އުމަރު ނަސީރު

ސަފާރީގައި ހިނގި ރޭޕްގެ މައްސަލައިގެ ފުރިހަމަ ތަހުގީގެއް ކުރުމަށް އުމަރު ނަސީރު ގޮވާލައްވައިފި

އިބްރާހިމް ޒަކީ

ހުޅުމާލެ ފަޅުގައި އޮތް ސަފާރީއެއްގައި، މިދިޔަ ހުކުރު ދުވަހުގެރޭ، ކެންޔާގެ އަންހެނަކު ރޭޕްކުރިކަމަށް ބުނާ މައްސަލައިގެ ފުރިހަމަ ތަހުގީގެއް ކުރުމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ގޮވާލައްވައިފިއެވެ.

އުމަރު މިއަދު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، އެ ހާދިސާ އަކީ މުޅި ގައުމު ލަދުވެތިވާ ވަރުގެ މައްސަލައެއް ކަމަށެވެ.

އަންހެނަކު ރޭޕްކުރި ކަމަށް އޭނާގެ ދުލުން ބުނެ ސަރުކާރުގެ ތެރޭން ނުފޫޒު ގަދަ، ބަޔަކަށް ތުހުމަތު ކުރާއިރު، އެބަޔަކު ހައްޔަރުކޮށް، ގާނޫނީ ހުކޫމަތު ނުހިންގޭނަމަ އިންސާފާ މެދު ރައްޔިތުން ކުރާނީ ކޮން އުއްމީދެއްތޯވެސް އުމަރު ވަނީ ސުވާލު ކުރައްވައިފައެވެ.

ބާރު ގަދަ މީހުންނަށް ވެސް ގާނޫނުގެ ދިގު އަތް ފޯރަންވާނެ ކަމަށާއި، ދޭސީއެއް ބިދޭސީއެއް ނެތި އިންސާފު ލިބެންވާނެ ކަމަށްވެސް ވިދާޅުވެފައި ވެއެވެ.

ވެރިކަމުގައި ހުންނައިރު އަދުލުވެރިކަމަށްޓަކައި ކަނާއަތުން ވާއަތް ކަނޑައިލަން ޖެހިއްޖެ ނަމަ، އެކަންވެސް ކުރަން ޖެހޭނެ ކަމަށާއި، ވެރިޔެއްގެ އެންމެ ފުރަތަމަ މަސްއޫލިއްޔަތަކީ ހަމަހަމަ ކަމާއެކު އެންމެނަށް އިންސާފު ލިބިދިނުން ކަމަށްވެސް އުމަރު ވިދާޅުވެފައިވެއެވެ.

މި މައްސަލައިގެ ފުރިހަމަ ތަހުގީގެއް ދައުލަތުގެ ކަމާބެހޭ ގުނަވަންތަކުން ހިންގުމަށް ގޮވާލައްވާ ކަމަށާއި، ރާއްޖޭގެ ނޫސްވެރިން މިކަން ބައްލަވައި އިންސާފުން ރިޕޯޓް ކުރެއްވުމަށް އިލްތިމާސް ކުރައްވާ ކަމަށްވެސް އުމަރު ވިދާޅުވިއެވެ.

ސަފާރީގައި އަންހެނަކު ރޭޕްކުރި މައްސަލައާ ގުޅިގެން ފުލުހުން، 39 އަހަރުގެ ދިވެހި ދެ ފިރިހެނުން ހައްޔަރު ކުރިއެވެ. ނަމަވެސް އިއްޔެ ވަނީ އެ ދެމީހުން ދޫކޮށްލައިފައެވެ.

ފުލުހުން ބުނީ އެ ދެމީހުން ދޫކޮށްލީ އެމީހުން ތަހުގީގަށް ހައްޔަރުކޮށްފައި ބެހެއްޓުމަށް އެދެވޭނެ ސަބަބެއް ނެތުމުން ކަމަށެވެ. އަދި އެމައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ބުންޏެވެ.