ވިޔަފާރި

"މޯލްޑިވްސް ބިޒްނަސް އެވޯޑްސް 2018" ބިޒްނަސް އޮފް ދަ އިޔަރ އެވޯޑް އެލައިޑްއަށް

މުހައްމަދު އައުޒަމް

"މޯލްޑިވްސް ބިޒްނަސް އެވޯޑްސް 2018" ބިޒްނަސް އޮފް ދަ އިޔަރ އެވޯޑް އެލައިޑް އިންޝުއަރެންސްއަށް ލިބިއްޖެއެވެ.

ޕެރަޑައިސް އައިލެންޑް ރިސޯޓް އެންޑް ސްޕާގައި މިހާރު ކުރިއަށްދާ "މޯލްޑިވްސް ބިޒްނަސް އެވޯޑްސް 2018" ގާލާގައި އެލައިޑް އިންޝުއަރެންސްއަށް ބިޒްނަސް އޮފް ދަ އިޔަރ އެވޯޑް ލިބިފައި ވާއިރު އެލައިޑް އިންޝުއަރެންސަށް ވަނީ އެކްސެލެންސް އިން ފައިނެންސް (އިންޝުއަރެންސް) ވެސް ލިބިފައެވެ.

1985 ވަނަ އަހަރު އިންޝުއަރެންސްގެ ހިދުމަތުން ތާއާރަފްވި އެލައިޑް އިންޝުއަރެންސްއަކީ ރާއްޖޭގައި އިންޝުއަރެންސެގެ ހިދުމަތް އެންމެ ފުޅާ ދާއިރާއެއްގައި ދެމުންދާ ކުންފުންޏެވެ. ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ސަބްސިޑަޔަރީ ކުފުންޏެއްގެ ގޮތުގައި ހިންގަމުން އަންނަ އެލައިޑް އިންޝުއަރެންސްއަކީ ރާއްޖޭގައި އޮތް މާލީ ހިދުމަތްދޭ އެންމެ ބޮޑު އެއް ކުންފުންޏެވެ. އެލައިޑް އިންޝުއަރެންސް އިން ވަކިވަކި ފަރުދުންނަށާއި ވިޔަފާރިތަކަށް އިންޝުއަރެންސްގެ ހިދުމަތް ފޯރުކޮށްދެއެވެ. އަދި އަޔާދީ ތަކާފުލްގެ ނަމުގައި އެލައިޑް އިން ވަނީ އިސްލާމިކް ވިންޑޯއެއް ގާއިމްކޮށްފައެވެ.

މޯލްޑިވްސް ބިޒްނަސް އެވޯޑްސް 2018 އަކީ ރާއްޖޭގެ ވިޔަފާރީގެ ދާއިރާ ތަރައްގީ ކުރުމަށް ކުރާ މަސައްކަތާއި އިގްތިސާދަށް އަންނަ ބަދަލުގެ އިތުރުން އެހެން ވިޔަފާރިތަކަށް ހިތްވަރުދިނުމަށް ބްލޭޒަން އިންކްއިން ދޭ އެވޯޑެކެވެ.

"މޯލްޑިވްސް ބިޒްނަސް އެވޯޑްސް 2018"ގެ ޖަޖިން ޕެނަލްގައި ހިމެނެނީ ހަމްދޫން އަބްދުﷲ ހަމީދާއި ޑރ. އާއިޝަތު މުނީޒާ އާއި ޑރ. މަރިޔަމް ވަސީމާ އާއި ޑރ. އަޒްމިރަލްޑާ ޒާހިރު އަދި އަހްމަދު މާޒިންގެ އިތުރުން އަޝްރަފް ރަޝީދާއި އަބްދުﷲ ގިޔާސް ރިޔާޒާއި ފާތިމަތު ޝާނާ ފާރޫގު އަދި އިބްރާހިމް އާތިފް ޝަކޫރެވެ.

2016 ވަނަ އަހަރު އުފެދުނު ބްލޭޒަން އިންކްއަކީ ޕަބްލިކް ރިލޭޝަންސް މާކެޓިންގް އަދި ބިޒްނަސް މެނޭޖްމަންޓްގެ މަސައްކަތްތަކަށް ހާއްސަ ކުންފުންޏެކެވެ. މިއީ ބްލޭޒަން އިންކުން މޯލްޑިވްސް ބިޒްނަސް އެވޯޑްސް ދޭ ފުރަތަމަ އަހަރެވެ.

ބިޒްނަސް އެވޯޑްސްގެ ޓައިޓަލް ސްޕޮންސަރަކީ އެސްޓީއޯއެވެ. އަދި ޕްލެޓިނަމް ސްޕޮންސަރަކަށް އެލައިޑް އަދި ދިރާގެވެ. ގޯލްޑް ސްޕޮންސަރުންނަކީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، ކޯލައިން މޯލްޑިވްސް އަދި އެޓޯލް މާކެޓެވެ.