ދުނިޔެ

ބޮޑެތި ކުންފުނިތަކުން ފޭސްބުކްގައި އިސްތިހާރުކުރުން ހުއްޓާލުމުން ޒުކަބާގަށް ހަތް ބިލިއަން ޑޮލަރުގެ ގެއްލުން!

މުހައްމަދު އައުޒަމް

މަޝްހޫރު ވިޔަފާރިވެރިންނާއި ފަންނުވެރިން ވިޔަފާރި އުސޫލުން ފޭސްބުކް ނެޓްވޯކުގައި އިސްތިހާރުކުރުން ހުއްޓާލުމުން ފޭސްބުކްގެ ބާނީ އަދި ޗީޕް އެކްޒެކެޓިވް މާކް ޒުކަބާގަށް ހަތް ބިލިއަން ޑޮލަރުގެ ގެއްލުންވެއްޖެއެވެ.

"ސްޓޮޕް ހޭޓް ފޯ ޕްރޮފިޓް" ނަމުގައި ފޭސްބުކް، އިންސްޓާގްރާމް އަދި ވަޓްސްއެޕް ފަދަ ފޭސްބުކަށް ނިސްބަތްކުރެވޭ ސޯޝަލް އެޕްލިކޭޝަންތަކާ ދެކޮޅަށް ކެމްޕެއިނެއް ފަށާފައިވަނީ ނަސްލީ ތަފާތު ކުރުމަށް ހިތްވަރު ދޭ ލިޔުންތަކާއި އަނިޔާވެރިކަމަށް މަގުފަހިވާ ލިޔުންތައް ނުނަގައި އެ ލިޔުންތައް ޕްރޮމޯޓު ކުރަމުން އަންނާތީއެވެ.

އެގޮތުން މަޝްހޫރު ފިޔަފާވެރިންގެ އިތުރުން ވިޔަފާރީގައި ދުނިޔެއަށް މަޝްހޫރު ބްރޭންޑްތަކުން ވެސް ފޭސްބުކާ ދުރަށް ޖެހި، ވިޔަފާރި އުސޫލުން އެ ނެޓްވޯކުގައި އިސްތިހާރުކުރުން ވަނީ ހުއްޓާލައިފައެވެ. މިއާއެކު ފޭސްބުކަށް މާލީގޮތުން އަސަރުކުރަން ފަށާފައިވާއިރު ފާއިތުވެދިޔަ ތިން މަސްދުވަހުގެ ތެރޭ ފޭސްބުކްގެ ހިއްސާ 8.3 ފަސެންޓު ދަށަށް ގޮސްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެގޮތުން ފޭސްބުކްގެ ހިއްސާ 56 ބިލިއަން ޑޮލަރު ދަށްވެފައިވާއިރު ޒުކަބާގްގެ މިލްކިއްޔާތުން 82.3 ބިލިއަން ޑޮލަރުގެ ދަށްވުމެއް އައިސްފައިވާ ކަމަށް މަޝްހޫރު ސޮފްޓްވެއާ ކުންފުނި ބްލޫމްބާގް ބިލިއަނާސް އިންޑެކްސުން ވަނީ ހާމަކޮށްފައެވެ.