކަމަކަށް އެއްވެސް ވެރިޔަކު ހީފުޅުކޮށްގެން ނުވާނެ ކަމަށެވެ. އަދީބު ޖަލުގައި ހާލުގައި އޮންނަވިކޮށް އެކަމާ ދެކޮޅަށް ބަހެއް ވިދާޅުނުވެވުމުން ޔާމީން ވަނީ އަދީބުގެ ކިބައިން މައާފަށް ވެސް އެދިވަޑައިގެންފައެވެ.