ކޮވިޑް 19ގެ ސަބަބުން ރާއްޖެ ބަންދުކޮށް، ލޮކްޑައުންއަކަށް ދިއުމުގެ ސަބަބުން މަސައްކަތެއްނެތި ގޭގައި ތިބެން ޖެހުމުން އެތައް ދިވެހީންނެއްގެ އިތުރު ހުނަރުތައް ފެނިގެން ދިޔައެވެ. އެގޮތުން "ރާއްޖެ އާޓްޕޯސްޓިގް" އަކީ ލޮކްޑައުންގައި އެކި މީހުން ކުރަމުން އައި މަސައްކަތްތައް ހިއްސާ ކުރުމަށް ހުޅުވައިލެވުނު ފޭސްބުކް ގްރޫޕެކެވެ.
މާލެއަށް އުފަން 18 އަހަރުގެ މަރިޔަމް އިޝާ މުމްތާޒް އަކީވެސް މި ގްރޫޕުގައި އަމިއްލަ ހުނަރު ހިއްސާކުރަމުން އަންނަ ހުނަރުވެރި ޒުވާނެކެވެ. އެކި ސްޓައިލްގެ ކުރެހުމަށް އިޝާ ޝައުގުވެރިކަން ހުންނަ އިރު، ކެލިގްރަފީއަކީ އިޝާގެ ހާއްސަ ސްޓައިލެކެވެ.
މިދިޔަ އަހަރު އޭ ލެވެލް ނިންމުމަށްފަހު، އާޓްގެ ދާއިރާއިން އިތުރަށް ކިޔެވުމުގެ އަޒުމުގައި ހުރި އިޝާ ބުނީ ކެލިގްރަފީ އަކީ ވަކި ތަމްރީނެެއް ނެތި، އޭނާ އަމިއްލައަށް ދަސްކުރި ކަމެއް ކަމަށެވެ. އޯލެވެލް ކިޔެވި ދުވަސްވަރު އާޓް ކިޔެވިނަމަވެސް ކެލިގްރަފީއަށް ޝައުގުވެރިކަން އުފެދުނީ މީގެ އަހަރެއްހާ ދުވަސް ކުރިން ކަމަށް އިޝާ ކިޔައިދިނެވެ.
އިޝާ ކިޔައިދިން ގޮތުން ކެލިގްރަފީއަށް ފުރަތަމަ ޝައުގުވެރިކަން އުފެދުނީ ގޭތެރެއިން ފެނުނު ކާޑްބޯޑުގަނޑެއް "އަޕްސައިކަލް" ކުރަން އުޅުމުގެ ތެރެއިންނެވެ. އެއީ މިދިޔަ އަހަރު ކުރީ ކޮޅެވެ.
"އެދުވަހު ގޭތެރެއިން ފެނުނީ ވަށްކޮށް އޮތް ބޮޑު ކާޑްބޯޑް ގަނޑެއް. ދެން އަބަދުވެސް އެއްޗެހި އަޕްސައިކަލް ކުރުމަށް ޝައުގުވެރިކަން ހުންނާތީ ހިތަށް އެރީ އޭގެ ކޮންމެވެސް ބޭނުމެއް ކުރާނީއޭ. އެހެންވެ އޭގަ ޕެއިންޓް ކުރަން ފެށީ. ޕެއިންޓް ކުރަން ފަށާފަ ދެން ހިތަށް އެރީ ކެލިގްރަފީ ޓްރައި ކޮށްލާނީއޭ."
އެދުވަހު އޭނާއަށް ކުރެވުނު މަސައްކަތާމެދު ވަރަށް ހިތްހަމަ ޖެހުނު ކަމަށް އިޝާ ކިޔައިދިނެވެ. ކެލިގްރަފީ އާޓްގެ މަސައްކަތް ފެށީ އެކަމަށް އުފެދުނު ޝައުގުވެރިކަމެއްގެ ސަބަބުން ކަމަށް އިޝާ ކިޔައިދިނެވެ. އާއިލާ އާއި ރައްޓެހިންގެ ހިތްވަރާއެކު މިހާރު އަމިއްލަ އިންސްޓަގްރާމް ޕޭޖެއް ހަދައި، އޭނާގެ މަސައްކަތްތައް ވިއްކަމުން އަންނަކަން އިޝާ ފާހަގަ ކުރިއެވެ.
އިންސްޓާގްރާމްގައި "ishaa_arts"ގެ ނަމުގައި ޕޭޖެއް ހުޅުވައި، އިޝާގެ އަމިއްލަ މަސައްކަތްތައް ވިއްކަން ފަށާފައިވަނީ މީގެ ހައެއްކަ މަސްދުވަސް ކުރިންނެވެ. އިޝާ ބުނީ މިއީ އެއް އިރެއްގައިވެސް ކުރަން ހިޔާލު ކުރި ކަމެއް ނޫން ކަމަށެވެ. މަސައްކަތަށް އިތުރު ޝައުގުވެރިކަމެއް އުފެދި އަމިއްލަ މަސައްކަތްތައް ވިއްކަން ފެށީ އޭނާގެ މަސައްކަތް މީހުން ބަލައިގަނެ، އެކަމަށް އެދުމުން ކަމަށް އިޝާ ކިޔައިދިނެވެ.
އެގޮތުން މަސައްކަތް ކުރިއަށް ގެންދާނެ ގޮތުގެ ހިޔާލު އަބަދުވެސް ޕިންޓްރެސްޓުން ނަގާކަން އިޝާ ފާހަގަ ކުރެއެވެ. ދެން މަސައްކަތް ކުރަނީ ޕިންޓްރެސްޓުން ފެންނަ އެކި ކުރެހުންތަކުން "އިންސްޕިރޭޝަން" ލިބިގެން، އަމިއްލަ ހިޔާލަށް ކަމަށް އިޝާ ކިޔައިދިނެވެ.
އިޝާ ކިޔައިދިން ގޮތުން ކެލިގްރަފީއަކީ ވަރަށް ކެތްތެރިކަމާއެކު، އެކަމަށް ގިނަ ވަގުތުތަކެއް ހޭދަވާ ކަމެކެވެ. އެންމެ މަސައްކަތެއް ނިންމުމަށްވެސް ހަފްތާއަކާއި މަހަކާ ދެމެދުގެ މުއްދަތެއް ބައެއް ފަހަރު ނަގާކަން އިޝާ ފާހަގަ ކުރިއެވެ. ނަމަވެސް މަސައްކަތުގެ އަގާމެދު ގިނަ ބަޔަކު ފާޑު ކިޔައި، އެކަމާ ނުރުހުން ފާޅުކުރާކަން އިޝާ ފަހަގަ ކުރެއެވެ. މިއީ މިފަދަ މަސައްކަތެއް ކުރުމުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުން ކަމަށް އިޝާ ފާހަގަ ކުރެއެވެ. އިޝާ ކިޔައިދިން ގޮތުގައި އޭނާގެ މަސައްކަތްތަކަށް އަގު ކިޔަނީ ކޮންމެ މަސައްކަތަކަށްވެސް ހޭދަވާ ވަގުތާއި، ކުރެހުމުގެ ކުޑަ ބޮޑުމިން ފަދަ ކަންކަމަށް ބަލައިގެންނެވެ.
އިޝާ ބުނީ އޭނާގެ ކެލިގްރަފީގެ އިތުރުން ކުރެހުންތަކަށްވެސް ވަކި މީޑިއަމެއް ހިޔާރު ކުރުމުގެ ބަދަލުގައި، އެކި މީޑިއަމްތަކުން އާ އެކްސްޕެރިމަންޓު ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް ބޮޑަށް ޝައުގުވެރިވަނީ އެކްރެލިކްސް މީޑިއަމަށް ކަމަށް އިޝާ ބުންޏެވެ. މިހާރުވެސް މަސައްކަތް ކުރަނީ އޭނާގެ މަސައްކަތްތައް އިތުރަށް ފުރިހަމަ ކުރުމަށްކަމަށް އިޝާ ބުންޏެވެ.
އާޓްސްގެ ދާއިރާގައި އޭނާގެ އެންމެ ބޮޑު އިންސްޕިރޭޝަނަކީ އެމެރިކާގެ މަޝްހޫރު ޕްރެސެންޓަރު އަދި އާޓިސްޓު ބޮބް ރޮސްގެ މަސައްކަތް ކަމަށް އިޝާ ބުނެއެވެ. އޭގެ އިތުރުން އޭނާގެ ކުރީގެ މަސައްކަތްތަކާ އަޅައި ބަލާއިރު، މީހާ މިހާރު ކުރިއަރާފައިވާ މިންވަރު ފެނުމުންވެސް ދާއިރާއިން ކުރިޔަށް ދާން ހިތްވަރު ލިބޭ ކަމަށް އިޝާ ބުންޏެވެ.
އިޝާ ބުނީ މިވަގުތު ހިޔާލު ހުރީ އާޓްސްގެ ދާއިރާއިން އިތުރަށް ކިޔެވުމަށް ކަމަށެވެ. ކުރިއަށް ދާނެ ދާއިރާއެއްގެ ހިޔާރު ކުރަން ބޭނުންވަނީ އިޝާގެ "ޕެޝަން" އިން ކަމަށްވެސް އޭނާ ބުންޏެވެ. ނަމަވެސް މި ދާއިރާ އަކީ ރާއްޖޭގައި ޕްރޮފެޝަނަލް ލެވެލްއެއްގައި ކުރިއެރުމެއް ހޯދުން އުނގަދޫ ދާއިރާއެއްކަމަށް އިޝާ ދެކެއެވެ. ކަން މިހެން ހުރި ނަމަވެސް އުއްމީދަކީ އަވަސް މުސްތަގުބަލެއްގައި މިދާއިރާއިން ކިޔެވުމުގެ ފުރުސަތު ލިބުން ކަމަށް އިޝާ ބުންޏެވެ.
އިޝާ ބުނާގޮތުން ރާއްޖޭގައި އެކި ކަހަލަ ފަންނުވެރިން ވަރަށް ގިނައެވެ. އެހެން ނަމަވެސް ކުދި ވިޔަފާރިތަކުން އަމިއްލަ މަސައްކަތް ވިއްކާ ފަންނުވެރިންނަށް ހުރި ގޮންޖެހުންތައް ގިނަކަން އިޝާ ފާހަގަ ކުރެއެވެ.
އިޝާ ގަބޫލުކުރާ ގޮތުގައި ކޮންމެ މަސައްކަތެއްވެސް ކުރެވޭނީ އަޒުމާއެކު ގަދައަޅައި މަސައްކަތްކޮށްގެންނެވެ. އާއިލާ އާއި ރަށްޓެހިންގެ އެހީއާއި ހިތްވަރާއެކު މިހާރުގެ ކާމިޔާބަށް އޭނާއަށް ވާސިލުވެވުނީ އެކި ދަތިތަކާ ކުރިމަތިލައިގެން ކަމަށް އިޝާ ބުންޏެވެ. އަދި ދަތިތަކާ ކުރިމަތިވިނަމަވެސް، ބޭނުން ކަމަކަށް ގަދައަޅައި މަސައްކަތް ކުރުމަކީ ކާމިޔާބީ ފެންނާނެ ކަމެއް ކަމަށްވެސް އިޝާ ބުންޏެވެ.