ޚަބަރު

އެމެރިކާ ސަރުކާރުން ރާއްޖެއަށް ޕީޕީއީ ހަދިޔާ ކޮށްފި

މަރިޔަމް ޝަހުދާ

އެމެރިކާ ސަރުކާރުން ރާއްޖެއަށް ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް، ޕީޕީއީ ހަދިޔާ ކޮށްފިއެވެ.

ފޮރިން މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި އެމެރިކާ ސަރުކާރުން ރާއްޖެއަށް ޕީޕީއީ ހަދިޔާ ކޮށްފައިވަނީ ކޮވިޑް 19 އާ ގުޅިގެންނެވެ. އެގޮތުން މި ތަކެތި ރާއްޖެއާ ހަވާލުކޮށްފައިވަނީ ކޮލޮމްބޯގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަންގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއެވެ.

މި ރަސްމިއްޔާތުގައި އެމެރިކާ ސަރުކާރުގެ ފަރާތުން މި ޕީޕީއީ ހަވާލުކުރެއްވީ އެމެރިކާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އެލައިނާ ޓެޕްލީޒް ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއެވެ. އަދި ރާއްޖޭގެ ސަރުކާރުގެ ފަރާތުން މިތަކެއްޗާ ހަވާލުވެވެޑައިގެންނެވީ ދިވެހި ސަރުކާރުން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އުމަރު އަބްދުލް ރައްޒާގުއެވެ.

ރާއްޖެއަށް އެމެރިކާ ސަރުކާރުން ހަދިޔާކުރި ތަކެތީގެ ތެރޭގައި ޕްރޮޓެކްޓިވް ކަވާރޯލް، ލެޓެކްސް ގްލޯވްސް، ސޭފްޓީ ގޮގްލްސް އަދި ސާޖިކަލް އަންގި ހިމެނޭ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއެވެ. މިތަކެތި ހަވާލު ކުރި ރަސްމިއްޔާތުގައި އެމެރިކާ އެމްބަސީގެ އިސް ބޭފުޅުންނާއި ދިވެހި އެމްބަސީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއެވެ.