ޚަބަރު

ޓެކްސީ ޑްރައިވަރުން އިހުތިޖާޖަށް: މާލެ އާއި ހުޅުމާލެއާ ދެމެދު ދަތުރުކުރުން ހުއްޓާލައިފި

ޝަހީދާ އަބްދުﷲ ސައީދު

8

މާލެ އާއި ހުޅުމާލެއާ ދެމެދު ދަތުރުކުރުން ހުއްޓާލައި ޓެކްސީ ޑްރައިވަރުން އިހުތިޖާޖެއް ފަށައިފި އެވެ.

"ވަން އޮންލައިން" އަށް މިއަދު މައުލޫމާތު ދިން ބައެއް ޑްރައިވަރުން ބުނީ އެ ދެމެދުގެ ދަތުރުތައް ދެން ފަށާނީ ޓްރާންސްޕޯޓާ އެކު މަޝްވަރާކޮށް ހަމަޖެހޭ އަގުތަކަކަށް އެއްބަސްވެގެން ކަމަށެވެ. ވަކިކޮޅެއްގައި ޖެހެންދެން ޑްރިވަރުން މި އިހުތިޖާޖުގައި ތިބޭން ނިންމާފައިވާ ކަމަށް އެ ޑްރައިވަރުން ބުންޏެވެ.

''ވަންއޮންލައިން''އަށް މައުލޫމާތު ދެމުން މާލޭގެ ތިން ސެންޓަރެއްގެ ޑްރައިވަރުން މިއަދު ބުނީ މާލެ އާއި ހުޅުމާލެ އާއި ހުޅުލެވެސް ހިމެނޭހެން ކުރާ ޓެކްސީ ދަތުރުތައް މިއަދުން ފެށިގެން ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށެވެ.

އަދި މާލޭގައި ކުރާ ދަތުރުތަކުގައި ކޮޅަކަށް 25ރުފިޔާ ނެގި ނަމަވެސް ހުޅުމާލެ އާއި މާލެ އާއި ހުޅުލެއަށް ކުރާ ދަތުރުތަކަށް ހޭދަވާ ވަގުތާއި ދުރުމިނަށް ބަލާއިރު ޓްރާންސްޕޯޓުން ކަނޑައަޅާފައިވާ އަގަށް އެކަން ކުރެވެން ނެތް ކަމަށް ޑްރައިވަރުން ބުންޏެވެ.

ޑްރައިވަރުން ދަތުރުތައް ހުއްޓާލި އިރު ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ އިއްޔެ ވިދާޅުވެފައި ވަނީ އަގު މުރާޖައާ ކުރުމުގެ ގޮތުން ޓެކްސީ ސެންޓަރު ތަކާއި ޑްރައިވަރުންނާ ވެސް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާނެ ކަމަށެވެ. އަގަށް ބަދަލު ގެނައުމާ މެދު ގޮތެއް ނިންމާނީ އެ މަޝްވަރާތަކަށް ފަހު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އެ މަޝްވަރާއަށް ފަހު އަގުތައް މުރާޖައާ ކުރަން ޖެހިއްޖެނަމަ އެކަން ވެސް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ސަރުކާރުގެ ވިސްނުމަކީ ދަތުރުކުރާ މީހުންނާއި އެ ޚިދުމަތް ދޭ މީހުންނަށް ވެސް އެއްބަސްވެވޭ އަދި އެންމެ އިންސާފުވެރި ގޮތަކަށް އެކަން ހަމަޖެހިގެން ދިއުން ކަމަށާއި ދަތުރުފަތުރަކީ އަސާސީ ހައްގެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ބުރިޖު ހުރަސްކޮށް ކުރާ ޓެކްސީ ދަތުރުތައް ހުއްޓާލާފައި މިވަނީ ޓްރާންސްޕޯޓު މިނިސްްޓްރީން ކަނޑައަޅާފައިވާ އަގަށްވުރެ އިތުރަށް ފައިސާ ނަގައިގެން ދަތުރުކުރަމުންދާ މައްސަލައިގައި ޓެކްސީތައް ހުއްޓުވުމަށް ފުލުހުން އިއްޔެ ނުކުމެ ޗެކްކުރުމުގެ މަސައްކަތް ވެސް ކުރަމުން ދަނިކޮށެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ކަނޑައަޅާފައިވާ ގޮތުން މާލެ ތެރޭގައާއި ހުޅުމާލޭ ތެރޭގައި ޓެކްސީ ކުރަން ޖެހޭނީ 25 ރުފިޔާ އަށެވެ. މާލެއިން ހުޅުލެއަށް ނުވަތަ ހުޅުލެއިން މާލެއަށް 35 ރުފިޔާއަށް ދަތުރެއް ކުރަން އަގު ކަނޑައަޅާފައިވާއިރު، ހުޅުމާލެއިން މާލެއަށް އަދި މާލެއިން ހުޅުމާލެއަށް ވެސް ދަތުރެއް ކޮށްދޭން ޖެހޭނީ 40 ރުފިޔާ އަށެވެ.

ޑިކީ އަށް ދާގީނާ (ލަގެޖު) އަރުވައިގެން ދާނަމަ ނުވަތަ މެންދަމު 00:00 އިން 06:00 އަށް ދަތުރުކުރާނަމަ، ކަނޑައެޅިފައިވާ އަގަށް ފަސް ރުފިޔާ އިތުރު ކުރެވޭނެއެވެ. ނަމަވެސް ޓެކްސީ ޑްރައިވަރުން ކުރާ އެދަތުރުތަކަށް ދަތުރަކަށް 150 އިން މަތިން ފައިސާ ނަގަމުންދާއިރު އެންމެ ކުޑަކޮށް ދަތުރެއް ކޮށްދެނީ ކޮޅަކަށް 100 ރުފިޔާއަށެވެ.