ޚަބަރު

ފޮނަދޫ މަގުތައް ހެދުމުގެ ޕްރޮޖެކްޓުގެ %56 ނިމިއްޖެ ކަމަށް އެމްޓީސީސީން ބުނެފި

މަރިޔަމް ޝަހުދާ

ލ. ފޮނަދޫ މަގުތައް ހެދުމުގެ ޕްރޮޖެކްޓުގެ %56 މަސައްކަތް ނިމިއްޖެ ކަމަށް އެމްޓީސީސީން ބުނެފި އެވެ.

އެމްޓީސީސީން މައުލޫމާތު ދިން ގޮތުގައި މި ޕްރޮޖެކްޓުގެ ދަށުން ފޮނަދޫގެ 12 މަގެއްގެ 27،848 ސްކޮޔާ މީޓަރު ސަރަހައްދެއްގައި ތާރު އަޅާނެއެވެ. އެއީ 12 މަގުގެ ޖުމުލަ ދިގު މިނުގައި 3.5 ކިލޯ މީޓަރު ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ.

މީގެ އިތުރުން ވިއްސާރަ ދުވަސްވަރު ރަށުގައި ފެން ބޮޑުވިޔަ ނުދިނުމަށް ސްޓޯމް ވޯޓާ މެނޭޖްމަންޓް ސިސްޓަމެއް މި ޕްރޮޖެކްޓުގެ ދަށުން ގާއިމު ކުރާނެ ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ. އަދި މި ޕްރޮޖެކްޓުގެ ދަށުން ހަދާ މަގުތަކުގައި ސްޕީޑް ބްރޭކަރު ހަދާނެ ކަމަށާއި 13،702 މީޓަރު ސަރަހައްދެއްގައި "ރޯޑް މާކިންގްސް" ޖަހާނެ ކަމަށްވެސް އެމްޓީސީސީން މައުލޫމާތު ދެއެވެ.

މި ޕްރޮޖެކްޓުގެ މަސައްކަތް އެމްޓީސީސީން ފަށާފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުއެވެ.

މި ޕްރޮޖެކްޓު ކުރީގެ ސަރުކާރުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ރޯޑް ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެމްއާރްޑީސީ) އާއެވެ. ނަމަވެސް މި ޕްރޮޖެކްޓުގެ މަސައްކަތްތައް ބާރު ސްޕީޑެއްގައި ކުރިއަށް ގެންދެވިފައި ނުވާތީ މި ޕްރޮޖެކްޓު މިދިޔަ އަހަރު އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ އާ ޕްރޮޖެކްޓެއްގެ ގޮތުގައި ކަމަށް ޕްލޭނިންގް މިނިސްޓްރީން މައުލޫމާތު ދެއެވެ.