Close
ސިއްހަތު

މޫސުމީ ބަދަލުތަކުގެ ސަބަބުން ޖެހޭ ރޯގާ އާއި ހުމަށް ގޭތެރެއިން ހޯދިދާނެ ބައެއް ފަރުވާތައް

އީމާ މުހައްމަދު ވަހީދު

މިއީ ވަރަށް ވިއްސާރަ ދުވަސްވަރެކެވެ. އެހެންކަމުން މިދުވަސްވަރު ހުމާއި ރޯގާ ފަދަ އާދައިގެ ވައިރަލް ހުންތައް ފެތުރޭ މިންވަރު އިތުރުވާނެއެވެ. ނުރައްކާތެރި ކޮވިޑް 19 ވެސް ފެތުރޭ މި ދަނޑިވަޅުގައި އަބަދު ހޮސްޕިޓަލަށް ދިއުމަކީ އެހާ ރައްކާތެރި ކަމަކަށް ނުވާނެއެވެ. އެހެންކަމުން މޫސުމީ ބަދަލުތަކުގެ ސަބަބުން ޖެހޭ އާދައިގެ ވައިރަލް ރޯގާތަކަށް ގޭތެރެއިން ފަރުވާ ލިބުމަކީ ގިނަ މީހުން ވަރަށް ބޭނުންވާނެ ކަމެކެވެ.

އިނގުރު މާމުއި ފަނި

އިނގުރާއި މާމުއި އެއްކޮށްގެން ފަނި ހަދައިގެން ބުއިމަކީ ވަރަށް ކުރިއްސުރެ މީހުން ރޯގާއި އާއި ހުން އައުމުން ފަރުވާއަކަށް ކުރަމުން އައި ކަމެކެވެ. މި ބުއިމުން ކަރުގައި ރިހުން ރަނގަޅުވުމާއި ރޯގާ ޖެހިގެން ކެއްސާނަމަ އެކަމަށް ލުއި ލިބޭނެއެވެ. މީގެ އިތުރުން ބޯ އެނބުރުން ފަދަ ކަންކަމަށްވެސް ފަރުވާ ލިބޭނެއެވެ. އިނގުރުގައި ހިމެނޭ އިންފްލެމެޓްރީ ޖިންޖަރރޯލްސް އަދި ޝާއޯގަލްސް ގެ ސަބަބުން ހުމާއި ރޯގާ ޖައްސާ ޖަރާސީމުތައް މަރާލާނެއެވެ. އެހެންނަމަވެސް އަހަރު ނުވާ ކުޑަކުދިންނަށް މި ފަނި ދިނުމަކީ އެހާ ރައްކާތެރިކަމެއް ނޫނެވެ.

ލޮނުމެދު

ލޮނުމެދުގައި ހުންނަ އެލައިސިން އަކީ އެންޓި މައިކްރޯބިއަލް މާއްދާ ހިމެނޭ އެއްޗެކަށް ވުމުން މޫސުމީ ބަދަލުތަކުގެ ސަބަބުން ޖެހޭ ވައިރަލް ރޯގާ ފަތުރާ ޖަރާސީމުތައް މަރާލައި ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަ ކުރަން އެހީތެރިވެދެއެވެ. އެގޮތުން ކާ ތަކެތި ތައްޔާރު ކުރާއިރު ލޮނުމެދު އެޅުމުން އެކިކަހަލަ ވައިރަލް ރޯގާތައް ޖެހުމުންވެސް ހަށިގަނޑު ސަލާމަތް ކޮށްދޭނެއެވެ. މީގެ އިތުރުން ހެނދުނު ހޭލާގޮތަށް ސައި ބުއިމުގެ ކުރިން ލޮނުމެދު ފަޅިއެއް ހަފާލައިގެން ކެއުމުން ހަކަރުބަލި ފަދަ ބަލިތައް ޖެހުމުންވެސް ދުރުކޮށްދެއެވެ.

ވިޓަމިން ސީ

ވިޓަމިން ސީ އަކީ ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަ ކޮށްދޭ އެއްޗެއްކަން ގިނަ މީހުންނަށް އެނގޭނެއެވެ. އެގޮތުން އޮރެންޖާއި ލުނބޮއާއި ފެހިކަން ގަދަ ތަރުކާރީ އަދި މޭވާއަކީ ވިޓަމިން ސީގެ މާއްދާއިން މުއްސަނދިވެފައިވާ ބައެއް ކާތަކެއްޗެވެ. ވިޓަމިން ސީ ހިމެނޭ ބާވަތްތައް ކެއުމުން ވައިރަލް ހުންތަކަށް ފަރުވާ ނުލިބިދާނެއެވެ. އެހެންނަމަވެސް ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަ ކޮށްދޭނެއެވެ. ވިޓަމިން ސީ ހިމެނޭ ބާވަތްތައް ގިނައިން ކެއިންބުއިމުގައި ބޭނުން ކުރުމުން ނޭވާލާ ނިޒާމަށް ޖެހޭ ބައެއް ބަލިތަކުން ވެސް ރައްކާތެރި ކޮށްދޭނެއެވެ.

ހުން އަދި ވައިރަލް ރޯގާ ފަދަ ކަންކަމުން ސަލާމަތްވެ ތިބުމަށް އެންމެ މުހިންމު އަނެއް ކަމަކީ އަބަދުވެސް ގިނައިން ދިޔާ އެއްޗެހި ބުއިމެވެ. ވިޓަމިންސީ އެކުލެވޭ ބުއިންތައް އަދި ގިނައިން ފެން ބުއިމަކީ ވެސް ކޮންމެހެން ބޭނުންތެރި ކަމެކެވެ. އަދި ހަމަ އެހެންމެ ގޭތެރެ އާއި އުޅޭ މާހައުލު އަދި އޮފީސް ފަދަ ތަންތަން ވެސް ރީއްޗަށް ސާފުކޮށް، ހިރަފުހުން ސަލާމަތްކުރުމަކީ ވެސް އެހާމެ ބޭނުންތެރި ކަމެކެވެ.

ސަމާލުކަން ދޭން ޖެހޭ ކަމަކީ ކޯވިޑް 19 ފެތުރެމުންދާ މިދުވަސްވަރުގައި ކުޑަކޮށް ނަމަވެސް އެ ބަލީގެ އަލާމާތެއް ފެނިއްޖެނަމަ ވީހާވެސް އަވަހަކަށް ޑޮކްޓަރަށް ދައްކާ ޓެސްޓް ހެދުމަށެވެ.