ޚަބަރު

މަޑުއްވަރީ ބަނދަރު ހެދުމުގެ މަޝްރޫގެ ބޮޑުބައެއް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެފި

މަރިޔަމް ޝަހުދާ

ރ. މަޑުއްވަރީ ބަނދަރު ހެދުމުގެ މަޝްރޫގެ ބޮޑުބައެއް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެފި އެވެ.

އެމްޓީސީސީން މައުލޫމާތު ދިން ގޮތުގައި މަޑުއްވަރީ ފަޅު ކޮނުމުގެ %90 މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އަދި ނެރުގެ %95 މަސައްކަތްވެސް ނިމިފައިވާ ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ.

އެގޮތުން މި މަޝްރޫއުގެ ދަށުން 72,800 ކިއުބިކް މީޓަރު ސަރަހައްދެއް ކޮނެފައިވާ ކަމަށް އެމްޓީސީސިން މައުލޫމާތު ދެއެވެ. އަދި 411 މީޓަރު ބޭރު ތޮށި ހެދުމާއި، 566 މީޓަރު އެއްގަމު ތޮށި ހެދުން އަދި 135 މީޓަރުގެ ރިވެޓްމަންޓު ޖެހުމުގެ މަސައްކަތް ކުރާނެ ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ.

މީގެ އިތުރުން ބަނދަރުގެ އެއްގަމު ތޮށީގައި 2،825 ސްކޮޔާ މީޓަރުގެ ޕޭވްމަންޓު ސަރަހައްދެއް ހެދުމުގެ އިތުރުން ބަނދަރު ބައްތި އާއި ނެރު ބައްތި ޖެހުމުގެ މަސައްކަތް މި ޕްރޮޖެކްޓުގައި ކުރާނެ ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ.

ޕްލޭނިންގް މިނިސްޓްރީން މިދިޔަ އަހަރު އޮގަސްޓު މަހު އެމްޓީސީސީއާއި ހަވާލު ކުރި މި ޕްރޮޖެކްޓުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރު ނޮވެމްބަރު މަހުގައި ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ.