ޚަބަރު

ސްކޫލުތައް އަލުން ހުޅުވުމަށް ބޭނުންވާ ބަޖެޓް ހަމަޔަށް ލިބިއްޖެ: އެޑިއުކޭޝަން

އާ އާންމު ހާލަތުގައި ސްކޫލުތައް އަލުން ހުޅުވުމަށް ބޭނުންވާ ބަޖެޓު ހަމަޖެހިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

ޔުނިސެފްގެ އެހީގައި އެޑިއުކޭޝަން މިނިސްޓްރީން ތައްޔާރު ކޮށްފައިވާ ތައުލީމީ ދާއިރާގެ އިމަޖެންސީ ރެސްޕޮންސް ޕްލޭންގައި ބުނެފައިވާ ގޮތުން، އެ ޕްލޭން ފުރިހަމައަށް ތަންފީޒުކުރަން 22.91 މިލިއަން ޑޮލަރު (352 މިލިއަން ރުފިޔާ) ހަރަދު ވެއެވެ. މި ޕްލޭނަކީ ތިން ބަޔަކަށް ބަހާލައިގެން ތިން އަހަރު ދުވަހަށް ހަދާފައިވާ ޕްލޭނެކެވެ.

މި ޕްލޭންގައި ހިމެނެނީ ސްކޫލުތައް ހުޅުވުމުގެ ކުރިން ވާން ޖެހޭ ތައްޔާރީތަކާއި ސްކޫލުތައް ހުޅުވޭ މަރުހަލާގައި ކުރަން ޖެހޭ ކަންތަކާއި ސްކޫލުތައް ހުޅުވުމަށްފަހު ކުރަންޖެހޭ ކަންތައްތަކެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ، ސްކޫލުތައް ހުޅުވުމަށް ބޭނުންވާ ބަޖެޓް އެ މިނިސްޓްރީއަށް ހަމައަށް ލިބިފައިވާ ކަމަށެވެ. އެ ފައިސާ ހަމަޖައްސާފައިވަނީ ދިވެހި ސަރުކާރުގެ ބަޖެޓުންނާއި ޔުނިސެފް އާއި ޑަބްލިޔުއެޗްއޯގެ އެހީތެރިކަމާއެކުގައި ކަމަށް ވެސް ބުނެފައި ވެއެވެ. ނަމަވެސް ޔުނިސެފާއި ޑަބްލިޔުއެޗްއޯ އިން ދީފައިވަނީ ކިހާ ފައިސާއެއް ކަމެއް ނުބުނެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ، ސްކޫލު މާހައުލުތަކަށް ހޯދަން ޖެހޭ ސެނިޓައިޒާ، ޑިސްއިންފެކްޓް ކުރުމަށް ބޭނުންވާ ތަކެތި އަދި އަތްދޮވުމަށް ސައިބޯނި ހޯދައި ސްކޫލުތަކަށް ފޮނުވަމުން އަންނަ ކަމަށެވެ. އަދި ސްކޫލުތަކުގައި ގާއިމްކުރަން ޖެހޭ އަތް ދޮންނަ ސްޓޭޝަންތައް މިހާރު ހަދަމުން އަންނައިރު ސްކޫލުތައް ހުޅުވޭއިރު އަތް ދޮންނަ ސްޓޭޝަންތައް ގާއިމްކޮށް ނިމޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

އޭގެ އިތުރުން ހުރިހާ ސްކޫލަކަށް ހުން ބަލަން ތާމޯމީޓަރު ފޮނުވަމުން އަންނައިރު ސްކޫލުތައް ހުޅުވޭއިރު ހުރިހާ ސްކޫލެއްގައި ކުރަންޖެހޭ މަރާމާތުތައް ކޮށް ނިމޭނެ ކަމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ، ބަލިމަޑުކަމެއްގައި ތިބުމަށްފަހު ދަރިވަރުން އެނބުރި ސްކޫލްތަކަށް ނުކުންނައިރު ދަރިވަރުންނަށް ނަފްސާނީ އެހީތެރިކަން ފޯރުކޮށްދޭން ޓީޗަރުން ތައްޔާރުކުރުމަށްޓަކައި 11،000 ޓީޗަރުންނަށް ސައިކޯސޯޝަލް ތަމްރީނު ދޭނެ ކަމަށެވެ. އަދި ސްކޫލްތަކުގެ ސަޕޯޓް ސްޓާފުންނަށް ސެނިޓައިޒާ އާއި ޑިސްއިންފެކްޓް ކުރާނެ ގޮތުގެ ތަމްރީނުތައް ހިންގަމުން އަންނަ ކަމަށް ވެސް މިނިސްޓްރީން މައުލޫމާތުދެއެވެ.

ކޮވިޑް ނެތް ރަށްރަށުގައި އަންނަ މަހުގެ 1 ގައި ސްކޫލުތައް ހުޅުވަން ނިންމާފައިވާއިރު މާލޭގެ ސްކޫލުތަކުގެ ކިޔަވައިދޭނީ ގުރޭޑް ނުވަޔަކުން މަތީގެ ގުރޭޑްތަކަށެވެ.