ކުޑަކުދިންނަށް ކުރާ ޖިންސީ ފުރައްސާރައިގެ ވާހަކައަކީ ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އިވޭ ވާހަކަތަކެވެ. މީހުންގެ ވިސްނުމަށް ކިތަންމެ ބަދަލުތަކެއް އައި ނަމަވެސް ކުދިންނަށް ޖިންސީ ފުރައްސާރަ ކުރުމަށާއި އަނިޔާ ކުރުމަކަށް ބަދަލެއް ނާދެއެވެ. އެހެންކަމުން އަހަރެމެންގެ ދަރިންނަށް އެކުދިންގެ ގައިގައި މީހުން ރަނގަޅު ނިޔަތެއްގައި އަތްލުމާއި ގޯސް ނިޔަތެއްގައި އަތްލުމުގެ ތަފާތު ކިޔައިދިނުމަކީ ވަރަށް މުހިންމު ކަމެކެވެ.
"ބޭޑް ޓަޗް" އަކީ މީހެއްގެ ގައިގައި އަތްލުމުން އެމީހަކަށް އުނދަގޫ ވާ، ނުތަނަވަސްވާ ނުވަތަ ބިރުވެރިކަމެއް އިހްސާސް ކުރެވޭ ގޮތަށް އަތްލުމެވެ. ގޯސް ނިޔަތެއްގައި މީހަކު ކުޑަކުއްޖެއްގެ ގައިގައި އަތްލައިފިނަމަ އެކުއްޖާ އެމީހަކު ދެކެ ބިރުގަންނާނެއެވެ. އެމީހަކާ އެކީ އެކަހެރިވާން ބޭނުމެއް ނުވާނެއެވެ. ކުޑަކުދިންނަށް މީހަކު ގޯސް ނިޔަތެއްގައި އަތްލުމާއި ރަނގަޅު ނިޔަތެއްގެ އަތްލުމުގެ ތަފާތު ކިޔައިދިނުމަކީ މައިންބަފައިންނާއި ބޮޑެތި މީހުން އަދި ޓީޗަރުންގެ ބޮލުގައި އެޅިފައިވާ ޒިންމާއެކެވެ.
މައިންބަފައިން ދަރިފުޅާ ގާތް ގުޅުމެއް ބޭއްވުމަކީ ވަރަށް މުހިންމު ކަމެކެވެ. ދަރިފުޅު ބޭނުން އެއްޗެއް ހިއްސާ ކުރެވޭ ވަރުގެ ގާތް ބަޔަކަށް މައިންބަފައިން ވާން ވާނެއެވެ. ދަރިފުޅަށް އުނދަގޫވާ ކަހަލަ އަމަލެއް އެހެން މީހަކު ފަރާތުން ފެނިއްޖެނަމަ އެއްވެސް ޖެހިލުމެއްނެތި އެކުދިން މައިންބަފައިންނާ ހިއްސާ ކުރަން އެދޭށެވެ. ދަރިފުޅަށް ބޭޑް ޓަޗް ކިޔައިދިނުމުގައި އެއީ ވަރަށް މުހިންމު ކަމެކެވެ. އެކަން ނުވެ އޮތް ނަމަ، އެ ކޮމްފޯޓް ނުވަތަ އިތުބާރާއި ގާތްކަން މައިންބަފައިންނާއި ދަރިވަރާ ދެމެދު ނެތް ނަމަ އެކުދީންނަށް މިފަދަ ކިތަންމެ ސީރިއަސް މައްސަލަތަކެއް ކުރިމަތިވަމުން ދިޔަ ނަމަވެސް އެކަން އޮންނާނީ ނޭނގުމެއްގެ ތެރޭގައިކަން ހަނދާން ކުރާން ޖެހެ އެވެ.
ދަރިންނަށް އެކުއްޖާގެ ހަށިގަނޑަކީ ހަމައެކަނި އޭނާގެ ހައްގެއްކަން ވިސްނައި ދޭށެވެ. ހުއްދައާ ނުލައި އެހެން މީހުންނަށް ދަރިފުޅުގެ ހަށިގަނޑުގައި އަތްނުލެވޭނެ ކަން ވެސް ވިސްނައިދޭށެވެ. އެގޮތުން ދަރިފުޅު ބޮޑުވުމުން ގާތް އެކުވެރިންނާއި މައިންބަފައިންނަށްވެސް ހުއްދަނެތި ދަރިފުޅުގެ ހަށިގަނޑުގެ ބައެއް ހިސާބުތަކުގައި އަތް ނުލެވޭނެ ކަން ކިޔައިދޭށެވެ. ދަރިފުޅު ކުޑައިރު މިފާހަގަކުރި ކަންކަން ކިޔައިދީ ވިސްނައިދީފިނަމަ ބޮޑުވުމުން އެކުއްޖާއަށް މީހަކު ގޯސް ނިޔަތެއްގައި އަތްލަފިނަމަ ހުއްޓުވައި މައިންބަފައިންނަށް އެކަން ކިޔައިދޭން އެނގޭނެއެވެ.
މީހަކު ހިތްހަމަ ނުޖެހޭ ގޮތަށް ކުއްޖާގެ ހަށިގަނޑުގެ ތަނެއްގައި އަތްލައިފިނަމަ ނޫނެކޭ ބުނަން ދަރިފުޅަށް ދަސްކޮށްދޭށެވެ. ޓީޗަރަކުވެސް ނުވަތަ ގާތްތިމާގެ މީހަކަށްވިޔަސް ނުވަތަ ޓީޗަރަކުވެސް ގޯސްގޮތަކަށް އަތްލާ ނަމަ އެކަން ހުއްޓުވައި ނޫނޭކޭ ބުނަން ޖެހޭނެކަން ދަރިފުޅަށް ބުނެދޭށެވެ. ގޯސް ނިޔަތެއްގައި އަތްލުމާއި ގުޅޭ ކަންކަން ދަރީންނަށް ކިޔައިދޭއިރު ހަމަޖެހިގެން ރީތި ބަހުން ކިޔައިދިނުމަކީ ވަރަށް މުހިންމު ކަމެކެވެ.
ދަރިފުޅުގެ އުޅުމަށް ބަދަލު އަންނަ ނަމަ އެކުއްޖާއާ ވާހަކަދައްކައިގެން ވީގޮތެއް ބެލުމަކީ ވަރަށް މުހިންމު ކަމެކެވެ. ނުވަތަ ކުޑަކުއްޖަކު ވަކި މީހަކާ އެކީ އެކަނި ހުންނަން ބޭނުން ނުވާނަމަ ނުވަތަ ވަކި މީހަކު ފެނުމުން ބިރުގަންނަ ނަމަ އެކުއްޖާ އެމީހަކާ އެކު އެކަހެރި ނުކުރާށެވެ. ދަރިފުޅާ ވާހަކަ ދައްކައިގެން ބިރުގަނެ ޖެހިލުންވާ ސަބަބު ބަލައި ސާފު ކުރާށެވެ. އެކަމުގައި ސީރިއަސް ސަބަބެއް އޮތުމަކީ ވަރަށް ގާތް ކަމެކެވެ.
ކުރީންވެސް ބުނި ފަދައިން ބޭޑްޓަޗް، ނުވަތަ ނުހަމަ ގޮތުގައި ދަރިފުޅު ގައިގައި މީހުން އަތްލުމުން އެކަން މައިންބަފައިންނަށް އެނގުމަށް މަގުފަހިކޮށްދޭނެ އެންމެ މުހިންމު ކަމަކީ ދަރިފުޅާއި މައިންބަފައިންނާ ދެމެދު އޮންނަ އިތުބާރާއި ލޯތްބާއި ގާތް ގުޅުމެވެ. އެ ގުޅުން އޮވެއްޖެ ނަމަ މިކަންކަން ހައްލުކުރުމުގެ ފުރުސަތު ވަރަށް ބޮޑަށް ހުޅުވިފައި އޮންނާނެ އެވެ. އެހެންކަމުން އެ ގުޅުން ގާއިމްކޮށް ވަރުފަދަކޮށް ބާއްވަން ހާއްސަ އިސްކަމެއް ދޭށެވެ.