ކޮވިޑް 19ގެ ސަބަބުން ރާއްޖެއަށް ކުރިމަތިވި އިގްތިސޯދީ ކާރިސާއަކީ، ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ރާއްޖެއަށް ކުރިމަތިވި އެންމެ ބޮޑު އިގްތިސޯދީ ކާރިސާ ކަމަށް އިގްތިސޯދީ މާހިރުން ވިދާޅުވެއެވެ. ރާއްޖޭގެ ބޯޑަރުތައް މާޗު މަހުގެ 27 ވަނަ ދުވަހު ބަންދުކުރުމާއެކު، ދައުލަތަށް އާމްދަނީ ވަންނަ އަދި އެތައް ރައްޔިތުންނެއް ސީދާ ގޮތުން އެ ސިނާއަތަކާ ގުޅިފައިވާ ފަތުރުވެރިކަމުގެ ސިނާއަތް ވަނީ އެއްކޮށް ހުއްޓުމަކަށް އައިސްފައެވެ. ގިނަ ރިސޯޓުތައް ބަންދުކޮށް މުވައްޒަފުން ނޯޕޭގެ އިތުރުން ބައިކުޅަބައި މުސާރައަށް ފޮނުވާލިއިރު، އަސާސީ މުސާރަ އެއްކޮށް ދެވުނީވެސް މަދު ރިސޯޓަކަށެވެ.
ކޮވިޑް 19ގެ އަސަރު ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ 40،000 ވުރެ ގިނަ މީހުންނަށް ސީދާ ގޮތުން ކޮށްފައިވާއިރު، އޭގެ ތެރޭގައި 20،000 ވުރެ ގިނަ ދިވެހީންވެސް ހިމެނެއެވެ. ރާއްޖޭގެ މައި ސިނާއަތް ކަމަށްވާ، ފަތުރުވެރިކަމުގެ ސިނާއަތުގައި ބޮޑުތަޅު އަޅުވައި އެ ސިނާއަތުގެ ދޮރު ބަންދުކުރުމާއެކު، ދައުލަތުގެ އާމްދަނީ ވަނީ އެތައް ގުނައެއް މަދުވެ، އިގްތިސޯދީ ގޮތުން ބޮޑު ހީނަރުކަމަކާ ކުރިމަތިވެފައެވެެ.
ރާއްޖެއިން އޮން-އެރައިވަލް ވިސާ ދިނުން ހުއްޓާލައި، ބޯޑަރުތައް ބަންދުކުރިތާ ދެމަސްވާން ކައިރިވެފައިވަނިކޮށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިވަނީ އިގްތިސޯދީ ހަރަކާތް އަލުން ފަށާނެ ތާރީހު އިއުލާނުކުރައްވައިފައެވެ. އެގޮތުން މިމަހުގެ 23 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، އަންނަ މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރުތައް ހުޅުވާލައި، ރާއްޖޭގެ ރިސޯޓުތައް ހުޅުވާލުމަށް ހުއްދަ ދެވިގެންދާނެ ކަމަށެވެ. ފަތުރުވެރިކަމަށް ރާއްޖެ ހުޅުވާލާނެ ތާރީހު ރައީސް ސޯލިހު އިއުލާނުކުރެއްވިއިރު ޓޫރިޒަމް މިނިސްޓްރީން އައީ ދާއިރާގެ ފަރާތްތަކާ ގުޅިގެން ފަތުރުވެރިކަމަށް ރާއްޖެ އަލުން ހުޅުވައިލުމަށް ވާން ޖެހޭ ތައްޔާރީތައްވެސް ވަމުންނެވެ. އެގޮތުން ފަތުރުވެރިކަން އަލުން ފަށާއިރު ޓޫރިސްޓުންނާއި ރިސޯޓުތަކުން އަމަލުކުރަން ޖެހޭނެ ގޮތުގެ ވަރަށް ތަފްސީލީ ގައިޑްލައިނެއް ޓޫރިޒަމް މިނިސްޓްރީން ވަނީ އެކުލަވާލައި ޓޫރިޒަމްގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކާ ހިއްސާކޮށްފައެވެ. އެ ގައިޑްލައިން ޓޫރިޒަމް މިނިސްޓްރީން އެކުލަވާލައިފައިވަނީ ޓޫރިޒަމްގެ ސިނާއަތުގައި ހަރަކާތްތެރިވާ އެސޯސިއޭޝަންތަކާއި ކޮވިޑް 19ގެ ޓެކްނިކަލް ލަފާ އަރުވާ، ޓެކްނިކަލް އެޑްވައިޒަރީ ގުރޫޕް(ޓެގް)ގެ މަޝްވަރާއާއެކުވެސް އެކުއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ގައިޑްލައިންގައިވާ ގޮތުން ރާއްޖޭގެ މައި ގޭޓް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޓޫރިސްޓުން ސްކްރީން ކުރެވޭނެއެވެ. ސްކްރީން ކުރުމުގެ ތެރޭގައި ބަލީގެ އަލާމާތެއް ހުރި ޓޫރިސްޓަކު ފާހަގަވެެއްޖެ ނަމަ އެކަހެރިކޮށް ޕީސީއާރް ޓެސްޓެއް ހެދޭނެއެވެ. ޓެސްޓުގެ ނަތީޖާ ލިބެންދެން އެ ޓޫރިސްޓު ހުންނާނީ ޓްރާންސިޓް ކަރަންޓީން ފެސިލިޓީއެއްގައި ކަމަށް ގައިޑްލައިންގައި ބުނެފައި ވެއެވެ. ފަތުރުވެރިންވެސް މާސްކް އަޅަން ޖެހޭނެ ކަމަށާއި ސާފުތާހިރުކަމަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހޭނެ ކަމަށްވެސް އެ ގައިޑްލައިންގައި ބުނެފައި ވެއެވެ. އަދި ފަތުރުވެރިންގެ ފޯނަށް "ޓްރޭސް އެކީ" އެޕްލިކޭޝަން އެޅުމަށްވެސް އެ ގައިޑްލައިންގައިވަނީ ރެކޮމެންޑް ކޮށްފައެވެ.
ފަތުރުވެރިންގެ ސަލާމަތާއި، މުވައްޒަފުންގެ ރައްކާތެރިކަމަށް ރިސޯޓުތަކުންވެސް އަމަލު ކުރަން ޖެހޭނެ ހާއްސަ ގޮތްތަކެއްވެސް އެ ގައިޑްލައިންގައި ވެއެވެ. އެގޮތުން ކޮންމެ ރިސޯޓެއްގައި އައިސޮލޭޝަން ފެސިލިޓީއެއް ގާއިމް ކުރުމާއި ގެސްޓުންގެ ލަގެޖް އުފުލުމުގައި ހާއްސަ ސަމާލުކަމެއް ދިނުމާއި، ލަގެޖު ޑިސްއިންފެކްޓް ކުރުމާއި އިޖުތިމާއީ ގައިދުރުކަން ބެހެއްޓުން ފަދަ ކަންކަން ވަނީ ހިމަނައިފައެވެ. އަދި ރިސޯޓުގައި އެކަށީގެންވާ ވަރަށް ޕާސަނަލް ޕްރޮޓެކްޓިވް އިކިއުޕްމަންޓްސް ހުންނަން ޖެހޭނެ ކަމަށާއި ކޮންމެ ރިސޯޓެއްގައިވެސް އެޗްޕީއޭގެ އުސޫލުތަކާ އެއްގޮތަށް ކޮވިޑަށް ތަމްރީންވެފައިވާ ސިއްހީ އޮފިސަރެއް ހުންނަން ޖެހޭނެ ކަމަށްވެސް އެ ގައިޑްލައިންގައި ބުނެފައި ވެއެވެ. މީގެ އިތުރުންވެސް ރައްކާތެރިކަމުގެ ގޮތުން ކުރަން ޖެހޭ އިތުރު އެތައް ކަމެއްވެސް އެ ގައިޑްލައިންގައި ވަނީ ހިމަނައިފައެވެ.
ޓޫރިޒަމް މިނިސްޓްރީގެ ގައިޑްލައިނާ އެއްގޮތަށް ގިނަ ރިސޯޓުތަކުން މިހާރުވަނީ ޓޫރިސްޓުން ގެނައުމަށް އެންމެ ފަހުގެ ތައްޔާރީތައް ވެފައެވެ. އެގޮތުން ގައިޑްލައިންގައިވާ ކަންތައްތަކުގެ އިތުރުން ބައެއް ރިސޯޓުތަކުންވަނީ އެ ރިސޯޓުތަކުގެ އަމިއްލަ އެސްއޯޕީތައް އެކުލަވާލައި ރާއްޖެއަކީ ޓޫރިސްޓުންނަށް އަމާން މަންޒިލެއްކަން ކަށަވަރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.
"ވަން" އަށް މައުލޫމާތު ދެއްވަމުން ލާމު އަތޮޅުގައި ހިންގާ ރަހާ ރިސޯޓުގެ އޯނަރު، މޫސާ މަނިކު (ރީކޯ މޫސަ) ވިދާޅުވީ، ގެސްޓުން ގެނައުމަށް ރިސޯޓު ފުރިހަމަޔަށް ތައްޔާރަށް އޮތް ކަމަށެވެ. އަދި އެންމެ ބޮޑު އިސްކަމެއްދޭނީ ފަތުރުވެރިންނާއި މުވައްޒަފުންގެ ސަމާލަތާއި ރައްކާތެރިކަމަށް ކަމުގައިވެސް މޫސަ ވިދާޅުވިއެވެ.
"ރިސޯޓު ހަމަ ތައްޔާރަށް މިއޮތީ. ވަރަށް ކުދިކުދި އިނޮވޭޝަންތައް ކުރަން ޖެހޭނީ. ދެން ބޯޑަރު 15ގައި ހުޅުވާލިޔަސް އެބަހުރި ބައެއް ދަތިތައް. މިސާލަކަށް ރާއްޖެއިން ބޭރުން ޑޮކްޓަރެއް ގެނައުމާއި، މިފަދަ ކަންކަން. ބޯޑަރު ހުޅުވާލާއިރަށް އެޗްޕީއޭގެ ގައިޑްލައިންގައިވާ ހުރިހާ ކަމެއް ފުރިހަމަ ނުކުރެވިދާނެ. ނަމަވެސް އުންމީދު މި ކުރަނީ ވީހާވެސް އަވަހަކަށް އެކަންކަންވެސް ކޮށް، އަންނަ މަހުގެ ފަހުކޮޅު ޓޫރިސްޓުން ގެނެވެން ފެށޭނެ ކަމަށް" މޫސަ ވިދާޅުވިއެވެ.
ފުރަވެރި އައިލެންޑް ރިސޯޓް އެންޑް ސްޕާގެ ޖެނެރަލް މެނޭޖަރު މުހައްމަދު ހިލްމީ ވިދާޅުވީ، އެ ރިސޯޓުންވެސް ފަތުރުވެރިން ގެނައުމަށް ތައްޔާރަށް އޮތް ކަމަށެވެ. އެގޮތުން އެ ރިސޯޓަކީ ކޮވިޑްގެ ކަންކަމަށް ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރި ރިސޯޓަކަށް ވުމުން މާ ބޮޑު ބަދަލުތަކެއް ގެންނަން ނުޖެހޭ ކަމަށާއި މުވައްޒަފުންވެސް ތިބީ ވަރަށް ބޮޑަށް ކޮވިޑަށް އަހުލުވެރިވެފައި ކަމަށް ހިލްމީ ވިދާޅުވިއެވެ. ހިލްމީވެސް ވަނީ ބައެއް ކަހަލަގެ ލޮޖިސްޓިކަލް ދަތިތައް އެބަހުރި ކަމަށް ވިދާޅުވެފައެވެ.
ސަން އެކުއާ ވިލުރީފްގެ ރެސިޑެންޓް މެނޭޖަރު އަހުމަދު ރިފާއު ވިދާޅުވީ، ފަތުރުވެރިން ގެނައުމަށް އެ ރިސޯޓުވެސް ތައްޔާރަށް އޮތް ކަމަށެވެ. އަދި މިހާރުވެސް ކޮންމެވެސް ވަރަކަށް ބުކިން ހަދާފައި އެބަހުރިކަމަށާއި، އުންމީދަކީ ރާއްޖޭގެ ފަތުރުވެރިކަން ބާރަށް ފަށައިގަނެވުން ކަމަށް އޭނާ ވިދާޅުވިއެވެ.
" ރިސޯޓު ހަމަ ވަރަށް ބޮޑަށް ތައްޔާރަށް މިއޮތީ. މިހާރުވެސް އެބައުޅޭ ކޮންމެވެސް ވަރަކަށް ބުކިން ހައްދާފައި. ދެން އުންމީދު މިކުރަނީ ބޯޑަރު ހުޅުވާލުމާއެކު ފަތުރުވެރިން ގެނެވި، އޮކިއުޕެންސީވެސް ރަނގަޅު އަަދަދެއްގައި ހިފެހެއްޓޭނެ ކަމަށް. ނަމަވެސް އިގްތިސޯދު އެއްކޮށް ހަމަޔަކަށް އެޅުމަށް އަދި މަސްތަކެއް ނަގާނެ" ރިފާއު ވިދާޅުވިއެވެ.
ފަތުރުވެރިކަމަށް ރިސޯޓުކުން ތައްޔާރުވެފައިވާ މިންވަރާ ގުޅޭ ގޮތުން އެ ސިނާއަތުގައި ހަރަކާތްތެރިވާ މައި އެސޯސިއޭޝަނެއް ކަމުގައިވާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)ގެ ރައީސް އަބްދުﷲ ސުއޫދު ވިދާޅުވީ، ޖުލައި މަހުގެ ތެރޭގައި ހުޅުވާނެ ކަމަށް މައުލޫމާތު ލިބިފައިވަނީ މަތީފެންވަރުގެ ގިނަ ރިސޯޓުތައް ކަމަށެވެ. އަދި އެހެން ރިސޯޓުތައް ހުޅުވުމަށް ތައްޔާރުވަނީ އޮގަސްޓް ނުވަތަ ސެޕްޓެމްބަރު ހިސާބުގައި ކަމަށް އޭނާ ވިދާޅުވިއެވެ.
ސުއޫދު ވިދާޅުވީ، ގިނަ ރިސޯޓުތަކުން ގައިޑްލައިނަށް ފުރިހަމައަށް އަމަލުކުރަމުން އަންނަ ކަމަށާއި އެކަން މަޓާޓޯއިންވެސް މޮނީޓާ ކުރާނެ ކަމަށެވެ. އަދި ރާއްޖެ އުފެދިފައިވާ ގޮތުން ފަތުރުވެރިންނަށް ބަލީގެ ނުރައްކާ ވަރަށް ކުޑަކަމަށް އޭނާ ވިދާޅުވިއެވެ.
"ރާއްޖޭގެ ރިސޯޓުތައް މި އޮންނަނީ ވަކިވަކިން. އަދި ރިސޯޓުތަކުގައި މި ހުންނަނީވެސް ވަކިވަކި ކޮޓަރިތައް. އެހެންކަމުން ހަގީގަތުގައި ފަތުރުވެރިންނަށް ވަރަށް ސޭފް މަންޒިލެއް ރާއްޖެ މީ." ސުއޫދު ވިދާޅުވިއެވެ
ރާއްޖޭގެ ބޯޑަރުތައް ހުޅުވާލައި ރިސޯޓުތައް ހުޅުވާލުމާއެކު އިގްތިސޯދު މަޑުމަޑުން އަނެއްކާވެސް ކޮޅަށް ޖެހޭނެ ކަމަށް ތަޖުރިބާރުން ވިދާޅުވެއެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވިސްނުންފުޅަކީ އިގްތިސޯދީ އަވަސް ރިކަވަރީއަކަށް ދިއުމެވެ. ކޮވިޑުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތް ހުއްޓިފައިވާއިރު، އަލުން ފަތުރުވެރިކަން ފަށައިގަނެ އިގްތިސޯދު ހަމަޔަކަށް އެޅެން އަހަރެއްހާ ދުވަސް ނަގާނެ ކަމަށް ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވެއެވެ. ސަރުކާރުގެ އަމާޒަކީ މިއަހަރު 850،000 ފަތުރުވެރިން ރާއްޖެ ގެނައުމެވެ. ސަރުކާރާއި، ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އުންމީދަކީ މިއަހަރުގެ ފަހުކޮޅު ރާއްޖޭގެ ޓޫރިޒަމް ވަރަށް ބޮޑުތަނުން ރަނގަޅުވުމެވެ.
ފަތުރުވެރިކަމުގެ ސިނާއަތް ރަނގަޅަށް ހިނގަން ފެށުމުން އެ ސިނާއަތުގައި ހަރަކާތްތެރިވާ މުވައްޒަފުންނަށްވެސް ހަމަޖެހުމެއް ލިބިގެންދާނެއެވެ. ކުރިން އުޅުނު ހަމަޖެހޭ ދިރިއުޅުމުގެ އުންމީދުތައް ކުރެވެން ފަށާނެއެވެ. އަދި ފަތުރުވެރިކަމުގެ ސިނާއަތަށް އައި ހީނަރުކަމާއެކު ދައުލަތުގެ އާމްދަނީ ބޮޑުތަނުން މަދުވި މަދުވުން އިޔާދަ ކުރުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.
ފަތުރުވެރިން ގެނައުމަށް ރާއްޖޭގެ ބޯޑަރުތައް ހުޅުވާލާއިރު، ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ އެއް ގައުމުކަމަށްވާ ޖަރުމަނުވިލާތުން ރާއްޖެއަކީ ފަތުރުވެރިން އައުން ރައްކާތެރި މަންޒިލެއްގެ ގޮތުގައި ކަނޑައަޅައިފައިވުމެވެ. އަދި ދުބާއީވެސްވެސް ވަނީ ރާއްޖެއަކީ ރައްކާތެރި މަންޒިލެއް ކަމަށް ކަނޑައަޅައިފައެވެ. ރާއްޖޭގެ މައި ދޮރާށި، މައި ސިނާއަތަށް ހުޅުވާލާއިރު، ރާއްޖެއަކީ ފަތުރުވެރިންނަށް އަމާން ރައްކާތެރި މަންޒިލެއް ކަމުގެ ޔަގީންކަން ޓޫރިޒަމް މިނިސްޓްރީންވެސް ދެއެވެ. އެހެންކަމުން ރާއްޖެ ވެގެން ދާނީ ނިއު ނޯމަލްގައި ފަތުރުވެރިކަމަށް ހުޅުވާލާ ގައުމުތަކުގެ ތެރެއިން އެންމެ ރައްކާތެރި އެއް މަންޒިލަށެވެ. ވަކީން ހާއްސަކޮށް ރާއްޖޭގެ ފަތުރުވެރިކަން ވަކިވަކި ރަށްރަށުގައި ގާއިމްވެ، ކޮޓަރިތައްވެސް އެކަހެރިކޮށް ހުރުމާއި ޓޫރިސްޓުންނަށް ވަރަށް ވެސް ޕްރައިވެސީ ބޮޑު ވެއްޓެއް ރިސޯޓުތަކުން ލިބޭތީ، ރައްކާތެރިކަން އިތުރަށް ޔަގީންކޮށްދެ އެވެ.