Close
ލައިފް ސްޓައިލް

ދިވެހި ކަނބަލުން ދިވެހި ލިބާހުގައި މާ ބޮޑަށްވެސް ނަލަ

އީމާ މުހައްމަދު ވަހީދު

ދިވެހިންނަކީ އިހުޒަމާނުއްސުރެ އަމިއްލަ ސަގާފަތަކާއި އާދަކާދައެއް ގެންގުޅުނު ބައެކެވެ. އަހަރެމެންގެ ކާބަފައިން މީގެ ގަރުނެއް ކުރިން އުޅެފައިވަނީ ކިތަންމެ ދަތި ދިރިއުޅުމެއް ނަމަވެސް، އުޅުނީ އަމިއްލަވަންތަ ކަންމަތީއެވެ. އެއިރަކު ރާއްޖޭގެ ރަށްރަށުން ލިބެން ހުރި ކާބޯތަކެތިން މީރު އެއްޗެހި ހަދައިގެން ކައެވެ. އާމްދަނީ ހޯދުމަށް ތަފާތު އެކި މަސައްކަތް ކުރިއެވެ. އުނުއަންނައުނު އަމިއްލައަށް ތައްޔާރުކުރިއެވެ. އަހަރެމެންގެ އަމިއްލަ ބަހަކާއި އަކުރެއް އެބައޮތެވެ. ޝައްކެއްވެސް ނެތެވެ. ދިވެހި ގައުމަށް ލިބިފައި އޮތީ ވަރަށް މުއްސަނދި މާޒީއެކެވެ. ކާބަފައިން ވަނީ އަހަރެމެންނަށް އަގުހުރި އެތައް އެއްޗެއް ދޫކޮށްފައެވެ. އޭގެ ތެރެއިން ވެސް އެންމެ ފާހަގަކޮށްލެވޭ އެކައްޗަކީ ދިވެހި ލިބާހެވެ. ކުރީ ޒަމާނުގައި ދިވެހި އަންހެންވެރިން ލައި އުޅުނު ދިވެހި ލިބާހެވެ. ހާދަހާ ރީއްޗެވެ. ދިވެހި ލިބާސް ލައިގެން ތިބޭއިރު ދިވެހި ކަނބަލުން ހާދަ ނަލައެވެ.

މިޒަމާނުގެ ކުދިންނަށް ދިވެހި ލިބާހަކީ އެހާ ކަމުދާ އަންނައުނުގެ ބާވަތަކަށް ނުވެދާނެއެވެ. އެހެންނަމަވެސް ދިވެހި ލިބާހަކީ ހާދަ ހިތްގައިމު ހެދުމެކެވެ. ދިވެހި ލިބާހުން ދިވެހިންގެ ހުނަރުވެރިކަން ފެނިގެން ދެއެވެ. ލިބާހުގެ ކަރުވަޅު ކަސަބުން ޖަރީކޮށްފައި ވާލެން ފުރިހަމަ ކަމުން ހީވާނީ ކަރުގައި ރަންރިހީގެ ހިމަ ގަހަނާ އަޅާފައި ހުންނަ ހެންނެވެ. ލިބާސް ލައިގެން ކަރުގައި ދިވެހި ފައްޓަރުބައެއް އަޅައިލުމުން ރީތިކަން އަދި އެތައް ގުނައަކަށް އިތުރުވެގެން ދެއެވެ. ކާބަފައިންގެ ދުވަސްވަރު ދިވެހި ކަނބަލުން ރަތްލިބާހާއި ކަނޑިކި ލައިގެން ތިބޭއިރު އެ ރީތި ކަމަށް ޖެހޭނެ މިސާލެއް ނޯންނަހާވެސް ފުރިހަމައެވެ. އެހާވެސް ރީއްޗެވެ.

ޖެހިލުމެއްނެތި ބުނަން ކެރެނީ ދިވެހި ލިބާހުގައި ކަނބަލުންގެ ރީތިކަން އެތައް ގުނައަކަށް އިތުރުވެގެންދާ ވާހަކައެވެ. މިހާރުވެސް މަގެއްގެ މަތީން ކަސަބާއި ބޯވަޅުން ޒީނަތްކޮށްފައިވާ ދިވެހި ލިބާހެއް ލައިގެން ހުރި ކަނބަލަކު ފެނިއްޖެނަމަ، އޭނާއާ ދިމާއަށް ދެވަނަ ފަހަރަށް ބަލައި ނުލައެއް ނުދެވޭނެއެވެ. ދިވެހި ލިބާހުގައި ކަނބަލުން އެހާވެސް ފުރިހަމައެވެ.

ދިވެހި ލިބާހަކީ އަހަރެމެންގެ ކާބަފައިން ދޫކޮށްފައިދިޔަ އެންމެ އަގުބޮޑު އެއް ހަދިޔާއޭ ބުނުމަކީ މުޅިން ގޯސް ވާހަކައަކަށް ނުވާނެއެވެ. ރާއްޖެއަކީ ފަތުރުވެރިންގެ މެދުގައި ވަރަށް މަގުބޫލު މަންޒިލެކެވެ. ދެބަސްވެވެން ނެތް ހަގީގަތަކީ މިތަނަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް އެންމެ ކަމުދާ އެއްކަމަކީ އަހަރެމެންގެ ކާބަފައިންގެ އުޅުމާއި އޭރު ދިވެހިން ލައި އުޅުނު އަންނައުނާއި ކެއުމަށް ބޭނުންކުރި ތަކެތި ކަމެވެ. އޭގެ ތެރެއިންވެސް ދިވެހި ރަތްލިބާހަކީ މިގައުމަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ މެދުގައި ވެސް ވަރަށް މަގުބޫލު ހެދުމެވެ. ރާއްޖެއަށް ޒިޔާރަތް ކޮށްފިނަމަ ދިވެހި ލިބާހެއްގެ ފޮޓޯ ނަގަން ނަމަވެސް ލާން އެމީހުން ބޭނުން ވެއެވެ. ދުނިޔޭގެ ކޮންމެ ހިސާބެއްގައިވެސް ދިވެހި ލިބާހެއް ލައިގެން ހުރެއްޖެ ނަމަ އެއީ ދިވެހި ކަނބަލެއްކަން ގިނަ ބަޔަކަށް އެނގޭނެއެވެ.

އަޅުގަނޑުވެސް ގަބޫލުކުރަމެވެ. މިހާރު މިވަނީ ދިރިއުޅުމުގެ ވައްޓަފާޅި ވަރަށް ބޮޑަށް ބަދަލު ވެފައެވެ. އެހެންކަމުން މިޒަމާނުގައި އާއްމު ދިިރިއުޅުމުގައި ދިވެހި ލިބާސް ލައިގެން އުޅުމަކީ އެހާ ފަސޭހަ ކަމަކަށް ނުވެދާނެއެވެ. އެހެންނަމަވެސް، އަޅުގަނޑުމެން ބޭރުން އަންނަ އިއްޒަތްތެރިންނަށް މަރުހަބާ ކިޔަން ދިވެހި ލިބާސް ލާއިރު، ފެޝަނާ އެއްގޮތަށް ލިބާސް ބަދަލު ނުކުރާށެވެ. އޭރުން ދިވެހި ލިބާހުގެ ރީިތިކަން ގެއްލެއެވެ. މީގެ އިތުރުން ދިވެހި ބަހުގެ ދުވަހާއި ދިވެހި ތާރީހާ ގުޅުން ހުންނަ އެކިއެކި ދުވަސްދުވަސް ފާހަގަކުރާއިރު ދިވެހި ލިބާސް ހުޅަނގުގެ ގޮތްގޮތަށް ބަދަލުކޮށްގެން ލައިގެން ތިބޭތަން ފެނުމުން އެ މަންޒަރު އެހާ ހިތްގައިމެއްވެސް ނޫނެވެ. އަހަރަކު އެއްފަހަރުވެސް އަހަރެމެންގެ ތެރެއިން ގިނަ މީހުން ދިވެހި ލިބާހެއް ނުލާނެ އެވެ. އެހެންކަމުން މަދުފަހަރަކު ލާއިރުވެސް ދިވެހި ލިބާހުގެ ދިވެހި ވަންތަކަން ގެއްލުވައިނުލާށެވެ. ދިވެހި ލިބާހަކީ ދިވެހިންގެ ދިވެހި ވަންތަކަމުގެ އެއް ރަމްޒެވެ.

އަދުގެ ދިވެހި ޒުވާނުންގެ ތެރެއިން ގިނަ ބަޔަކަށް ދިވެހު ލިބާސް ކަމުނުގޮސްފާނެއެވެ. އެހެންނަމަވެސް، ދެބަސްވެވެން ނެތް ހަގީގަތަކީ މިހާރު ޔޫރަޕު މީހުން ލައިއުޅޭ ކުދި ކުދި ހެދުމަށްވުރެ ދިވެހި ލިބާސް މާ ރީތިކަމެވެ. ލިބާސް ލުމުން ގަޔަށް ޖެހި ފިތިގެން ހަށިގަނޑުގެ ވަނާތައް އެނގެން ނެތްނަމަވެސް، ދެބައިކުޅަ އެއްބައި އައުރު ދައްކައިގެން ތިލާ ވެސްޓާން ޓޮޕާއި ހެދުމަށްވުރެ ދިވެހި ލިބާސް ލައިގެން ތިބޭއިރު މާ ރީތިވާނެއެވެ. ކަނޑިކި އަންނަން ޖެހޭތީ ލަދުގަންނަ އިރު، ބާރު ކަމުން ފައިގެ މަސްގަނޑު އިރައިގެން ދާވަރުގެ ބާރު ލެގިންގްސް ލައިގެން އުޅެން ލަދެއް ނުގަނޭ ހެއްޔެވެ؟ ދިވެހި ލިބާސް ކަމުނުދަންޏާ ނުލައި ތިބޭށެވެ. އެއްވެސް މައްސަލައެއް ނެތެވެ. އެހެންނަމަވެސް ދިވެހިންގެ ދިވެހި ލިބާސް ވެސްޓާން ގޮތްގޮތަށް ބަދަލުކުރަން ނޫޅޭށެވެ. ދިވެހި ލިބާހަކީ ދިވެހިންގެ ފަހުރެވެ. ކާބަފައިންގެ ހުނަރުވެރިކަމުގެ ދިިރިހުރި މިސާލެކެވެ. ދިވެހި ކާބަފައިން އަހަރެމެންނަށް ދޫކޮށްދިޔަ އެ އަމާނާތަށް ރައްކާތެރިވާން ޖެހޭނެއެވެ.