ފޭސްބުކް

50 މިލިއަން ފޭސްބުކް އެކައުންޓް ހެކްކޮށްފި

ފޭސްބުކްގެ 50 މިލިއަން އެކައުންޓް ހެކްކޮށްފިއެވެ.

ހެކަރުން އެކަން ކޮށްފައިވަނީ ފޭސްބުކްގެ "ވިއު އޭސް" ފީޗާ ބޭނުންކޮށް، "ޓޯކަންސް" މެދުވެރިކޮށެވެ. ޓޯކަންސް މެދުވެރިކޮށް، ޕާސްވޯޑަކާ ނުލައި، އެ އެކައުންޓުތަކަށް ވަދެވެއެވެ. އެކައުންޓުތަކަށް ވަދެ، އެ އެކައުންޓުތަކުގެ މެސެޖުތަކާއި ފޮޓޯ އަދި ޕޯސްޓުތައް ހެކަރުންނަށް ބެލޭނެއެވެ.

ފޭސްބުކްއަށް ދިމާވި އެ ސެކިއުރިޓީ މައްސަލަ ފާހަގަވީ މިދިޔަ އަންގާރަ ދުވަހުއެވެ. އެކަމަށް ފުރިހަމަ ހައްލެއް ހޯދުމަށްޓަކައި މިހާރު ފިޔަވަޅުތަކެއް އަޅަން ފަށާފައިވާ ކަމަށް ފޭސްބުކްގެ ޗެއާމަން އަދި ސީއީއޯ މާކް ޒަކަބާގް ވަނީ ވިދާޅުވެފައެވެ.

ފޭސްބުކް އިން ބުނީ، ދެން އިތުރަށް އެ މައްސަލަ ކުރިމަތިނުވާނެ ކަމަށާއި ހެކަރުން ހެކްކުރި 50 އެކައުންޓު ބޭނުންކުރާ މީހުން، އެ އެކައުންޓުތަކަށް އަލުން ލޮގިން ވުމަށް އެދޭ ކަމަށެވެ. ފޭސްބުކް އިން ހެކަރުން އަތުން އެކައުންޓުތައް އަނބުރާ ހޯދީ އެ ހުރިހާ އެކައުންޓެއް ލޮގްއައުޓް ކޮށްލައިގެންނެވެ.

އިތުރަށް ފޭސްބުކްގެ ސެކިއުރިޓީ ވަރުގަދަ ކުރުމަށް ފިޔަވަޅުތަކެއް އަޅަމުންދާކަން ފޭސްބުކް އިން ވަނީ އިއުލާންކޮށްފައެވެ.