ޚަބަރު

ބާރުގަދަ ބިންހެލުމަކާއެކު އިންޑޮނީޝިއާއަށް ސުނާމީގެ އިންޒާރުދީފި

މުހައްމަދު އައުޒަމް

އިންޑޮނީޝިއާގެ ސުލަވެސީ އައިލެންޑް އަށް ބާރުގަދަ ބިންހެލުމަކާއި އެކު ސުނާމީގެ އިންޒާރު ދީފިއެވެ. 7.5 މެގްނިޓިއުޑް ގެ ބާރުގަދަ މިބިންހެލުމުގައި އެ ރަށުގެ އެތަކެއް ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. މިބިންހެލުމާއި އެކު މިހާތަނަށް އެކަކު މަރުވެފައިވާކަމަށް ވެސް އޮފިޝަލުން މަޢުލޫމާތު ދެއެވެ.

ބިންހެލުމުގެ ބާރުގަދަކަމުން ކުދި ކުދި ލޮޅުންތައް އަންނަމުންދާކަމަށް އެގައުމުގެ ކަމާއިބެހޭ އޮފިޝަލްތަކުން މަޢުލޫމާތު ދެއެވެ. އަދި ލިބިދާނެ ގެއްލުމުމަކުން ރައްކާތެރިވުމުގެ ގޮތުން އެރަށުގެ ރައްޔިތުން ގޭތެރޭގައި ނުތިބެ ގެއިން ބޭރުގައި މަޑުކުރުމަށް ވަނީ އަންގާފައެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އިން ބުނާގޮތުން މެގްނިޓިއުޑް 7.5 ގެ މިބިންހެލުން އައިސްފައިވަނީ މެދުތެރޭ ސުލައެސިގެ އުތުރުން 35 މޭލު ސަރަހައްދުން ބިމުގެ އަޑިން 6 މޭލުން ކަމަށެވެ. އަދި މި ސުނާމީއެއްއުފެދިދާނެ ކަމަށް ވެސް ވަނީ އިންޒާރުދީފައެވެ.

ފަހަކަށް އައިސް މިސަރަހައްދަށް ކުދި ކުދި ބިންހެލުން އަންނަ ކަމަށް ރެކޯޑް ކުރެވިފައިވާއިރު މިފަހަރުގެ ބިންހެލުމުން އެތައްބަޔަކު ބިރުވެރިކަމެއްގައި ތިބިކަމަށް އެރަށުގެ އޮޕިޝަލުން މިޑިއާ އަށް މައުލޫމާތު ދެއެވެ. ބިންހެލުން އައުމާއި އެކު އެކިކޮޅުކޮޅަށް މީހުން ދުވާ މަންޒަރުފެންނަ ވީޑިއޯތަށް މިހާރު މީސް މިޑިއާގައިވެސް ދައުރުވަމުންދެއެވެ.

އިންޑޮނީޝިއާގެ ސުމަޓްރާއަށް 2004 ވަނަ އަހަރު އައި ބިންހެލުމުގައި އެރި ސުނާމީއިން 12 ގައުމެއްގެ 230000 މީހުން މަރުވެފައިވާކަމަށް ވަނީ ރެކޯޑް ކުރެވިފައެވެ.