ޚަބަރު

މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނަށް ފަރުވާކުރުމުގެ އުސޫލު ރިވައިސްކުރުން މުހިންމު: ޖެންޑާ މިނިސްޓަރު

އަލީ ޔާމިން

މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނަށް ފަރުވާކުރުމުގެ އުސޫލު ރިވައިސް ކުރުމަކީ މުހިންމު ކަމެއް ކަމަށް ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ބޯޑަށް އަލަށް އައްޔަނުކުރި މެންބަރުންނާއެކު މިއަދު ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު އައިޝަތު މުހައްމަދު ވިދާޅުވީ، މަސްތުވާތަކެތި ބޭނުންކުރާ މީހުން މަދުކުރުމާއި މަސްތުވާތަކެތި ޓްރެފިކް ކުރުން ހުއްޓުވުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނަށް ފަރުވާ ކުރުމުގެ އުސޫލު ރިވައިސްކުރުމަކީ މުހިންމު ކަމެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

"ނަތީޖާ ފެންނަ އުސޫލެއްގެ މައްޗަށް ފަރުވާދިނުމުގެ ނިޒާމު ބަދަލުކުރުމަށް މިހާރު އަމަލުކުރަމުންދާ އުސޫލު ރިވައިސް ކުރަން ޖެހޭ،" މިނިސްޓަރު ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި އެންޑީއޭގެ ބޯޑު މެންބަރުން ވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ސަރުކާރާއި ޖެންޑާ މިނިސްޓްރީން ކުރަމުން އަންނަ މަސައްކަތުގައި އެ އެޖެންސީގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން މިނިސްޓަރު އައިޝަތު މުހައްމަދަށް އަރުވައިފައެވެ.