ޖިންސީ ފުރައްސާރަ ކުރުން ނުވަތަ ރޭޕްކުރުން މިއަދު މިވަނީ އަޅުގަނޑުމެންގެ މި ކުޑަކުޑަ މުޖުތަމައު ތެރޭގައިވެސް ވަރަށް އާއްމުކަމަކަށް ވެފައެވެ. ކޮންމެ ދުވަހަކުހެން އަޑު އިވެނީ ކޮންމެވެސް މީހަކަށް ޖިންސީ ފުރައްސާރައެއް ކޮށްގެން އުޅޭ ވާހަކައެވެ. ހިތާމައަކީ މިފަދަ ހަޑި މުޑުދާރު އަމަލު ހިންގާ މީހުން އުމުރަކަށް ޖިންސަކަށްވެސް ނުބަލާ ކަމެވެ. ކުރިން އަޅުގަނޑުމެންނަށް ކޮންމެ ދުވަހަކު ހަބަރުތަކުގެ ފަލަ ސުރުހީތަކުން ފެންނާނީ އިންޑިއާގައި ނުވަތަ ޕާކިސްތާނުގައި ރަހުމުކުޑަގޮތަކަށް މީހަކު ރޭޕްކޮށްލައިގެން އުޅޭ ވާހަކައެވެ. އެހެންނަމަވެސް މިއަދު ހަބަރުތަކުގެ ފަލަ ސުރުހީތަކުން ފެންނަމުން މިދަނީ އަޅުގަނޑުމެންގެ އަމިއްލަ ގައުމުގައި އިންސާނުންގެ ސިފައިގައި ތިބޭ ޖަނަވާރުން އެފަދަ އަމަލުތައް ހިންގާ ވާހަކައެވެ.
އެހެންނަމަވެސް ކޮންމެ ދުވަހަކު އިވޭ އެފަދަ ހިތާމަވެރި ވާހަކަތަކަށްވުރެ ބޮޑަށް ހިތާމަ ކުރަން ޖެހެނީ އެފަދަ ލާއިންސާނީ އަމަލުކުރާ މީހުންގެ ދިފާއުގައި ތެދުވާ ބަޔަކު މި ގައުމުގައި ވެސް ތިބީމަ އެވެ. ޖިންސީ ފުރައްސާރައިގެ ޝީކާރައަކަށް ވުމަކީ ހަމައެކަނި އަންހެން މީހާގެ ކުށެއް ކަމަށް ދައްކަން އުޅޭ، ދަށު ދަރަޖައިގެ މީހުން މުޖުމައު ތެރޭގައި އުޅޭ ކަމީ ހިތާމަހުރި ކަމެކެވެ.
''ގޭގައި އޮތް ނަމަ ތިހެން ނުވާނެ''، ''ކުރުކުރު އެއްޗެހި ލައިގެން އުޅެންޏާ ވާނީ ތިހެން'' '' ދަންވަރު ފިރެހެނުންނާއެކު ބޭރަށް ދަނީ ކީއްކުރަން''؟ މިއީ މި ފާއިތުވި ދުވަސްތަކުގައި ޖިންސީ ފުރައްސާރައިގެ ޝިކާރައަކަށްވާ އަންހެން ކުދިންނާ ދިމާއަށް ބައެއް ދިވެހިން މީސްމީޑިއާގައި ބުނެފައި ހުއްޓައި ފެންނަ ބަސްތަކެވެ. މީހަކު ހައިރާން ނުވާނެ ހެއްޔެވެ؟ އަންހެން ކުއްޖެއްގެ އިއްފަތްތެރިކަން ފޭރިގަތުމުން އެކުއްޖާގެ ހައްގުގައި ވަކާލަތު ކުރުމުގެ ބަދަލުގައި ބައެއް ދިވެހި އުޅެނީ އެއީ އެކުއްޖާގެ ކުށްކަން ސާބިތު ކޮށްދޭށެވެ. އެފަދައިން ވާހަކަދައްކާ މީހުން އުނގެނުނީ ކާކު ކައިރިންތޯވެސް އަހައިލާ ހިތްވެއެވެ. މާދަމާ އެހެން އެ ކިޔާ މީހެއްގެ ދަރިޔަކަށް މީހަކު ޖިންސީ ފުރައްސާރަ ކޮށްފިނަމަ ބުނާނީ ހަމަ އެހެންތޯއެވެ؟ އެއީ ދަރިފުޅު ރޭގަނޑު ދަންވަރު ކުރު އެއްޗެހި ލައިގެން އެކަނި ބޭރަށް ދިއުމުން ވީ ގޮތެކޭ ބުނެ އެކަން ނިންމާލަން ކެރޭނެ ހެއްޔެވެ؟ ތިބާގެ ދަރިފުޅުގެ ދިިރިއުޅުން ހަލާކުކޮށްލައި، އެކުއްޖާގެ އިއްފަތްތެރިކަން ފޭރިގަންނަ މީހާ މިނިވަންކަންމަތީ އުޅޭތަން ބަލަން ހިތަށް ކެތްވާނެ ހެއްޔެވެ؟ ހެވިދިލިގެން ހުރެވޭނެ ހެއްޔެވެ؟
ދިވެހިންނާއި އިންޑިއާއާ ދެމެދު އޮންނަނީ ވަރަށް ގާތް ގުޅުމެކެވެ. އަދު މިއޮތް ސަރުކާރުގެ އިސްބޭފުޅުންނާއި އިންޑިއާ ސަރުކާރުގެ އިސް ބޭފުޅުންނަކީވެސް ވަރަށް ގާތް މިތުރުންނެވެ. އިންޑިއާއިން ރައްޔިތުންގެ ރައްކަލަށް ކުރާ ކަންކަން މިގައުމުގައި ކުރަންވެސް ވަރަށް ފޯރި ހުންނާނެއެވެ. ދައުލަތުގެ މަތީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި މަޖިލީހުގެ ބައެއް މެންބަރުންވެސް އިންޑިއާއިން ކަންތައް ކުރައްވަނީ މިހެންނޭ އަޅުގަނޑުމެންވެސް އެހެން ކަންތައް ކޮށްފިނަމަ ރަނގަޅުވާނެ ބުނި އަޑު އެތައް ފަހަރަކު އެހީމެވެ. މިހިސާބުން އުފެދޭ ސުވާލަކީ މިއަދު ސަރުކާރުގެ އިސް މަގާމުތަކުގައ ތިއްބެވި ބޭފުޅުންނަށް އިންޑިއާއިން ޖިންސީ ފުރައްސާރަ ކުރާ މީހުންނަށް ދޭ ހަރުކަށި އަދަބު ނުފެންނަނީތޯއެވެ؟ މީގެ ދެތިން މަސްކުރިން އިންޑިއާގައި ރަހުމުކުޑަގޮތަކަށް ރޭޕްކޮށްފައި މަރާލާފައި އެއްލާލި ނިރުބަޔާ އަށް އެހެން ކަންތައް ކުރި ކުށްވެރިން ދަންޖެއްސިކަން ހަމަ އެނގިނުލައްވަނީތޯއެވެ؟ ނޫނީ މިގައުމުގައި ހިނގާ މިފަދަ ކަންކަމަށް ސަމާލުކަން ދިނުމަށްވުރެ ސިޔާސީ ކަންކަމުގައި އަވަދިވެ އުޅުއްވަނީ ކަމަށްވެސް ވެދާނެއެވެ.
ފޭސްބުކާއި ޓުވީޓާގައި ބޮޑެތި ޕޯސްޓްތައް ލިޔުނަކަސް މިގައުމުގައި އުޅޭ އެފަދަ ބޮޑެތި ކުށްތަކަށް އަރައިގަންނަ މީހުންނެއް ނުގުޑާނެއެވެ. މަޖިލީހުގެ މެންބަރުން ޓުވީޓެއް ކޮށްލައި އަންހެނަކަށް ޖިންސީ ފުރައްސާރަ ކުރުމުން އެކަން އެންމެ ހަރުކަށި ބަހުން ކުށްވެރި ކުރާ ކަމަށް އަނގައިން ބުންޏަކަސް ވާނެ ކަމެއް ނެތެވެ. ތިކުރާ ޓުވީޓުތަކުގައ ލިޔާ މޮޅެތި ވާހަކަތައް އަމަލުން ނުދައްކާނަމަ މި ގައުމު އަތުުނުޖެހޭ ހިސާބަށް ގޮސްދާނެއެވެ. ދެވަނަ އިންޑިއާއަށް ނޫނީ ރޭޕުގެ ކަންތައް އެޔަށްވުރެ ވެސް ގޯސް ހާލަތަކަށް މި ގައުމުގައި ހިނގައިދާނެ އެވެ. ޖިންސީ ފުރައްސާރަ ކުރާ ކޮންމެ ފަހަރަކު، މީހާ ލައިގެން އުޅޭ ހެދުމަށް ނުވަތަ މީހާގެ އުޅުމާއި މެދު ސުވާލެއް ނުކުރެވޭނެއެވެ. މީހެއްގެ ހުއްދަ ނެތި އެމީހާގެ ހަށިގަނޑުގައި އިނގިލި ކުރި ޖައްސައިލުމުގެ ހައްގުވެސް އެހެން އިންސާނަކަށް ނޯންނާނެއެވެ. އެއީ ކޮންމެ ކަހަލަ ހެދުމެއް ލައިގެން ހުއްޓަސް އެކަން އޮތް ގޮތެވެ. ވަކި ކަހަލަ ހެދުމެއް ލައިގެން ހުރުމަކީ އެހެން މީހުން ގޮސް އަންހެން ކުއްޖާގެ އިއްފަތްތެރިކަމަށް އަރައިގަނެ ޖަނަވާރުންތަކެއްހެން އެ ކުދީން ރޭޕްކުރަން ލިބޭ ހުއްދައެއް ނޫނެވެ. ޖިންސީ ފުރައްސާރައިގެ ޝިކާރައަކަށް ވާ މީހުން ހެނދުން އަޅާ ގޮތަށާއި އުޅުމަށް ސުވާލު އުފައްދާ މީހުންނަށް ބުނެލަން އޮތީ އެންމެ ވާހަކައެކެވެ. ޖިންސީ ފުރައްސާރަ ކުރުން ފަދަ ލާއިންސާނީ އަމަލުތަކުގެ ދިފާއުގައި ވާހަކަދައްކަން އަނގަ ހުޅުވުމުގެ ކުރިން ތިބާގެ އާއިލާގައިވެސް އަންހެނުން ތިބިކަން ހަނދާން ކޮށްލާށެވެ.
އެއްވެސް ކަހަލަ ޖިންސީ ފުރައްސާރައެއްގެ ޝިކާރައަކަށް ވެފައިވާ ކުދިން ކައިިރީ ބުނެލަން އޮތީ އެންމެ ވާހަކައެކެވެ. މީހުން ދައްކާނެ ވާހަކައަކަށް ބިރުން ނުވަތަ އެ އަނިޔާ ދިން މީހާ ދެކެ ބިރުން އެފަދަ ކަންކަން ސިއްރު ނުކުރާށެވެ. އެފަދަ ދަށު ދަރަޖައިގެ އަމަލުތައް ސިއްރުކުރުމުން އެ އަމަލުތައް ހިންގި މީހުންނަށް ލިބެނީ އިތުރު ހިތްވަރެކެވެ. މަސައްކަތުގެ މާހައުލުންވިޔަސް ނުވަތަ ގޭތެރެއިންވެސް ޖިންސީ ގޯނާއެއް ލިބެމުންދާ ނަމަ ވަގުތުން އެކަމާ ދެކޮޅަށް އަޑު އުފުލާށެވެ. ސިއްރު ކޮށްގެން ތިބުމުން މިކަމަށް ހައްލެއް ނުލިބޭނެއެވެ. ދިވެހި ގައުމު ޖިންސީ ފުރައްސާރައިގެ ހަޑި އަމަލުން ސަލާމަތް ކުރެވޭނީ އެކަން ކުރާ ކުށްވެރިންނަށް ހައްގު އަދަބު ދެވިގެންނެވެ. އެ އަނިޔާ ލިބޭ މީހުން މެދުނުކެނޑި އެ އަޑު އުފުލައިގެންނެވެ.