ވިޔަފާރި

އުރީދޫގެ ކަސްޓަމަރުންނަށް އެމެޒޯން ޕްރައިމް ވީޑިއޯގެ ހިދުމަތް ތައާރަފްކޮށްފި

މުހައްމަދު އައުޒަމް

އުރީދޫއިން އެކުންފުނީގެ ކަސްޓަމަރުންނަށް އެމެޒޯން ޕްރައިމް ވީޑިއޯގެ ހިދުމަތް ތައާރަފްކޮށްފިއެވެ.

އުރީދޫއިން އެމެޒޯން ޕްރައިމް ވީޑިއޯގެ ހިދުމަތް ލޯންޗް ކުރުމަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލްގެ އިތުރުން ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްގެ ސީއީއޯ އިލްޔާސް އަހުމަދު އަދި އުރީދޫގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލު ވިދާޅުވީ އުރީދޫ ފަދަ ކުންފުނިތަކުން ބޭރުގެ ބޮޑެތި ކުންފުނިތަކާ ގުޅިގެން މިހާރަށް ވުރެ ފުޅާ ދާއިރާއެއްގައި ޓެކްނޮލޮޖީގެ ހިދުމަތްތައް ފޯރުކޮށްދިނުމަކީ ކަސްޓަމަރުންނަށް ހިތްހަމަޖެހުމާއި ގައުމުގެ ކުރިއެރުމަށް އެޅޭނެ ބޮޑު ބިންގަލެއް ކަމަށެވެ. މިނިސްޓަރުގެ ވާހަކަފުޅުގައި އުރީދޫއިން އެމެޒޯންއާ ގުޅިގެން އެމެޒޯން ޕްރިމިއަމް ވީޑިއޯގެ ހިދުމަށް ރާއްޖެއަށް ތައާރަފް ކޮށްދެއްވީތީ އުރީދޫގެ މެނޭޖްމަންޓާއި މުވައްޒަފުންނަށް ވަނީ ޝުކުރު ދަންނަވައިފައެވެ.

އުރިދޫގެ ކަސްޓަމަރުންނަށް އެމެޒޯން ޕްރައިމް ވީޑިއޯގެ ހިދުމަތް ލިބޭނެ ދެ ޕްލޭނެއް ވަނީ އެ ކުންފުނިން ތައާރަފް ކޮށްފައެވެ. އެގޮތުން ފުރަތަމަ ޕްލޭންގައި 49 ރުފިޔާ ހޭދަކޮށްގެން ހަތް މަސް ދުވަހަށް ހިލޭ މި ހިދުމަތް ލިބިގެން ދެއެވެ. އަދި އޭގެ ފަހުން ކޮންމެ މަހަކު 99 ރުފިޔާއަށް މިހިދުމަތް ލިބިގެން ދާނެއެވެ.

ދެވަނަ ޕްލޭންގައި 191 ރުފިޔާ ހޭދަކޮށްގެން 30 ދުވަހަށް މިހިދުމަތް ލިބިގެން ދާނެއެވެ. އަދި މި ޕްލޭން އެކްޓިވޭޓް ކުރުމުން 50 ޖީބީގެ ޑާޓާ މިހިދުމަތް ބޭނުން ކުރުމަށް ލިބިގެން ދާނެއެވެ.

އުރިދޫގެ ކަންޓަމަރުންގެ ތެރެއިން އެމެޒޯން ޕްރައިމް ވީޑިއޯގެ ހިދުމަތް ލިބިގެންދާނީ އުރީދޫ ޕޯސްޓްޕެއިޑްގެ އިތުރުން ސުޕަރ ނެޓް އަދި ފަސޭހަ ހޯމް ބްރޯޑްބޭންޑް ބޭނުން ކުރާ ކަސްޓަމަރުންނަށެވެ.