ލުއި ރިޕޯޓް

އުމުރުން އެންމެ 7 އަހަރުގެ ޝިޒާން: ބޮޑެތި މީހުން ހައިރާންކޮށްލައި ބިޔަ ރާޅުތައް ފަތަހަކުރަނީ

އަލީ ޔާމިން

ދިވެހިރާއްޖޭގެ 99 އިންސައްތައަކީ ކަނޑުގެ ސަރަހައްދެވެ. މާސިންގާ ކަނޑު އުރަފަށުން ފަޅުތެރެއަށް ބިންދާލާ ބިޔަ ރާޅުތަކަކީ ގިނަ ދިވެހިންގެ ދިރިއުޅުމުގެ ބައިވެރިއެކެވެ. އެ ރާޅުތަކާ ސަމާސާކުރުމަށް ކޮންމެ ދުވަހަކު އެތައް ސަތޭކަ ދިވެހިންނެއް މޫދަށް އެރިއުޅެއެވެ. ފަހަރުގައި ރާއްޖޭގައި މޫދުކުޅިވަރު އެހާ މަޝްހޫރީ އެސަބަބާ ހުރެ ކަމަށްވެސް ވެދާނެއެވެ. މޫދު ކުޅިވަރުގައި ދުނިޔޭގެ ފެންވަރުގައި ހޮވާލެވޭ މީހުންވެސް ރާއްޖޭގައި އެބަތިއްބެވެ. ފްލައިބޯޑާއި ސާފިންގެ އިތުރުން ކެނޯ ސާފިން މިހެންގޮސް ރާއްޖޭގައި ނުކުޅޭ މޫދު ކުޅިވަރެއް ނެތެވެ. މޫދު ކުޅިވަރަށް ރާއްޖޭގައި އޮންނަ ލޯބި ދައްކުވައިދެނީ ވަރަށް ޅައުމުރުގެ ކުދިންވެސް މިފަދަ ކުޅިވަރުތަކާ ދޯޅުކަމުންނެވެ. އެގޮތުން ލ. ކަލައިދޫއަށް އުފަން އުމުރުން އެންމެ 7 އަހަރުގެ ޝިޒާން ހުސައިން ހަލީލަކީ މޫދު ކުޅިވަރަށް ހާއްސަ ލޯތްބެއް ޖެހިފައިވާ ކުއްޖެކެވެ. ހާއްސަކޮށް ރާޅާއެޅުމުގައި ޝިޒާން ވަނީ އެތައް ބަޔަކު ހައިރާންކޮށްލައިފައެވެ.

ޝިޒާންގެ މަންމަ ޝަޒުނާ "ވަން" އަށް މައުލޫމާތު ދެމުން ބުނީ، އުމުރުން އެންމެ ދެ އަހަރުގައި ޝިޒާން މޫދަށް ދާން ފެށި ކަމަށެވެ. އެއިރުން ފެށިގެން މޫދުގައި ކުޅޭ އެކިއެކި ކުޅިވަރުތައް ޝިޒާން ދަސްކުރަމުން ދިޔައިރު އުމުރުން 5 އަހަރުގައި ރާޅާ އަޅަން ޝިޒާން ދަސްކުރިއެވެ.

ޝިޒާން ރާޅާއަޅަން ދަސްކުރީ އޭނާގެ ޅިޔަނެއްގެ ކައިރިންނެވެ. ރިސޯޓެއްގައި މަސައްކަތް ކުރާ ޝިޒާންގެ ޅިޔަކީ މޫދު ކުޅިވަރު ކުޅުމުގެ ތަޖުރިބާ ހުންނަ މީހެކެވެ. އެހެންކަމުން ޗުއްޓީއަށް ރަށަށްދާ ކޮންމެ ފަހަރަކު އޭނާ މޫދަށް ދާއިރު ޝިޒާންވެސް އޭނާއާއެކު މޫދަށް ދާން ފެށިއެވެ. އަދި މަޑުމަޑުން ރާޅާ އަޅަން ދަސްކޮށް، މިހާރު ޝިޒާން އަކީ އެހެން މީހެއްގެ އެއްވެސް އެހީއަކާ ނުލައި ރާޅާ އަޅައި ބޯޑުގައި ކޮޅަށް ހުރެގެން ރާޅާއެޅޭ ފެންވަރު ހުރި ކުއްޖެކެވެ.

"ކޮއްކޮގެ ފިރިމީހާ އަސްލު ޝިޒާންއަށް ރާޅާ އަޅަން ދަސްކޮށްދިނީ. އޭނާއަކީ މޫދުކުޅިވަރު ކުޅުމުގެ ތަޖުރިބާ ހުރި މީހެއް. ދެން ޗުއްޓީއަށް ރަށަށް އައިސް އެގޮތަށް މޫދަށް ގޮސް އުޅޭއިރު ޝިޒާންވެސް ދާނެ އޭނަ ފަހަތުން. އެގޮތަށް އުޅެމުން ޝިޒާންއަށް ރާޅާ އަޅަން ދަސްވީ" ޝިޒާންގެ މަންމަ ބުންޏެވެ.

އާންމުގޮތެއްގައި ޝިޒާން މޫދަށް ގޮސް އުޅެނީ ހަފްތާ ބަންދުތަކުގައެވެ. އެގޮތުން ހަފްތާ ބަންދުގެ ދުވަސްތަކުގައި ދެތިން ގަޑިއިރު ޝިޒާން މޫދުގައި ހޭދަކުރެއެވެ. ޝިޒާން ރާޅާއެޅުމަށް ދާއިރު، އޭނާގެ ހަރަކާތްތައް ބެލުމަށް ޝިޒާންގެ މަންމަ ޝަޒުނާވެސް ދެއެވެ. ހުރި ހަމައެކަނި ދަރިފުޅުގެ ހާލު ބެލުމާވެސް އެކީގަވެ. ނަމަވެސް ދުވަހަކުވެސް މޫދަށް އެރިއުޅުމުގެ ތެރޭގައި ޝިޒާންއަށް ގެއްލުމެއް ވެފައި ނުވާ ކަމަށް ޝަޒުނާ ބުންޏެވެ.

"ދުވަހަކުވެސް ޝިޒާން އެކަނި މޫދަކަށް ނުދާނެ. ގިނަފަހަރު އަޅުގަނޑާއެކު ދާނީ. ނުބުނެއެއްވެސް ނުދާނެ. އަޅުގަނޑު ހުންނަން ޝިޒާންގެ ހަރަކާތްތައް ބަަލަން. ބައެއް ފަހަރު ވަރަށް އުނދަގޫވާނެ މޫދުން ނަގަންވެސް. އެހާވެސް ބޮޑަށް މޫދަށް ލޯބިޖެހިފަ އެ ހުންނަނީ" ޝަޒުނާ ބުންޏެވެ.

ގްރޭޑް 2ގައި ތައުލީމު ހާސިލްކުރަމުން އަންނަ ޝިޒާންއަކީ އެހެން ކުދިންނާ ގުޅިގެން މަސައްކަތް ކުރާ އެކުވެރި މިޒާޖެއްގެ ކުއްޖެކެވެ. އަބަދުވެސް އިތުރު ހަރަކާތްތަކަށް ޝިޒާން ލޯބި ކުރެއެވެ. ޝިޒާންގެ މަންމަ ޝަޒުނާވެސް ބޭނުންވަނީ ކިޔެވުމުގެ އިތުރުން އިތުރު ހަރަކާތްތަކުގައިވެސް ޝިޒާން ކުރިއަރައި ދިއުމެވެ. އަދި ޝިޒާންއަށް ލިބިފައިވާ ހުނަރާއިގެން ކުރިއަށް ދިއުމަކީ ޝަޒުނާގެ އުންމީދެކެވެ. މޫދު ކުޅިވަރު، ހާއްސަކޮށް ރާޅާއެޅުމުގެ ދާއިރާއިން ޝިޒާން ކުރިޔަށް ދާން ބޭނުންނަމަ އާއިލާގެ ފުރިހަމަ އެއްބާރުލުން ޝިޒާން އަށް ލިބޭނެ ކަމަގެ ޔަގީންކަން ޝިޒާންގެ މަންމަ ދެއެވެ.

"އަޅުގަނޑު ގަބޫލުކުރަނީ އެކުއްޖަކަށް ލިބިފައި ހުރި ހުނަރެއްގެ ބޭނުން ރަނގަޅު ގޮތުގައި ހިފަން ޖެހޭނެ ކަމަށް. ވަކި މިވެނި ދާއިރާއަކުންނޭ ކުރިޔަށްދާނީ ނިންމަން އަދި ޝިޒާންއަކަށް ނޭނގޭނެ. ނަމަވެސް ކުޑައިރުއްސުރެ މޫދަށް ހާއްސަ ލޯތްބެއް ޖެހިފައި ހުންނަ ކުއްޖެއް އެއީ. ޓީވީންވެސް އެގޮތަށް އެކިއެކި މޫދުކުޅިވަރުތައް ކުޅޭތަން ފެންނައިރަށް ބުނާނެ "މަންމާއޭ ޝިޒާންވެސް ބޭނުމޭ އެގޮތަށް އުޅެން" ދެން ވަރަށް ޝައުގު ހުންނާނެ އެދާއިރާއަށް" ޝަޒުނާ ބުންޏެވެ.

ކިޔެވުމަށް މޮޅު ޝިޒާންއަކީ މަޑުމައިތިރި ބަސްއަހާ ކުއްޖެއްވެސް މެއެވެ. ދީނީ ކަންކަމަށް ފަރުވާ ބަހައްޓާއިރު، ޝިޒާންއަށް ލިބިފައިވާ ރާޅާއެޅުމުގެ ހުނަރަކީ މުސްތަގުބަލުގައި ޝިޒާންއަށް ފައިދާ ކޮށްފާނެ ހުނަރެއްކަމަށް އޭނާގެ މަންމަ ގަބޫލު ކުރެއެވެ.