ރިޕޯޓް

ރާއްޖޭގެ ވޮލީބޯޅަ އޮޔާދަނީ؟ އެސޯސިއޭޝަން އިދާރީ ހުސްކަމެއްގައި އޮންނަތާ އަހަރެއް!

އައިދާ އަބްދުލް ހަކީމް

3

ފާއިތުވި އަހަރުތަކުގައި ދިވެހިރާއްޖޭގެ ކުޅިވަރު ކޮމިނިއުޓީގެ އިސްބޭފުޅުން ފާހަގަ ކުރައްވާފައިވާ ގޮތުގައި ރާއްޖޭގެ ކުޅިވަރަށް ލިބިގެންދިޔަ އެންމެ ބޮޑު އެއް ކުރިއެރުމަކީ ކުޅިވަރާ ބެހޭ ގާނޫނެއް ރައްޔިތުން މަޖިލީހުން ފާސްކޮށް ރައީސުލް ޖުމްހޫރިއްޔާ ތަސްދީގު ކުރެއްވުމެވެ. މިގާނޫނުގެ މަގްސަދަކީ ކުޅިވަރުގެ ދާއިރާތައް ކުރިއަރުވައި ދިވެހިރާއްޖޭގައި ކުޅިވަރުގެ ދާއިރާގައި ހަރަކާތްތެރިވާ އެންމެހާ ފަރާތްތައް ބާރުވެރި ކުރުވައި، އެކަންކަމަށް އިދާރީ އަދި މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށްފަހު، އެންމެންގެ ބައިވެރިވުމާ އެކު ކުޅިވަރު މެދުވެރިކޮށް ގައުމު ތަރައްގީކޮށް ކުޅިވަރަށް ބޭނުންވާ ޑިމޮކްރެޓިކް އުސޫލުތަކާއި ސިޔާސަތުތައް ކަނޑައަޅައި ތަންފީޒުކޮށް ތަރުތީބު ކުރުމެވެ.

މިގޮތުން ރާއްޖޭގައި ކުޅިވަރުގެ ދާއިރާގައި ހަރަކާތްތެރިވާ ކްލަބް ޖަމިއްޔާތައް، އެސޯސިއޭޝަން އަދި ފެޑެރޭޝަންތައް ކުޅިވަރު ގާނޫނާ އެއްގޮތަށް ރަޖިސްޓްރީ ކުރުމަށްފަހު، އެފަރާތްތަކުގެ އަސާސީ އަދި ހިންގާ ގަވާއިދުގައިވާ ގޮތުގެމަތީން އަމަލު ކުރަމުންދޭތޯ ބަލައި ފާރަވެރިވުމަށް ކުޅިވަރުގެ ގައުމީ މަޖިލީހެއް އުފަންކޮށް ވަކިން ހާއްސަކޮށް ކޮމިޝަނާ އޮފް ސްޕޯޓްސްގެ މަގާމަށް ބޭފުޅަކު ކަނޑައަޅާފައިވާކަން އެއީ ކުޅިވަރުގެ އިދާރީ ކަންކަން އިންޓަނޭޝަނަލް ބެސްޓް ޕްރެސްކްޓިސް އާ އެއްގޮތަށް ތަރުތީބުކުރުމަށް ލިބިގެން ދިޔަ ކާމިޔާބެއްގެ ގޮތުގައި ގިނަ ބަޔަކަު ދެކެ އެވެ.

ކަންމިހެން އޮތްއިރު ކުޅިވަރު ގާނޫނުން ބާރު ލިބިގެން އައްޔަނު ކުރެވިފައިވާ ކޮމިޝަނާ އޮފް ސްޕޯޓްސް އަދި ކުޅިވަރު ގައުމީ މަޖިލީސް، އެ ފަރާތްތަކަށް ގާނޫން ލާޒިމްކޮށްފައިވާ ޒިންމާ ބަރާބަރަށް އަދާކުރަމުންގެންދޭތޯ އާއި ހަމަހަމަ އުސޫލުން ގާނޫނީ ފިޔަވަޅުތައް ތަންފީޒު ކުރަމުން ގެންދޭތޯ މިއީ މިފަހަކަށް އައިސް ކުޅިވަރު އާއިލާތެރޭގައި ވަރަށް ހޫނުކޮށް ބަހުސުކުރެވެމުންދާ އެއް މައްސަލައެވެ.

މިގޮތުން މިދިޔަ އަހަރު ފާހަގަވެގެން ދިޔައެއް މައްސަލަ އަކީ ވޮލީބޯލް އެސޯސިއެޝަން އޮފް މޯލްޑިވްސްގެ މައްސަލައެވެ. އެ އެސޯސިއޭޝަންގެ އަހަރީ ބައްދަލުވުން އެންމެ މެންބަރެއް ހިމަނައިގެން ކުރިއަށް ގެންގޮސް އާ ލޯގޯ ފާސްކުރުމާ ގުޅިގެން އެ އެސޯސިއޭޝަނާ ގުޅުން ހުރި އެތައް މައްސަލަތަކެއް ފެންމަތި ވެ، އަދި ހިންގާ ގަވާއިދާ ހިލާފަށް އަމަލުކޮށްފައިވާ ކަމަށް ބުނެ ކޮމިޝަނާ އޮފް ސްޕޯޓްސްގެ ދިގު އަތް އެއެސޯސިއޭޝަންގެ ދޮރުން އެތެރެ ވެ، ހިންގާ ކޮމިޓީ އުވައިލުމަށްފަހު، އިންތިގާލީ މަރުހަލާއަކަށް ގެންގޮސް އެސޯސިއޭޝަން ހިންގުމަށް ނޯމަލައިޒޭޝަން ކޮމިޓީއެއް އެކުލަވާލުމާ ގުޅިގެން ދިވެހިރާއްޖޭގެ ވޮލީގެ މައި އިދާރާ ޕެރަލައިޒްވެފައި އޮންނަތާ އެއް އަހަރާއި ދެމަސް ފުރިހަމަ ވެއްޖެއެވެ.

މިދިޔަ އަހަރުގެ މެއި މަހު ވީއޭއެމް އާ ގުޅޭ ގިނަ މައްސަލަތަކެއް ހުށަހަޅާފައި ވާތީ އެ އެސޯސިއޭޝަންގެ ރައީސެއްގެ ގޮތުގައި ހުންނެވި މުހައްމަދު ލަތީފު އެމަގާމުން ދުރުކޮށް، ކޮމިޓީއެއް މެދުވެރިކޮށް އެކަންތައްތައް ބެލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ސްޕޯޓްސް މިނިސްޓްރީން ވަނީ ބުނެފައެވެ. އެމައްސަލަތައް ބެލުމަށްފަހު ސްޕޯޓްސް ކޮމިޝަނުން ވަނީ ނޯމަލައިޒޭޝަން ކޮމެޓީއެއް މިދިޔަ އަހަރު އެކުލަވައިލައިފައެވެ. ނަމަވެސް ވޮލީގެ ބައިނަލް އަގުވާމީ މައި އިދާރާ، އެފްއައިވީބީން ވަނީ އެކޮމިޓީ ބަލައި ނުގަންނަކަން އަންގައިފައެވެ.

އޭގެފަހުން ސްޕޯޓްސް ކޮމިޝަނުން އެކުލަވައިލި ނޯމަލައިޒޭޝަން ކޮމެޓީން ކަނޑައެޅި އަށް ކުލަބުގެ ތެރެއިން ހަ ކުލަބުން ވަނީ ލަތީފުގެ އިތުބާރު ނެތްކަމަށް ކަނޑައަޅައިފައެވެ. އެހެންނަމަވެސް މިހާތަނަށް އައި އިރު، އެފްއައިވީބީން ވެސް އަދި ސަރަހައްދީ ވޮލީގެ މައި އިދާރާ، އޭވީސީން ވެސް އެކަން ބަލައިގަތް ކަމަށް އަންގައިފައެއް ނުވެއެވެ. އޭގެފަހުން ރާއްޖޭގެ ވޮލީގައި ޖެހިގެން އުޅޭ މައްސަލަ ބެލުމަށް އެފްއައިވީބީން މިވަނީ މަސައްކަތް ފަށައިފައެވެ. އެ މަސައްކަތް ނިމޭނެ ދުވަހެއް އަދިވެސް ނޭނގެއެވެ.

ވޮލީގެ ކަންކަން މިހާރު ގޮސްފައިވާ ހިސާބަށް ބަލާއިރު ދުނިޔޭގެ ވޮލީގެ މައި އިދާރާ އެފްއައިބީީން ދަނީ ކަން ހިނގައިދިޔަ ގޮތް ބަލައި ތަހުގީގުކުރަމުންނެވެ. އެ ކަމަށް ކޮމިޓީއެއް އެކުލަވައިލައިފައިވާއިރު މިމައްސަލައިގައި ގޮތެއް ނިންމުމަށް ހޭދަވާނީ ކިހާ ދުވަހެއް ކަމެއް ސްޕޯޓްސް ކޮމިޝަނާއި، އޮލިމްޕިކް ކޮމިޓީގެ އިތުރުން ޔޫތު މިނިސްޓްރީ އަކަށް ވެސް ނޭނގެއެވެ.

މި މަސައްކަތް ގޮސްފައިވާ ހިސާބު "ވަން" އިން ސާފު ކޮށްލުމުން އޮލިމްޕިކް ކޮމިޓީގެ ޖެނެރަލް ސެކެޓްރީ އަހްމަދު މަރުޒޫގު ވިދާޅުވީ އެ މައްސަކަތް މިހާރު އޮތް ހިސާބެއް އެނގިވަޑައި ނުގަންނަވާ ކަމަށާއި އެކަން އެފްއައިވީބީން މިހާރު ބަލަމުން އަންނަ ކަމަށެވެ. ޔޫތު މިނިސްޓްރީން މި ކަމާއި ގުޅިގެން "ވަން" އަށް ބުނެފައިވަނީ އެންމެ ފަހުން ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު އެފްއައިވީބީން ރާއްޖެ އަންނަން ހަމަޖެހިފައިވަނިކޮށް ކޮވިޑާއި ގުޅިގެން ބޯޑަރު ބަންދު ކުރުމުން މިހާރު އެފްއައިވީބީން އެދުނު ލިޔެކިޔުންތައް ވަނީ ފޮނުވައިފަ އެވެ. ޔޫތު މިނިސްޓްރީންވެސް ބުނަނީ އެފްއައިވީބީން އެކަން ބަލަމުން އަންނަ ކަމަށް އެނގިފައިވާ ކަމަށެވެ. އަދި ޔޫތު މިނިސްޓްރީން ބުނަނީ އެކަމަކީ ސްޕޯޓްސް ކޮމިޝަނަރާއި ވޮލީބޯޅަ އެސޯސިއޭޝަނާ ދެމެދުގައި އޮތް ކަމެއް ކަމަށެވެ. ޔޫތު މިނިސްޓްރީން މިހެން ބުނެފައިވީނަމަވެސް ވީއޭއެމްގެ ގިނަ ކަންކަމުގައި ޔޫތު މިނިސްޓްރީގެ މުވައްޒަފުން ހަރަކާތްތެރިވާކަން ވަނީ ފާހަގަ ކުރެވިފައެވެ.

މިކަމަކީ ކޮންމެ ބައެއްގެ ދެމެދުގައި އޮތް ކަމެއް ނަމަވެސް މިކަން ހައްލުކޮށް ވީހާވެސް އަވަހަށް ވޮލީގެ ފޯރި އަލުން ގެންނަން ވޮލީ އާއިލާއިން އެދި އާދޭސް ކުރާތާ ދޮޅު އަހަރު ވަނީއެވެ. ދެބައި މީހުން ދޭތެރޭގައި ޖެހިގެން އުޅޭ މައްސަލާގައި ވޮލީގެ އާއިލާ އޮތީ ވާނުވާގައެވެ. އެމީހުން ތިބީ ކުރިއަށް ދާންވީ ކިހިނެއް ކޮންބަޔަކާ އެކު ކަން ނޭނގި އޮޅުންބޮޅުންގަނޑެއްގެ ތެރޭގައެވެ. ޒިންމާ ނަގާނެ ބަޔަކު ނެތެވެ. މި ކަމުގެސަބަބުން ހުރިހާގެއްލުމެއް ލިބެނީ ވޮލީ އާއިލާ އަށެވެ. ހަލާކުވަމުން ދަނީ ރާއްޖޭގެ ވޮލީ އެވެ. ނެތެމުން ދަނީ ހުނަރުހުރި އެތައް ކުޅުންތެރީންނެއްގެ ހުނަރެވެ. ގެއްލެމުން ދަނީ އެކުޅުންތެރީން އާމްދަނީން ހޯދުމަށް ކުޅެމުން އައި ކުޅިވަރު ކުޅުމުގެ ފުރުސަތެވެ. ވޮލީގެ އާއިލާއިން ބޭނުންވަނީ މައްސަލައަށް ހައްލެކެވެ. އެކަން ކުރާން ޒިންމާ ނަގާނެ ބަޔަކު ތިބިތަނެއް ނުފެނެ އެވެ. ފެންނަމުން މިދަނީ މުޅި ރާއްޖޭގައިވެސް ދެޖިންސުގެ މީހުން މި ފަހަކަށް އައިސް އެންމެ ފޯރި ގަދަކޮށް ކުޅެމުން އައި ކުޅިވަރު އޮޔާދާ މަންޒަރެވެ.