ދުނިޔެ

މެކްސިކޯގައި އުފަންވި އެއްމާބަނޑު ތިން ކުދިން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

މުހައްމަދު އައުޒަމް

މެކްސިކޯގައި އުފަންވި އެއްމާބަނޑު ތިން ކުދިން ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

މެކްސިކޯގެ ސިއްހީ މާހިރުން ވަނީ މިތިން ކުދިން ކޮވިޑަށް ޕޮޒިޓިވް ވީ އެކުދިންގެ މަންމަގެ ސަބަބުންތޯ ހޯދުމަށް ތަހުގީގު ފަށައިފައެވެ.

ތުއްތު ތިން ކުދިންގެ ތެރެއިން ދެކުދިންގެ ހާލު ރަނގަޅު ނަމަވެސް އެއްކުއްޖަކަށް ނޭވާލުމުގައި އުދަނގޫތަކެއް ހުރުމުން ފަރުވާ ދޭން ފަށާފައިވާކަމަށް އެގައުމުގެ ސިއްހީ އޮފިޝަލުން ބުނެފައިވެއެވެ.

މެކްސިކޯގެ ހެލްތު ސޭފްޓީ ކޮމިޓީގެ ތަރުޖަމާނު ވަނީ އެއްމާބަނޑު ކުދިން އުފަންވުމަށްފަހު ކޮވިޑަށް ހުށަހެޅިފައިވާކަން މިހާތަނަށް ދުނިޔޭގެ އެއްވެސް ގައުމަކުން ފެނިފައިނުވާތީ މިކަން ހާއްސަ ކަމެއްގެ ގޮތުގައި ތަހުގީގު ކުރަން ފަށާފައިވާކަމަށް ބުނެފައެވެ.

އެގައުމުގެ ސިއްހީ މާހިރަކު ވަނީ މިކުދިންނަށް ކޮވިޑް ޖެހިފައިވަނީ ވިހެއުމުގެ ތެރޭގައި ނޫންކަން ޔަގީން ވާ ކަމަށް ބުނެފައެވެ. އަދި މިހާރު މިކުދިންގެ މައިންބަފައިން ކޮވިޑަށް ޓެސްޓު ކޮށްފައިވާ ކަމަށާއި ނަތީޖާ ލިބުމުން އިތުރަށް ބަލަން ޖެހޭ ކަމެއް ހުރިތޯ ބަލާނެ ކަމަށެވެ.

މެކްސިކޯއިން ވަނީ 185،000 އަށްވުރން ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާކަމަށް ބުނެފައެވެ. އަދިމިހާތަނަށް 22،584 މީހުން އެގައުމުން މި ބަލީގައި މަރުވެފައި ވެއެވެ.