ޚަބަރު

އެމްޑީއެންގެ ބަޔާން ނެރުނު މީހުންނަށް ހައްގު އަދަބު ދިނުން ލަސްވާތީ އިލްމުވެރިންގެ ގުޅުމުން ކަންބޮޑުވެއްޖެ

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ހިންގި ބޮޑު ޖަރީމާގައި ބައިވެރިވި މީހުންނަށް ހައްގު އަދަބު ދިނުމަށް ކުރަންޖެހޭ އެއްވެސް މަސައްކަތެއް ކުރިއަށް ނުގޮސް ހުއްޓިފައި އޮތުމުން އިލްމުވެރިންގެ ގުޅުމުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އިސްލާމްދީނާއި މާތް ރަސޫލާއަށް ފުރައްސާރަކޮށް އެމްޑީއެން އިން 2015 ވަނަ އަހަރު ނެރުނު ރިޕޯޓާ ގުޅިގެން އެ ޖަމިއްޔާ މިހާރު ވަނީ އުވާލައިފައެވެ. ނަމަވެސް ރާއްޖޭގައި ހަރަކާތްތެރިވަމުން އަންނަ "އުތެމާ" ނަމަކަށް ކިޔާ ޖަމިއްޔާއަކުން އިސްލާމްދީނާ ހިލާފު ބައެއް ވާހަކަތަކެއް ހިމަނައިގެން ތައްޔާރުކޮށްފައިވާ ރިޕޯޓެއްގެ މައްސަލައެއް މިފަހުން ވަނީ ފެންމަތިވެފައެވެ.

ރާއްޖޭގައި ތިބި މަޝްހޫރު ދީނީ އިލްމުވެރިން ހިމެނޭ "އިލްމުވެރިންގެ ގުޅުން" އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އަބަދުވެސް ދީނުގެ މަތިވެރި އުސޫލުތައް ދިވެހި ބިމުން ފުހެލުމަށް މަސައްކަތްކުރާ ބަޔަކު، ބޭރުންނާއި އެތެރެއިން ތަފާތު ހަމަލާތައް މެދުނުކެނޑި ދެމުންދާ ކަމަށެވެ.

އެގޮތުން އެމްޑީއެންގެ ނަމުގައި ބަޔަކު ހިންގާފައިވާ ދީނަށް ފުރައްސާރަކުރުމުގެ ޖަރީމާތަކާ ދެކޮޅަށް ދިވެހި ރައްޔިތުންގެ ބުރަ މަސައްކަތާއި ކެނޑިނޭޅި ކުރި އިހުތިޖާޖުތަކުގެ ސަަބަބުން ސަރުކާރުން އެ ޖަމިއްޔާ އުވާލަން ނިންމި ނިންމުމަކީ މުހިންމު އިބްތިދާއީ ފިޔަވަޅެއް ކަމަށް އިލްމުވެރިންގެ ގުޅުމުގެ ބަޔާނުގައިވެއެވެ.

"ނަމަވެސް ގާނޫނީ ޝަހުސެއްގެ ނަން ނިވާފަތްގަނޑެއްގެ ގޮތުގައި ބޭނުންކޮށްގެން ބަޔަކަށް ހިންގޭނޭ އެންމެ ބޮޑު ޖަރީމާ ހިންގި ފަރާތްތަކަށް ހައްގު އަދަބު ދިނުމަށް ކުރަންޖެހޭ އިތުރު އެއްވެސް މަސައްކަތެއް ކުރިއަށް ނުގޮސް ހުއްޓިފައި އޮތުމާއި ކަމާބެހޭ އެއްވެސް އަދާހަމަކުރުމެއް ރައްޔިތުންނާ ހަމައަށް ފޯރާދީފައި ނެތުމަކީ، އެފަދަ އަމަލުތައް ހިންގާ ފަރާތްތަކުގެ ކުރިމަތީގައި ކަމާބެހޭ މުއައްސަސާތައް ބަލިކަށިވެ ނިކަމެތިވެފައިވާ ކަމުގެ ތުހުމަތުކުރުމަށް ދެވޭ ފުރުސަތެކެވެ،" ބަޔާނުގައިވެއެވެ.

އިލްމުވެރިން އިތުރަށް ބުނީ އެފަދަ ކަންކަން އެހެން ހިނގަމުން ދިއުމުގެ ސަބަބުން އެފަދަ ނޭއްގާނީ އަމަލުތައް ހިންގާ ފަރާތްތަކަށް ހިތްވަރު ލިބޭނެ ކަމެއް ކަމަށެވެ.

އެގޮތުން އުތެމާ ޖަމިއްޔާއިން އެމްޑީއެން އިން ނެރެފައިވާ ރިޕޯޓަށް ތާއީދުކުރާކަން ހާމަކޮށް، އިސްލާމްދީނަށް ފުރައްސާރަ ކުރުމާއި އެފަދަ އަަމަލުތަކަށް ގާނޫނީ ބާރުތައް ހޯދައިދިނުމަށް މަގުފަހިކުރުމަށް ކުރާ މަސައްކަތްތައް ފާޅުކޮށް ފެންނަންހުރި ބަޔާނެއް ނެރެފައިވާތީ، އެ ޖަމިއްޔާ އާއި އެކަމުގައި ބައިވެރިވެފައިވާ މީހުންގެ އެ އަމަލުތަކަށް އިންކާރުކޮށް އެކަން ކުށްވެރިކުރާ ކަމަށް ވެސް އިލްމުވެރިންގެ ގުޅުމުގެ ބަޔާނުގައި ބުނެފައިވެއެވެ.

އެ ބަޔާނުގައި އިތުރަށް ބުނީ މިފަދަ އަމަލުތަކަކީ ނުރަނގަޅު ކަންތައްތަކެއް ކުރުވައިގެން، ދިވެހި ރައްޔިތުންގެ ފުށުން ނުރަނގަޅު ނަތީޖާއެއް ހާސިލުކުރުމަށް އެފަދަ ފަރާތްތަކުން ހިންގާ މަކަރުވެރި ޖަރީމާތަކަކަށް ވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

އެހެންކަމުން މިފަދަ ވަގުތުތަކުގައި ހުރިހާ އިލްމުވެރިންނާއި ރައްޔިތުން އެކަތިގަނޑެއްގެ ގޮތުގައި ކުރިން ވެސް ސާބިތުކަން ދެކި އުސޫލުން ޝަރުއީ އަދި ގާނޫނީ އިމުގެ ތެރެއިން ހަރުދަނާ ފިޔަވަޅެއް ނޫނީ ނޭޅުމަށާއި ލާދީނީ އަމަލުތަކާ ދެކޮޅަށް ވިސްނުންތެރިކަމާއެކު އެޅެން އޮތް ހުރިހާ ފިޔަވަޅުތައް އަޅަމުން ގެންދިއުމަށް ވެސް އިލްތިމާސްކޮށްފައިވެއެވެ.