ކޮވިޑް-19ގެ އަސަރު ރާއްޖޭގެ 91،500 އަށްވުރެ ގިނަ ދަރިވަރުންނަށް ކޮށްފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ތައްޔާރުކުރި އިމަޖެންސީ ރެސްޕޮންސް ޕްލޭން (އީއާރުޕީ) އިން ދައްކައިފިއެވެ.
ޔުނިސެފްގެ އެހީގައި އެޑިއުކޭޝަން މިނިސްޓްރީން ތައްޔާރު ކޮށްފައިވާ ތައުލީމީ ދާއިރާގެ އީއާރުޕީގައި ބުނެފައިވަނީ ބޭބީ ނާސަރީން ފެށިގެން މަތީ ސާނަވީ ގުރޭޑްތަކާ ހަމައަށް ކިޔަވަމުން އަންނަ 91،672 ދަރިވަރަކަށް ކޮވިޑުގެ ސަބަބުން އަސަރުކޮށްފައިވާ ކަމަށެވެ. މިއީ ސަރުކާރާއި އަމިއްލަ ފަރާތްތައް އަދި ކޮމިއުނިޓީތަކުން ހިންގާ 315 ސްކޫލެއްގެ ދަރިވަރުންނެވެ.
ނަމަވެސް ރަސްމީ ތައުލީމު ނިޒާމުގައި ނާސަރީ ނުހިމެނޭތީ ކޮވިޑުގެ އަސަރު ކުރި ދަރިވަރުންގެ އަދަދަކީ ޕުލޭންގައި ބުނެފައިވާ ގޮތުން 86،075 އެވެ. އެއީ ޕްރީ ސްކޫލުން ފެށިގެން ގްރޭޑް 12 އާ ހަމައަށް ކިޔަވާ ދަރިވަރުންގެ އަދަދެވެ. ޕްލޭނުގައި ބުނީ، އެ ހުރިހާ ދަރިވަރުންގެ ކިޔެވުމަށް އެކި ހުރަސްތައް ކުރިމަތިވި އިރު، އޭގެ ތެރެއިން ވެސް ނުރައްކަލަށް ހުށަހެޅިފައިވަ ކުދިންނަށް ކުރި އަސަރު ބޮޑު ކަމަށެވެ.
ޕްލޭނުގައި އިތުރަށް ބުނީ، ކޮވިޑާ ގުޅިގެން ސްކޫލުތައް ބަންދުކޮށްފައި އޮތް އޮތުން ދިގުލައިގެން ދާނަމަ ކިޔެވުމަށް ޅަކުދިންގެ އޮންނަ ޝައުގުވެރިކަން އިތުރަށް ގެއްލިގެން ހިނގައިދާނެ ކަމަށެވެ. އަދި ކިޔެވުމުގައި ބައިވެރިވުން ނެތުމުގެ ސަބަބުން ސްކޫލު ނިޒާމުން ވަކިވާ ދަރިވަރުން އިތުރުވެ، ސްކޫލަށް ނުދާ ކުދިންނާ ގުޅިގެން ހުރި މައްސަލަތައް އިތުރަށް ގޯސްވެ، އެކުދިންނާ ހަމައަށް ވާސިލްވުމަށް ގޮންޖެހުންތަކާ ދިމާވާނެ ކަމަށް ވެސް ބުނެފައިވެއެވެ.
ޕްލޭންގައި ބުނެފައިވާ ގޮތުން ކިޔެވުމުގައި އޮތް ބައިވެރިވުން ކުޑަވުމުގެ ފުރުސަތު ބޮޑަށް އޮންނާނީ އާލީ ސެކަންޑަރީ ފެންވަރުގެ ދަރިވަރުންނަށެވެ. އެހެންކަމުން އެޑިއުކޭޝަން ސެކްޓާގެ މިދިޔަ އަހަރުގެ އެނަލިސިސް ރިޕޯޓު ދައްކާގޮތުން، ސްކޫލަށް ނުދާ ކުދިންގެ އަދަދު އިތުރުވެގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ.
ޔުނިސެފުން މީގެ ކުރިން ކުރި ދިރާސާއަކާ ހަވާލާދީ މިދިޔަ އަހަރުގެ އެނަލިސިސް ރިޕޯޓްގައި ބުނާ ގޮތުން، ޕްރައިމަރީ އާއި ދަށު ސާނަވީ އުމުރުގެ ދަރިވަރުންގެ ތެރެއިން 600 އަށްވުރެ ގިނަ ދަރިވަރުން ސްކޫލަކަށް ނުދެއެވެ. އޭގެ ތެރެއިން 60 ޕަސެންޓަކީ ފިރިހެން ކުދިންނެވެ. އެ ދިރާސާގައި ސްކޫލަށް ނުދާ މަތީ ސާނަވީ އުމުރުގެ ދަރިވަރުންގެ އަދަދެއް ހޯދިފައެއް ނުވެއެވެ.
ނަމަވެސް ސްކޫލަށް ނުދާ ކުދިންގެ އެކަށީގެންވާ ތަފާސްހިސާބަކާއި ދިރާސާއެއް ހެދިފައި ނެތްކަން އެނަލިސިސް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ. ޕްލޭންގައި ބުނީ، މިހާރުގެ ހާލަތަށް ބަލާނަމަ ސްކޫލަށް ނުދާ ކުދިންގެ އަދަދު އިތުރުވެދާނެ ކަމަށާއި އަދި ސްކޫލަށް ނުދިއުމުގެ ސަބަބުން ދިރިއުޅުމުގެ ހުނަރު ނުލިބި، ކުށްކުށަށް އަރައިގަތުމުގެ ފުރުސަތު ބޮޑުވެގެން ހިނގައިދާނެ ކަމަށެވެ.
ޕްލޭންގައި ބުނާ ގޮތުން، ފިޒިކަލް އެޑިއުކޭޝަން ކުލާސްތަކާއި އިތުރު ހަރަކާތްތަކަށް ހާޒިރުނުވުމުގެ ސަބަބުންނާއި ގޭތެރޭގެ ހާލަތު އޮންނަ ގޮތުން ވެސް، ހާއްސަކޮށް މާލޭގައި، ކިޔެވުމަށް އޮންނަ ޝައުގުވެރިކަން ކުޑަވެއެވެ. އެހެންކަމުން މިއަހަރުގެ ބާކީ އޮތް ދުވަސްތަކާއި ކުރިއަށް އޮތް އަހަރުތަކުގައި ކިޔަވާ ހިތްނުވެ، ސްކޫލުން ވަކިވާ ދަރިވަރުން ގާތުން މޮނީޓާ ކުރުން މުހިންމު ކަމަށް ޕްލޭންގައި ބުނެފައިވެއެވެ.