ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ދަރަނި ދެއްކުމަށް ރަނގަޅު ގޮތްތަކެއް ހޯދުމަށް ޗައިނާއާއެކު ދަނީ މަޝްވަރާކުރަމުން: ރައީސް

ރާއްޖެއިން ޗައިނާއަށް ލޯނުގެ ފައިސާ ދެއްކުމުގައި ރަނގަޅު ގޮތްތަކެއް ހޯދުމަށް އެގައުމާއެކު މަޝްވަރާ ކުރަމުންގެންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ޗައިނާގެ އަތުން ނަގާފައިވާ ލޯނުގެ އަދަދު 1.4 ބިލިއަނަށް އަރާ ކަމަށާއި އޭގެ ތެރޭގައި ކޮންސެޝަނަލް ލޯންތައް ވެސް ހިމެނޭ ކަމަށެވެ.

"އެ ބޭފުޅުން ތިއްބެވީ އަޅުގަނޑުމެންނާއެކު މަޝްވަރާކޮށް މިހާރުވެސް ދޫކޮށްފައި ހުރި ލޯންތަކާއި އެމްއޯޔޫތައް، އަންޑަސްޓޭންޑިން އަށް އާދެވިފައިވާ ކަންތައްތަކުގައިވެސް އެކީގައި މަސައްކަތްކޮށް އެކަމަށް ރަނގަޅު ގޮތްތައް ހޯދައިދިނުމަށް،" އެމަނިކުފާނު ވިދާޅުވިއެވެ.

އިންޑިއާއިން ރާއްޖެއަށް ދީފައިވާ 1.4 ބިލިއަން ޑޮލަރުގެ އެހީއަކީ ގައުމުގެ ތަރައްގީއަށް ދިން އެހީއެއް ކަމަށާއި އެ އެހީއިން ޗައިނާގެ ލޯނުތަކަށް ފައިސާ ދެއްކުމަކީ ސަރުކާރުގެ މަގުސަދެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އިންޑިއާއާއެކު އޮތް ގުޅުމުގެ ސަބަބުން ޗައިނާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުމަށް ހުރަސް އެޅޭނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ވެސް ރައީސް ފާހަގަކުރެއްވިއެވެ.