ޚަބަރު

ބޯޑަރު ހުޅުވާލުމާއެކު ސްރީލަންކަން އެއާލައިންސް އިން ރާއްޖެއަށް ހަފްތާއަކު ތިން ދަތުރުކުރާނެ

އަންނަ މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރުތައް ހުޅުވާލުމާއެކު ސްރީލަންކަން އެއާލައިންސްއިން ރާއްޖެއަށް ހަފްތާއަކު ތިން ދަތުރުކުރާނެ ކަމަށް ބުނެފިއެވެ.

ސްރީލަންކަން އެއާލައިންސްގެ ރާއްޖޭގެ ޖެނެރަލް ސޭލްސް އޭޖެންޓް އޭސް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު "ވަން" އަށް ވިދާޅުވީ، ޖުލައި 15 އިން ފެށިގެން ސްރީލަންކަން އެއާލައިންސްގެ ދަތުރުތައް ކުރާނީ ބުދަ، ބުރާސްފަތި އަދި އާދީއްތަ ދުވަހު ކަމަށެވެ. އަދި އެހެން ގައުމުތަކުގެ ބޯޑަރުތައް ހުޅުވާ ވަރަކުން ދަތުރު އިތުރު ކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

ފިރާގު ވިދާޅުވި ގޮތުގައި، ޖުލައި 15 އިން ފެށިގެން ފުރަތަމަ ފްލައިޓުތައް ބާއްވާނީ ކޮލަމްބޯ އިން މާލެއަށެވެ. ނަމަވެސް އެމިރޭޓްސް އަދި ގަތަރު އެއާވޭސް އިން ކޮލަމްބޯއަށް ޓްރާންސިޓްވުމަށްފަހު ރާއްޖެއަށް އާދެވޭނެ ކަމަސް އޭނާ ވިދާޅުވިއެވެ.

ކޮވިޑާ ގުޅިގެން ސްރީލަންކަން އެއާލައިންސް އިން މިހާރު ވެސް އަންނަނީ ހަފްތާއަކު ތިން ފްލައިޓް ބާއްވަމުންނެވެ. ނަމަވެސް އެއީ ހަމައެކަނި ކާގޯ ފްލައިޓްތަކެކެވެ. ޖުލައި 15 އިން ފެށިގެން ކާގޯ އަދި ފަސިންޖަރުން ވެސް އުފުލާނެ ކަމަށް ފިރާގު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ރާއްޖޭގެ ބޯޑަރުތައް ހުޅުވާލި ނަމަވެސް އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ސްރީލަންކަން އެއާލައިންސް އިން ކުރަމުން އަންނަ ދަތުރުތައް ނުފަށާނެ ކަމަށެވެ. އަދި ކެތޭ ޕެސިފިކްގެ ދަތުރުތައް ވެސް އަދި ފަށަން ނިންމާފައި ނުވާ ކަމަށް ވިދާޅުވިއެވެ.

އޭސް އޭވިއޭޝަނަކީ ސްރީލަންކަން އެއާލައިންސްގެ އިތުރުން ކެތޭ ޕެސިފިކުގެ ވެސް ރާއްޖޭގެ ޖެެނެރަލް ސޭލްސް އެޖެންޓެވެ.