ކުއްލި ޚަބަރު

ފުރިހަމަ ގޮތުގައި އަރާމު ކުރާނީ ރައީސް ޔާމީން މިނިވަން ކުރުމަށްފަހު: ޖަމީލް

އަލީ ޔާމިން

1

ފުރިހަމަ ގޮތުގައި އަރާމު ކުރާނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް މިނިވަން ކުރުމަށްފަހު ކަމަށް ރައީސް ޔާމީންގެ ސަރުކާރުގެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

މިރޭ ޕީޕީއެމްއަށް ސޮއިކުރައްވައި އިދިކޮޅު ކޯލިޝަނުން މ. ދިމްޔާތުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޖަމީލް ވިދާޅުވީ، ރާއްޖެއަށް ދިމާވެފައިވާ މައްސަލަތަކަށް އޮތް ހަމައެކަނި ހައްލަކީ 2023 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް ޔާމީން ވާދަކުރުމުގެ ފުރުސަތު ހޯދައިދީ އަލުން ޕީޕީއެމް ވެރިކަމަށް ގެނައުން ކަމަށެވެ.

މީގެ އިތުރުން ރާއްޖޭގެ ރައީސްކަން ކުރެއްވި ބޭފުޅަކު ޖަލުގައި ހުންނެވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަން ފާހަގަކުރައްވައި ޖަމީލް ވިދާޅުވީ، ފުރިހަމަ ގޮތުގައި އަރާމު ކުރާނީ ރައީސް ޔާމީން މިނިވަން ކުރުމަށްފަހު ކަމަށެވެ. އަދި ރައީސް ޔާމީން މިނިވަންވުމާއެކު އިދިކޮޅު ކޯލިޝަނަށް ފުރިހަމަ މިނިވަންކަން ލިބޭނެ ކަމަށްވެސް ޖަމީލް ވިދާޅުވިއެވެ.

"ފުރިހަމަ ގޮތުގައި އަރާމު ކުރާނީ ރައީސް ޔާމީން މިނިވަން ކުރުމަށްފަހު،" ޖަމީލް ވިދާޅުވިއެވެ.

މަނީ ލޯންޑްރިންގެ ކުށުގައި ރައީސް ޔާމީން ފަސް އަހަރަށް ޖަލަށް ލައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވަނީ ހުކުމްކޮށްފައެވެ. އެ ހުކުމުގައި ޔާމީންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކުރުމުން އެ މައްސަލައިގެ ބައެއް އަޑުއެހުންތައް ކުރިއަށްގެންދިޔަ ނަމަވެސް އެ މައްސަަލައިގެ އަޑުއެހުންތައް މިހާރު ވަނީ މަޑުޖެހިފައެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ފުރަތަމަ ނައިބު ރައީސްކަންވެސް ކުރެއްވި ޑރ. ޖަމީލަކީ ރައީސް ޔާމީން މިނިވަން ކުރުމަށް މަސައްކަތްކުރާ އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުގައިވެސް އިސްކޮށް ހަރަކާތްތެރިވާ ބޭފުޅެކެވެ.