ޚަބަރު

ނިއު ނޯމަލްގައި އެއްފަހަރާ މަސް މާރުކޭޓަށް ވަދެވޭނީ ވަކި އަދަދަކަށް، ދޯނިތަކުގައި މަސް ކަނޑައި ވިއްކުން މަނާ

މަރިޔަމް ޝަހުދާ

އަންނަ ޖުލައި މަހު 1 ވަނަ ދުވަހުން ފެށިގެން މާލޭގެ ރޯމަސް މާރުކޭޓް ހުޅުވަން ތައްޔާރުވަމުން އަންނައިރު އެއްފަހަރާ މާރުކޭޓަށް ވަދެވޭނީ ވަކި އަދަދަކަށް ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.

މާލެ ސިޓީ ކައުންސިލްގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ޒަމީރު "ވަން" އަށް ވިދާޅުވީ އާ އާންމު ހާލަތުގައި މަސްމާރުކޭޓު ހުޅުވަން ވާންޖެހޭ ތައްޔާރީތައް މިހާރު ވަމުން އަންނަ ކަމަށެވެ. އެގޮތުން މާރުކޭޓުގެ ބޭރުގައާއި އެތެރޭގައި އިޖުތިމާއީ ގައިދުރުކުރުމުގެ ފާހަގަތައް ކުރަހާފައިވާއިރު މާރުކޭޓަށް ނުވަދެ މަސް ގަތުމުގެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޒަމީރު ވިދާޅުވި ގޮތުގައި، މާރުކޭޓު އެތެރޭގައި ގައިދުރުކުރުމުގެ ފާހަގަތައް ކުރެހި ނަމަވެސް އެއްފަހަރާ މާރުކޭޓަށް ވަދެވޭނީ ވަކި އަދަދެއްގެ މީހުންނަށެވެ. އަދި މާރުކޭޓް އެތެރޭގައި މަސް ވިއްކަން ތިބެވޭނީ ވެސް ސިޓީ ކައުންސިލްގައި ރަޖިސްޓްރީ ކުރާ ދޯނިތަކަށް ދޭ ހާއްސަ ފާހަކާއެކު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ސިޓީ ކައުންސިލުން ދޫކުރަމުން އަންނަ މި ފާހަކީ މާރުކޭޓުގައި ތިބެގެން މަސް ވިއްކުމަށާއި މަސް ޑެލިވާ ކުރުމަށް ދޫކުރާ ފާހެކެވެ. މި ފާސް މިހާރު ވެސް ބައެއް ދޯނިތަކަށް ދޫކޮށްފައިވާއިރު ބިދޭސީންނަކަށް ފާސް ދުލެއް ނުކުރާނެއެވެ.

ޒަމީރު ވިދާޅުވީ، އާ އާންމު ހާލަތުގައި މަސް މާރުކޭޓު ތެރޭގައި ހުންނަ އަށިތަކުގައި މަސް އަތުރައިގެން މަސް ނުވިއްކޭނެ ކަމަށާއި އޭގެ ބަދަލުގައި މަސްތައް ހުންނަން ޖެހޭނީ އައިސް އަޅާފައި ހުންނަ ކޮންޓެއިނަރުގައި ކަމަށެވެ. ނަމަވެސް ފާސް ދޫކޮށްފައިވާ ބައެއް ދޯނިތަކުން، އެދޯނިތަކުގައި މަސް ކަނޑައި މަސް ވިއްކަމުން އަންނަ ކަމަށާއި އެއީ މަނާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ، އެކަންކަން ހުއްޓުވުމަށް ފުލުހުންނާއި ކައުންސިލާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"ދޯނީގައި މަސް ކަނޑައި މަސް ވިއްކުމަކީ މަނާ ކަމެއް. ފުލުހުން ގޮސް މިކަން ނުކުރަން އެދުމުން، ކައުންސިލުން ދޫކޮށްފައިވާ ފާސް ދައްކާފައި އެބަ ބުނޭ ކައުންސިލުން ހުއްދަ ދީގެންނޭ. މިއީ ފުލުހުންނަށް އޮޅުވާލުން. އެ ފާހަކީ ހަމައެކަނި މަސް މާރުކޭޓު އެތެރޭ ތިބެ މަސް ކަނޑައި ވިއްކުމަށް ދީފައިވާ ފާހެއް. ދޯނީގައި ތިބެ މަސް ކަނޑައި މަސް ވިއްކުމަށް ދީފައިވާ ފާހެއް ނޫން،" ޒަމީރު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، މިހާރުވެސް ކޮންމެ ރެއަކު ކެމިކަލް އަޅައިގެން މަސް މާރުކޭޓު އެއްކޮށް ސާފުކުރި ނަމަވެސް އާ އާންމު ހާލަތުގައި ހަފުތާއަކު އެއްފަހަރު މަސް މާރުކޭޓު ޑިސްއިންފެކްޓް ކުރާނެ ކަމަށެވެ.

ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ޖުލައި އެކެއްގައި މަސް މާރުކޭޓުގެ އިތުރުން ދަތުރުވެރިންގެ މާރުކޭޓު ވެސް ހުޅުވާނެއެވެ. ނަމަވެސް ލޯކަލް މާރުކޭޓު އަލުން ހުޅުވުމަށް ދުވަސް ނަގާނެ ކަމަށް ކައުންސިލުން ބުނެއެވެ. ޒަމީރު ވިދާޅުވީ، ލޯކަލް މާރުކޭޓުތައް ޑިސްއިންފެކްޓު ކުރުމަށް ހުސް ކުރިއިރު އެތަނުގައި އުސޫލާ ހިލާފަށް ތަންތަން ހަދާފައިވާތީ އެތަންތަން ރޫޅައި މާރުކޭޓު ސާފުކޮށް، ޑިސްއިންފެކްޓު ކުރުމުގެ މަސައްކަތް ނިމުނުހާ އަވަހަކަށް ލޯކަލް މާރުކޭޓު ވެސް ހުޅުވާނެ ކަމަށެވެ.