ޚަބަރު

ކޮވިޑް 19 : އޭޑީބީގެ ފަރާތުން ރާއްޖެއަށް 50 މިލިއަން ޑޮލަރު

އަލީ ޔާމިން

ކޮވިޑް 19އާ ދެކޮޅަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)ގެ ފަރާތުން 25 މިލިއަން ޑޮލަރުގެ ލޯނު އެހީގެ އިތުރުން 25 މިލިއަން ޑޮލަރުގެ ހިލޭ އެހީއެއް ދޭން ނިންމައިފިއެވެ.

އޭޑީބީގެ ރައީސް މަސަޓްސުގޫ އަސަކަވާ ވިދާޅުވީ، ކޮވިޑުގެ ސަބަބުން ރާއްޖެއަށް ކުރަމުން އަންނަ އަސަރު ކުޑަކުރުމަށް ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އޭޑީބީން ތައްޔާރަށް އޮތް ކަމަށެވެ.

"ކޮވިޑުގެ ސަބަބުން ރާއްޖޭގެ ސިއްހީ ދާއިރާއަށް ކުރާ އަސަރާއި، އިގުތިސޯދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ކުރަމުން އަންނަ އަސަރު ކުޑަކުރުމަށް، ރާއްޖެއަށް އެހީތެރިވެދިނުމަށް އޭޑީބީން އޮތީ ތައްޔާރަށް،" މަސަޓްސުގޫ ވިދާޅުވިއެވެ.

މީގެ އިތުރުން ހީނަރުވެފައިވާ ރާއްޖޭގެ އިގުތިސޯދު އަލުން ކޮޅަށް ޖެހުމަށް އެކިއެކި ދާއިރާތަކަށް ބޭނުންވާ ބަޖެޓު ސަޕޯޓު ފޯރުކޮށްދޭނެ ކަމުގެ ޔަގީންވަންވެސް އޭޑީބީން ވަނީ ރާއްޖެއަށް އަރުވައިފައެވެ.

އޭޑީބީން ރާއްޖެއަށް ދޭން ކަނޑައެޅި ފައިސާ ބޭނުންކުރަން ހަމަޖައްސާފައިވަނީ ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާ ކުރުމަށާއި، އިގުތިސޯދީ ގޮތުން ވެފައިވާ ގެއްލުން ކުޑަކުރުމަށެވެ. އެގޮތުން

ރާއްޖޭގެ ފަސް ސަރަހައްދެއްގައި ކޮވިޑް 19އަށް ޓެސްޓުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށާއި، ދުވާލަކު ޓެސްޓުކުރެވޭ މިންވަރު 800 އަށް އިތުރު ކުރުމަށާއި، މީހުން އައިސޮލޭޓް ކުރުމަށް މަދުވެގެން 400 އެނދު ހަމަޖެއްސުމުގެ އިތުރުން ކްރިޓިކަލް ކެއާއަށް ހާއްސަކޮށް މަދުވެގެން 200 އެނދު ހަމަޖެއްސުމަށް އެ ފައިސާ ބޭނުން ކުރުމަށް ވަނީ ހަމަޖައްސައިފައެވެ. އަދި ކޮވިޑުގެ ސަބަބުން ވަޒީފާ ގެއްލުނު އަދި ވަޒީފާއަށް އަސަރުކޮށްފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް އެ ފައިސާ ބޭނުން ކުރާނެއެވެ.

ކޮވިޑް 19އާ ގުޅިގެން އޭޑީބީގެ މެންބަރު ގައުމުތަކަށް އެހީވުމަށް، އެ ބޭންކުން ވަނީ 20 ބިލިއަން ޑޮލަރުގެ ސަޕޯޓު ފެސިލިޓީއެއް ކަނޑައަޅައިފައެވެ. އަދި މިހާތަނަށްވެސް އޭޑީބީން ވަނީ ގިނަ ގައުމުތަކަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައެވެ.